Advertisement

އެއާ އެމްބިއުލާންސް ސީދާ ދަތުރުކުރާނީ އިންޑިއާއާއި ލަންކާއަށް: މިނިސްޓަރު ހަލީލް

29 ފެބުރުވަރީ 2024 - 11:56 0

ނިމާ ހަސަން

ނިމާ ހަސަން

ހެލްތު މިނިސްޓަރު ޚަލީލް; އެއާ އެމްބިއުލާންސް ތައިލެންޑަށް ދާނީ އެހެން ތަނެއްގައި ބަނދަރު ކުރުމަށްފަހު ކަމަށް ވިދާޅުވި -- ފޮޓޯ: ހެލްތު މިނިސްޓްރީ


އެއާ އެމްބިއުލާންސް ސީދާ ދަތުރުކުރާނީ އިންޑިއާއާއި ލަންކާއަށް: މިނިސްޓަރު ހަލީލް

29 ފެބުރުވަރީ 2024 - 11:56 0

މާދަމާ އިފްތިތާހު ކުރާ އެއާ އެމްބިއުލާންސުން އެއް ދަތުރެއްގައި ދަތުރުކުރެވޭނީ އިންޑިއާ އަދި ސްރީލަންކާއަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލުކޮށް އެ ބޯޓުގައި ބަލި މީހުން ތައިލޭންޑަށް ވެސް އުފުލޭނެ އެވެ.

މާދަމާ ފަށަން ހަމަޖެހިފައިވާ އެ ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސްގައި ސީދާ ދަތުރު ކުރެވޭނީ ދެ ގައުމަށް ކަމަށާއި, އިތުރު ތަނަކަށް ބަނދަރު ކުރުމަށްފަހު ތައިލެންޑާ ހަމައަށް ވެސް ދަތުރު ކުރެވޭނެ ކަމަށެވެ.

"މިހާރު އެއް ދަތުރެއްގައި ދެވޭނެ އިންޑިއާ, ސްރީލަންކާ އަށް. ރާއްޖޭގެ ބަލިމީހުން އާންމުކޮށް މިދަނީ ވެސް އިންޑިއާ ސްރީލަންކާއަށް. މި ދެ ގައުމަށް އެއް ދަތުރުން އުފުލޭނެ. އެހެން ނަމަވެސް ސްޓޮޕަކަށް ފަހުގައި ތައިލެންޑާ ހިސާބަށް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް މި ބޯޓުގެ ރޭންޖަށް ބަލާއިރު." މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއާ ތައިލެންޑަ ދެމެދު އެހެން ގައުމެއްގައި ބަނދަރު ކުރި ނަމަވެސް, އެކަމަށް އެހާ ގިނަ ވަގުތު ނުނަގާނެ ކަމަށެވެ.

އެއާ އެމްބިއުލާންސް އުދުހުމަށް ދިވެހި ސަރުކާރުން ވަނީ ލަންކާއިން ހާއްސަ ހުއްދައެއް ހޯދާފަ އެވެ. އެގޮތުން ހަލީލް ވިދާޅުވި ގޮތުގައި ހުށަހަޅާތާ ދެ ގަޑިއިރު ތެރޭގައި އެއާ އެމްބިއުލާންސް އުދުހުމުގެ ހުއްދަ ލަންކާއިން ރާއްޖެއަށް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި ލަންކާގެ އިތުރުން އެހެން ގައުމުތަކާއެކު ވެސް މިވަފަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ހާމަ ކުރެއްވި ގޮތުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ލޭންޑް ކްރާފްޓަކާއި, ސީ ކްރާފްޓަކާއެކު ކަމަށެވެ. ސީޕްލޭނެއް ބޭނުންކުރަން ނިންމީ, އެއާޕޯޓު ނެތް ނުވަތަ އެއާޕޯޓަކާ ދުރު ރަށަކުން ބަލި މީހަކު އުފުލަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ އެއާ އެމްބިއުލާންސްގެ އެތެރޭގައި ގާއިމުކުރަންޖެހޭ ހިދުމަތްތައް މިއަދުގެ ނިޔަލަށް ގާއިމުކޮށް ނިމޭނެ ކަމަށެވެ. އަދި, އެ ހިދުމަތަށް ހާއްސަ ފަސް ނަރުހުންނާއި ފަސް ޑޮކްޓަރުން އަދި ފަސް ޓެކްނީޝަނުން ރެކްރޫޓްކޮށްފައިވާ ކަމަށާއި, މިއަދު ނިޔަލަށް އެމީހުން ތަމްރީނުކޮށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުސްތަގުބަލުގައި މި [އެއާ އެމްބިއުލާންސަށް ހާއްސަ ސިއްހީ ހިދުމަތްތެރިންގެ] އަދަދުތައް ޑިމާންޑަށް ބަލާއި އިތުރުކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް. ފަށާއިރުގައި މިކަމަށް ހާއްސަ 15 ސްޓާފުން ވަނީ ނެގިފައި" ހަލީލް ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސް އިން ލިބޭނެ ހިދުމަތްތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމަޖެންސީ ހާލަތުގައި ބޭނުންވާ ހުރިހާ ހިދުމަތެއް ބޯޓުގެ ތެރެއިން ލިބޭނެ ކަމަށެވެ. އެގޮތުން އޮކްސިޖަނާއި ވެންޓިލޭޓަރު އަދި ހިތް ހުއްޓިއްޖެ ހާލަތެއްގައި ބޭނުންކުރާނެ އާލާތްތައް އަދި އިމަޖެންސީގައި ބޭނުންވާނެ އިންޖެކްޝަންތައް ވެސް ބޯޓުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

38 މީހުން އުފުލޭވަރުގެ މަތިންދާބޯޓު އެއާ އެމްބިއުލާންސަކަށް ބަދަލުކުރަނީ މިވަގުތުން ވަގުތަށް ދެ ބަލި މީހުން އެއްފަހަރާ އުފުލޭ ކެޕޭސިޓީގައި ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި ޑިމާންޑަށް ބަލާފައި, ސްޓްރެޗާ އިތުރުކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނެ ޖާގަ ވެސް ބޯޓުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީ އެމްބިއުލާންސްގެ ޖާގައިގެ ގޮތުން މި އުފުލެނީ އެންމެ ބަލި މީހެއް." މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ބޭނުންކުރަމުންދާ ފްލައިޓު އެއާ އެމްބިއުލާންސްއަށް ބަދަލު ކުރުމަސް ކިހާ ހަރަދެއް ދޭތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެކަމުގެ ހުރިހާ ހަރަދު ކުރަނީ އައިލެންޑް އޭވިއޭޝަނުން ކަމަށެވެ. ނަމަވެސް އެމްބިއުލާންސް އޮޕަރޭޓް ކުރުމަށް ހަރަދު ކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށްވާތީ, އަގުތަކެއް ކަނޑައަޅައި, އައިލެންޑް އޭވިއޭޝަނާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަ ހަލީލް ވިދާޅުވި އެވެ.