Advertisement

ޗައިނާއިން ކަރުނަގޭހާއި ރަބަރުވަޒަން ގަންނަން ޖެހޭ ކަމަށް ރައީސް ދެކެވަޑައިގަތުމީ ދެރަކަމެއް: ނަޝީދު

8 މާރިޗު 2024 - 13:33 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ޖަލްސާއަށް ވަޑައިގަންނަވަނީ. ނަޝީދަކީ ރާއްޖޭގެ ހަތަރުވަނަ ރައީސުލްޖުމްހޫރިއްޔާ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ޗައިނާއިން ކަރުނަގޭހާއި ރަބަރުވަޒަން ގަންނަން ޖެހޭ ކަމަށް ރައީސް ދެކެވަޑައިގަތުމީ ދެރަކަމެއް: ނަޝީދު

8 މާރިޗު 2024 - 13:33 2

ޗައިނާއިން ރާއްޖެއަށް ކަރުނަގޭހައި ރަބަރު ވަޒަން ގަންނަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެކެވަޑައިގަތުމަކީ ދެރަކަމެއް ވިދާޅުވެ، ރާޖޭން ޗައިނާއާ އެކު މިދާކަށް ދުވަހު ސޮއިކުރި ދިފާއީ އެއްބަސްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ރިޕަބްލިކް" ނަމަކަށް ކިޔާ ޓީވީ ޗެނަލަކުން ގެނައި ޕްރޮގްރާމެއްގައި ނަޝީދު ވިދާޅުވީ ހަމަ އެކަނި " އާދައިގެ ސަބްޕްލައި އެގްރިމެންޓް" އެއް ފިޔަވާ އެހެން އެއްޗެއްގައި ރާއްޖޭން ޗައިނާއާ އެކު ސޮއިކޮށްފައި އޮވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއަށް ފަހު އެމަނިކުފާނު ދެއްކެވީ ރާއްޖެއާ އިންޑިއާއާ ދެމެދު ދިފާއީ ގުޅުމުގެ ވަރުގަދަކަމުގެ ވާހަކަ އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަން ވައްޓައިލަން 1988 ވަނަ އަހަރު ކުރި ބަޣާވާތް ނާކާމިޔާބުކޮށްލަން އިންޑިއާއިން ވީ އެހީގެ ވާހަކައިން ފެށްޓެވި އެވާހަކަ ނިންމަވައިލެއްވީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ދިފާއީ އެއްބަސްވުންތައް އެހެން އެއް ވެސް ގައުމަކާ އެކު ސޮއިކޮށްފައި ހުރި އެއްބަސްވުންތަކަށް ވުރެ ގިނަ ކަމަށް ވިދާޅުވަމުންނެވެ.

"އެހެންވީމާ ޗައިނާއިން ކަރުނަގޭހާއި ރަބަރު ވަޒަން ގަންނަން ޖެހިވަަޑައިގަންނަވާ ކަމަށް ރައީސް ދެކެވަޑައިގެންނެވުން އެއީ ދެރަކަމެއް. އަދި އަޅުގަނޑު ބިރުގަނޭ އެތަކެތި ބޭނުންކުރާނީ އަޅުގަނޑުމެންނާ ދެކޮޅަށް [ރައްޔިތުންނާ ދެކޮޅަށް] ކަމަށް ވެދާނެތީ،" ނަޝީދު ވިދާޅުވި އެވެ.

އެއީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަން ކުރަން ޖެހޭނީ ޑިމޮކްރަސީއާއި ގާނޫނީ ހުކޫމަތުގެ ޒަރިއްޔާއިން ކަމަށާއި ހަތިޔާރުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ ގަތީ ކޮންމެ އިކްއިޕްމެންޓަކަށް ވިޔަސް އެއީ ބޭނުމެއް ނެތް އިކްއިޕްމެންޓް، އަޅުގަނޑު އުއްމީދުކުރަނީ އެތަކެތި ބޭނުމެއް ނެތް ތަކެތީގެ ގޮތުގައި ހުންނާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޮނުވައިލުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް ވެސް އެ އިންޓަވިއުގައި ނަޝީދު ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރާނެ ދިވެހި ސިފައިން ތަމްރީނުކުރުމަށް ފަހު އިންޑިއާ ސިފައިން އެނބުރިދާން އެއްބަސްވުމުގައި އޮންނާނެ ކަމަށާއި އެމަގުން ކަންތައް ކުރިއަށް ގެންދިއުން ރަނގަޅު ކަމަށެވެ.