Advertisement

ޕޮލިސް ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި

19 މާރިޗު 2024 - 19:55 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި ފުލުހުންގެ އިސްވެރިން : ޕޮލިސް ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި - ފޮޓޯ: ފުލުހުން


ޕޮލިސް ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި

19 މާރިޗު 2024 - 19:55 0

އަމަލީ މަސައްކަތް ފެށިތާ 11 އަހަރު ފަހުން، ފުލުހުންނަށް ހާއްސަކޮށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރި ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި އެވެ.

މީގެ 11 އަހަރު ކުރިން 2013 ގައި އަޅަން ހަވާލުކުރި ފުލުހުންގެ ފުލެޓުތައް ނިންމާ އެ ތަނުގައި މީހުން ދިރިއުޅެން ފެށިކަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް އަދި ނުނިމޭތީ މިހާރު މީހުން އުޅެނީ ފުރަތަމަ ފަސް ފަންގިފިލާގައި ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ 20 ގެ ކުރިން ކޮންމެ ޓަވަރެއްގައި އެއް ލިފްޓް ބޭނުންކުރެވޭވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ މަސައްކަތް ދިވެހި ސަރުކާރުން ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާ އެވެ. އެ ކުންފުނިން އެ މަޝްރޫއު ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. މި ދެ ކުންފުންޏަކީ ވެސް ތައިލެންޑުގެ ވިޔަފާރިވެރިޔާ އަނޮން ސޮންޕަންޏާގެ ކުންފުނިތަކެކެވެ.

އައިލެންޑް އެކްސްޕާޓުން މި ފްލެޓުތަކުގެ މަސައްކަތް ހުއްޓާލީ ކޮވިޑު ދުވަސްވަރު މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިގެން ކަމަށް އަނޮންއާ ހަވާލާދީ އެ ދުވަސްވަރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މި ކުންފުނިން މުސާރަ ނުދީގެން އެތަނުގެ މުވައްޒަފުން ފުލުހުންނާ ކުރިމަތިލާ ހިސާބަށް ވެސް މައްސަލަ ގޯސްވި އެވެ.

ކުރީ ސަރުކާރުން ފަހުން ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އަދި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޓްވެންޓީތާޑް މެޓަލާޖިކަލް ކޯޕަރޭޝަނާ އެވެ. ޗައިނާ ކުންފުނިން މިދިޔަ އަހަރުގެ ތެރޭގައި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ނިންމާ އެތަނުގައި މީހުން ދިރިއުޅެމުން އަންނަތާ ހަ މަހެއްހާ ދުވަސް ވެއްޖެ އެވެ.