Advertisement

ކަރުދާސް ފޮތް ކިޔުން މާޒީވެއްޖެ: އެމޭޒަން ކިންޑްލް އަދި ގޫގަލް ބުކްސްޓޯރުގެ ވާހަަކަ

23 މާރިޗު 2024 - 12:33 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ކަރުދާސް ފޮތް ކިޔުން މާޒީވެއްޖެ: އެމޭޒަން ކިންޑްލް އަދި ގޫގަލް ބުކްސްޓޯރުގެ ވާހަަކަ

23 މާރިޗު 2024 - 12:33 0

ގަލާއި ފިލާ، މުށްޓާއި ފޮތި އަދި ޕެޕީރަސް ފަތުގައި ލިޔެކިޔައި އުޅުނު ޒަމާން ފާއިތުވި ގޮތަށް ކަރުދާސް ފޮތުގައި ލިޔެކިޔެ އުޅުން ޒަމާން މަޑުމަޑުން އަހަރުމެންނާ ދުރަށް ދަނީ އެވެ.

މިހާރު ލިޔަނީ ވެސް، ކިޔަނީ ވެސް، ބަލަނީ ވެސް އަދި މަސައްކަތް ކުރަނީ ވެސް ކޮމްޕިއުޓަރުގަ އެވެ. ކަރުދާސް ފޮތް ބޭނުން ކުރަނީ، ޒަމާނަށް ނުފެތޭ ކުތުބުހާނާ، މަދަރުސާ ފަދަ ތަންތަނުގަ އެވެ.

މޯބައިލް ފޯނު، ޓެބްލެޓަކީ ލިޔަންކިޔަން މިހާރު އެންމެ އާންމުކޮށް ބޭނުން ކުރާ ކޮމްޕިއުޓަރުތަކުގެ ބާވަތްތަކެވެ. ކޮމްޕިއުޓަރުން ފޮތް ކިޔުމުގެ ޒަމާނަށް މަރުހަބާ ކިޔާއިރު އެ ވަސީލަތް މެދުވެރިކޮށް ފޮތް ވިއްކުމުގެ އެންމެ ކުރީގައި އުޅެނީ ގޫގުލް އާއި އެމޭޒަން އެވެ.

އެމޭޒަންއިން ކޮމްޕިއުޓަރުގައި އީ-ފޮތް ވިއްކަން ފެށީ މީގެ 16 އަހަރު ކުރިން ނޮވެމްބަރު، 2007، ގައި އެމޭޒަން ކިންޑްލް ތައާރަފު ކުރި ހިސާބުންނެވެ. އޭގެ ތިން އަހަރު ފަހުން ޑިސެމްބަރު، 2010، ގައި ގޫގުލް ޕްލޭ ބުކްސް ވެސް ލޯންޗު ކުރި އެވެ.

އެއާއެކު ފެށުނީ ކޮމްޕިއުޓަރުގައި ފޮތް ވިއްކުމުގެ ވަރުގަދަ ވާދަވެރިކަމެކެވެ. އީ-ކޮމާސްގެ ލީޑަރު އެމޭޒަން އާއި ސާޗް އިންޖީން ޖަޔަންޓު ގޫގުލް އެ ވިޔަފާރީގެ ތެރެއަށް ވަދެ، މުޅި ވިޔަފާރި އިންގިލާބު ކޮށްލައިފި އެވެ. ބޭނުން ފޮތެއް، ކޮންމެ ތަނަކު ހުރެގެން، ހެޔޮ އަގުގައި ގަނެ، ބޭނުން ޑިވައިސްއަކުން ކިޔާލުމަކީ މިހާރު އިންތިހާއަށް ފަސޭހަ ކަމެކެވެ.

އެމޭޒަން ކިންޑްލް އަދި އެޕްލިކޭޝަން

ކިންޑްލް ލޯންޗު ކުރީ 2007 ގައި ނަމަވެސް އެފަދަ ޑިވައިސްއެއް ހެދުމުގެ މަސައްކަތް ފެށީ އޭގެ ތިން އަހަރު ކުރިން 2004 ވަނަ އަހަރެވެ.

އެކަން ފެށުނީ، ދުނިޔޭގެ އެންމެ މޮޅު، ރަނގަޅު އީ-ރީޑާ ހަދަން އެމޭޒަންގެ ވެރިޔާ ޖެފް ބޭޒޯސް އޭނާގެ ސައިންޓިސްޓުން ކައިރި ބުނުމުންނެވެ. އީ-ރީޑާއެއް ހެދުމަށް އެންގުމުގެ އެއް ބޭނުމަކަށްވީ އޭނާގެ ވާދަވެރި ކުންފުނިތަކަށްވުރެ ކުރިން އެފަދަ ޑިވައިސްއެއް ހެދުމެވެ.

