Advertisement

މާލޭ މަގުތަކަށް ކުނި އެޅި 100 މީހަކަށް ސިޓީ ކައުންސިލުން ފިޔަަވަޅު އަޅައިފި

12 މާރިޗު 2024 - 18:19 0

ނިމާ ހަސަން

ނިމާ ހަސަން

މާލޭ މަގުމައްޗަށް މީހަކު ކުނި އަޅަނިކޮށް; މަގުމައްޗަށް ކުނި އެޅި 100 މީހަކަށް ފިޔަވަޅު އެޅިކަމަށް ސިޓީ ކައުންސިލުން ބުނޭ


މާލޭ މަގުތަކަށް ކުނި އެޅި 100 މީހަކަށް ސިޓީ ކައުންސިލުން ފިޔަަވަޅު އަޅައިފި

12 މާރިޗު 2024 - 18:19 0

މާލޭ މަގުމައްޗަށް ކުނި އެޅި މައްސަލައިގައި މިދިޔަ މަހުން ފެށިގެން 100 މީހަކަށް ފިޔަވަޅު އަޅާފައި ވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކަށް ކުނި އެޅުމުން ޖޫރިމަނަ ކުރަނީ 500 ރުފިޔާއިން ކަމަށެވެ.

ސިޓީ ކައުންސިލުން މިހެން ބުނީ, ރޯދައާ ދިމާކޮށް ގޭގެ ސާފުކޮށް, މާލެ ސަރަހައްދުގެ ގެތަކުން ނެރޭ ބޮޑެތި ކުނި މަގުތައް މައްޗަށް ގިނަވެ, މަގުމަތީގައި ހިނގާބިނގާވެ އުޅުން ދަތިވެގެން އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

މަގުމައްޗަށް ކުނި އަޅައިގެން ބަޔަކު ޖޫރިމަނާ ކުރިއިރު, މާލޭގެ މައްގުމައްޗަށް އަޅާފައިވާ ކުނީގެ ތެރެއިން ފާއިތުވި 16 ދުވަހު އެކަނި ވެސް 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މޭޔަރު، އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އެކްސްގައި ރޭ ދަންވަރު އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ އެންމެ ހަތަރު ގަޑިއިރު ތެރޭގައި އެކަނިވެސް 22.5 ޓަނުގެ ކުނި މަގުމަތިން ނަގާފައިވާ ކަމަށާއި މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަށް ވެގެންދާނެ ކަމެއް،" އާޒިމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މާލޭގެ މަގުތަކުން ކުނި ނެގުމަށް ސިޓީ ކައުންސިލުގެ 51 ޕިކަޕު ބޭނުން ކުރެ އެވެ. އޭގެތެރޭގައި 1.5 ޓަނުގެ 16 ޕިކަޕާއި 0.350 ޓަނުގެ 26 ޕިކަޕު، 3.5 ޓަނުގެ އެއް ޕިކަޕު އަދި ތިން ޓަނުގެ ހަތް ޕިކަޕެވެ.

ރޯދަ މަހާ ދިމާކޮށް މީގެ ކުރިން ވެސް މާލޭގެ މަގުތައް މައްޗަށް ކުނި ގިނަވެ އެވެ. އޭގެތެރޭގައި ގިނައީ ބޮޑެތި ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް ފަދަ އިތުރު ފީއެއް ދައްކައިގެން ވެމްކޯއިން އުކައިލަންޖެހޭ ޒާތުގެ ކުންޏެވެ.