28 ފެބުރުވަރީ 2024 - 13:05 0
މުހައްމަދު ޖަމްޝަތު ވަހީދު
ވީއައިއޭގައި "ސްމާޓް ގޭޓް"ގެ ހިދުމަތް ތައާރަފުކުރުން، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރާ ޒަމާނީ ހިދުމަތެއް --- ފޮޜ
28 ފެބުރުވަރީ 2024 - 13:05 0
ދަތުރުވެރިންނަށް ފަސޭހަކަމާއި އެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރެވޭ "ސްމާޓް ގޭޓް"ގެ ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފޯރުކޮށްދޭން ފަށައިފި އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުންކުރާ މި ސްމާގް ގޭޓް ހިދުމަތާއެކު ރާއްޖެ އަންނަ ދަތުރުވެރިންގެ ލަގެޖުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސްއިން އިތުރަށް ބަލައި ފާސްކުރަންޖެހޭ ލަގޭޖުތަކުގައި ކުރިން ބޭނުންކުރަމުންއައި ރަތް ސްޓިކާ ޖެހުމުގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން" (އާރްއެފްއައިޑީ) ޓެގްތަކެވެ.
ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައުލޫމާތު ދޭގޮތުގައި އާރްއެފްއައިޑީ ޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ގޮސް ކަސްޓަމްސް ކްލިއަރަންސް ހޯދަން ޖެހޭނެ އެވެ. އަދި ކަސްޓަމްސް ކްލިއަރެންސް ނުުހޯދައި ނުކުންނަން މަސައްކަތްކުރާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެ އެވެ.
މީގެ އިތުރުން، މި ހިދުމަތާއި އެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ސްމާޓް ގޭޓް ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާސިލުކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ހިދުމަތެކެވެ.
ވީއައިއޭގައި "ސްމާޓް ގޭޓް"ގެ ހިދުމަތް ތައާރަފުކުރުން، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރާ ޒަމާނީ ހިދުމަތެއް --- ފޮޓޯ: އެމްއޭސީއެލް
މި ހިދުމަތް އިފްތިތާހުކުރީ މިއަދު ހެނދުނު ވީއައިއޭގެ ޕެސެންޖާ ޓާމިނަލްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި ހަފުލާގައި ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު އާއި މޯލްޑިވްސް ކަސްޓަމްސް އާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ވީއައިއޭގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ހަފުލާގައި އިބްރާހިމް ޝަރީފް ވިދާޅުވީ ކަސްޓަމްސްއިން ތައާރަފުކުރި ސްމާޓް ގޭޓްގެ ސަބަބުން އެއާޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަގަޅުކުރެވި އަވަސް ހިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާ ކަމަށެވެ. އަދި ވީއައިއޭގެ އާ ޓާމިނަލްއާއި ގުޅިގެން ތަރައްގީކުރަންޖެހޭ ކަންކަން ހަލުވި ސްޕީޑްގައި ކުރަމުންދާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ އެއާޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާއި ގުޅިގެން، މި އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ހިދުމަތްދިނުމަށް ތައްޔާރަށް، މިއަދު މިފެށުނީ އޭގެތެރެއިން މުހިއްމު ކަމެއް، މީގެ ސަބަބުން ފަސިންޖަރުންނަށް ދެވޭ ހިދުމަތް އަވަސްވެ، ދިމާވާ އިންކޮންވީނިއަންސް ހައްލުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްއިން ބުނީ ވީއައިއޭގެ ސްމާޓް ގޭޓްގެ ހިދުމަތް ގާއިމު ކުރުމާއެކު، އެއާޕޯޓުން ހިދުމަތް ހޯދާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށް ބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ހިދުމަތް ގާއިމުކުރުމުގެ ސަބަބުން ޓެރަރިޒަމް އާއި މަނީ ލޯންޑަރިން އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވާއިދާއި ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖެއަށް ވަދެ ނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެކަމަށް އެކުންފުނިން ބުނެ އެވެ.
ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލަށް ވާއިރު އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވީއައިއޭއިން ހިދުމަތް ހޯދާ ދަތުރުވެރިންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންކަމަށްވާއިރު އެއާޕޯޓުން ދޭ ހިދުމަތަކީ ގާނޫނާ ގަވާއިދުތަކުގެ އިމުގެ ތެރެއިން އަވަސް އަދި ލުއިފަސޭހަ ހިދުމަތަކަށް ވުމަކީ ރާއްޖޭގެ އިގުތިސޯދަށް މުހިއްމު ކަމެކެވެ.
އެހެންކަމުން މިއަދު މި އިފްތިތާހު ކުރި "ސްމާޓް ގޭޓް" ވެގެންދާނީ މުހިއްމު ވަސީލަތަކަށެވެ. އަދި މިހާރު އެއާޕޯޓުގައި ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ އެވެ.
Comment