އެމޭޒަން އިން އެންމެ ފުރަތަމަ ތައާރަފު ކުރީ ފޮތް ކިޔާ ޓެބްލެޓެކެވެ. އިންޓަނެޓަށް ކަނެކްޓް ކުރުމަށްފަހު އެ ޓެބްލެޓުން ކިންޑްލް ސްޓޯރަށް ދިޔުމުން ފޮތް ގަނެވޭނެ އެވެ.

ކިންޑްލް އިން ހެދީ ކަރުދާސް ފޮތަކުން ގަނޑު އުކައިގެން ފޮތް ކިޔުމަށްވުރެ މާ ރަނގަޅު ތަޖުރިބާއެއް ކުރެވޭނެ ގޮތަށެވެ. އޭގެ ތެރެއިން އެންމެ މުހިންމީ ކިންޑްލްގެ ބިލްޓް އިން ޑިކްޝަނަރީ އެވެ. އަދި ކިޔަމުންދާ ފޮތުގެ ތެރެއިން ބަސްތައް ސާޗު ކުރެވުމަކީ ވެސް އޭގެ ތެރެއިން އެއް ކަމެވެ.

އެންމެ ފުރަތަމަ ކިންޑްލް ލޯންޗު ކުރީ 90،000 ފޮތާއެކު އެވެ. ކިންޑްލް ވިއްކަން ފެށިތާ ހަ ގަޑިއިރުގެ ތެރޭގައި އެއްކޮށް ވިކި ހުސްވި އެވެ.

އޭގެ ފަހުން ޖެނުއަރީ، 2008، ގައި އެމާޒަން އިން އޯޑިބަލް ގަތެވެ. އޯޑިބަލްއަކީ އޯޑިއޯ ފޮތް ވިއްޔާ ޕްލެޓްފޯމެކެވެ، އޯޑިބަލް ގަތީ 80،000 އޯޑިއޯ ފޮތާއެކު އެވެ.

ކިންޑްލް 2 ފެބްރުއަރީ، 2009، ގައި ނެރުނު އިރު އޭގެ އެންމެ ފާހަގަކޮށްލެވޭ ފީޗާއަކީ "ރީޑް ޓު މީ" އެވެ. އޭގެ އިތުރުން ވެސް ކިންޑްލް 2 ގެ މެމޮރީ ބޮޑުވެފައި، ގަނޑު އުކޭލެއް އަވަސްވުމާއި ބެޓެރީ ލައިފް އިތުރުވުމަކީ ވެސް ގެނައި ބަދަލުތަކެވެ.

ކިންޑްލްއަށް ދެން އެންމެ ބޮޑު އިންގިލާބެއް އައީ އައިފޯނަށް އަދި އައިޕޮޑަށް އިންސްޓޯލް ކުރެވޭނެ އެޕްލިކޭޝަނެއް މާޗް، 2009، ގައި ތައާރަފު ކުރުމުންނެވެ. ނަމަވެސް އެ އެޕްލިކޭޝަން އެންޑްރޮއިޑާ ހަމައަށް އައީ ޖޫން، 2010، ގަ އެވެ. އަދި ސެޕްޓެމްބަރު، 2010، ގައި ބްރައުސާއިން ވެސް ކިންޑްލްއަށް އެކްސެސް ވެވޭ ގޮތް ހެދި އެވެ.

ކުރިއަރަމުން ވަރުގަދަވަމުން ގޮސް ސެޕްޓެމްބަރު، 2013، ގައި ކިންޑްލް އިން "ގުޑްރީޑްސް" ގަތެވެ. އެއީ ފޮތް ރިވިއުކޮށް، ތަރި ދިނުމުގައި އެންމެ ފުޅާކޮށް ހަރަކާތްތެރިވާ ކިޔުންތެރިންގެ ކޮމިއުނިޓީ އެވެ. ގުޑްރީޑްސް ގަތުމަށްފަހު، އޭގެ ރޭޓިންގްސް ކިންޑްލްއިން ފެންނަ ގޮތް ހެދި އެވެ. އެކަން ވެގެންދިޔައީ ކިޔުންތެރިންނަށް ލިބުނު ބޮޑު ފަސޭހައަކަށެވެ.

ކިންޑްލް އިން ކުރި އެންމެ ސަޅި އެއް ކަމަކީ ކިންޑްލް އަންލިމިޓެޑް ތައާރަފު ކުރުމެވެ. ކިންޑްލް އަންލިމިޓެޑަށް ސަބްސްކްރައިބް ކުރުމުން (11.99 ޑޮލަރު) އެ ޕްރޮގްރާމުގެ ތެރެއިން ލިބެން ހުރި ހުރިހާ ފޮތެއް އިތުރު އަގަކާ ނުލައި ކިޔާލެވޭނެ އެވެ. އަދި އެ ޕްރޮގްރާމުގެ ތެރެއިން ފަހަރަކު 20 ފޮތް ނަގައިގެން ކިޔައިލެވޭނެ އެވެ.

ގޫގުލް ޕްލޭ ބުކްސް

ގޫގުލް ޕްލޭ ބުކްސް އެޕްލިކޭޝަން އެންމެ ފުރަތަމަ ލޯންޗު ކުރީ ގޫގުލް އީ-ބުކްސްގެ ނަމުގަ އެވެ. ފެށިއިރު އެ އެޕްލިކޭޝަނުގައި ގާތްގަނޑަކަށް ތިން މިލިއަން ފޮތް ލިބެން ހުއްޓެވެ. މިހާރު ޕްލޭ ބުކްސްގައި ގާތްގަނޑަކަށް ފަސް މިލިއަން ފޮތް ލިބެން ހުރި ކަމަށް ދައްކަ އެވެ.

ގޫގަލް ބުކްސް ލޯންޗު ކުރީ ފޮތް ވިއްކާ އިންޑެޕެންޑެންޓް 100 ފަރާތަކާއެކު އެވެ. ނަމަވެސް އެ އަދަދު އަހަރެއްހާ ދުވަހުގެ ތެރޭގައި 250 އަށް އިތުރު ކުރި އެވެ. ލޯންޗު ކުރިއިރު، ޕްލޭ ބުކްސްގައި ޕަބްލިޝް ކުރާ 5000 ޕަބްލިޝާސް އުޅުނެވެ. އެކަމަކު އަހަރެއްހާ ދުވަސް ފަހުން އެ އަދަދު 7000 އަށް އިތުރުވި އެވެ.

ލޯންޗު ކުރިއިރު، ޕްލޭ ބުކްސް އިން އޮތީ އެމެރިކާއަށް ގާތްގަނޑަކަށް ދެ މިލިއަން ފޮތް ހިލޭ ލިބޭ ގޮތަށް ހަދައިފަ އެވެ. ނަމަވެސް ނިކަން އަވަހަށް އެ އަދަދު ތިން މިލިއަނަށް އެރި އެވެ.

ޖޫން، 2011، ގައި ޕްލޭ ބުކްސް ރެކޮމެންޑު ކުރާ ފަރާތްތަކަށް ކޮމިޝަނެއް ލިބޭ އެފިލިއޭޓް ޕްރޮގްރާމެއް ލޯންޗު ކުރި އެވެ. ގޫގުލް އީ-ރީޑާ ޕްލޭ ބުކްސްއަށް ރަސްމީކޮށް ބަދަލުވީ މާޗް، 2012، ގަ އެވެ. ގޫގުލް އިން ބޭނުންވީ އެ ކުންފުނީގެ ހުރިހާ ޑިޖިޓަލް ޑިސްޓްރިވިއުޝަން ސާވިސްތަކެއް ގޫގުލް ޕްލޭގެ ނަމުގައި އުފެއްދި ޕްލެޓްފޯމުގެ ދަށަށް ގެންނާށެވެ.

މެއި، 2015، ގައި ޕްލޭ ބުކްސްއިން މުޅިން އާ ޓައިޕްފޭސްއެއް ތައާރަފު ކުރި އެވެ. ލިޓެރާޓާގެ ނަމުގައި ތައާރަފު ކުރި އެ ފޮންޓު ކިޔުންތެރިންގެ މެދުގައި މަގުބޫލުވި އެވެ.

ސެޕްޓެމްބަރު، 2015، ގައި ގޫގުލް އިން އޮއިސްޓާ ބުކްސް ގަތެވެ. އެއީ ވެސް ފޮތް ކިޔޭ ގޮތަށް ހެދި ޑިޖިޓަލް ޕްލެޓްފޯމެކެވެ. އަދި ޖެނުއަރީ، 2018، ގައި ޕްލޭ ބުކްސް އިން އޯޑިއޯ ފޮތް ވިއްކަން ފެށި އެވެ.

ޕްލޭ ބުކްސްގެ އެންމެ މުހިންމު ފީޗާއަކީ ކިޔާ މީހާ ބޭނުންވާ ގިނަ ގޮތް ގޮތަށް ކަސްޓަމައިޒް ކުރެވުމެވެ. އޭގެ ތެރޭގައި އެކި ތީމްތައް ސެލެކްޓް ކުރެވުން ވެސް ހިމެނެ އެވެ.

އަހަރުމެން ގުނަމުން މި ދަނީ ޓެކްނޮލޮޖީގެ ޒަމާނެވެ. އިހުގެ ގޮތްތައް މި ދަނީ މާޒީވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ކަރުދާސް ފޮތެވެ. ފެށިފައި މި އޮތީ ކޮމްޕިއުޓަރުން ފޮތް ކިޔުމުގެ އަހަރުތަކެކެވެ. އެއާއެކު އާންމުންނަށް ފޮތް ލިބޭ މިންވަރު ހުޅުވިގެން ހިނގައްޖެ އެވެ. ފޮތް ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެ އެެވެ.