Advertisement

މަސްވެރިންނަށް ދޭން 119 މިލިއަން ރުފިޔާ ހަމަޖެހިއްޖެ ކަމަށް މިފްކޯއިން ބުނެފި

20 ފެބުރުވަރީ 2024 - 14:33 0

ގއ. ކޫއްޑޫ

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޫއްޑޫގައި މުޒާހަރާ ކުރާ މަސްވެރިންނާ އޮފިޝަލަކު ވާހަކަދައްކަނީ : މިފްކޯއިން ބުނަނީ 119 މިލިއަން ރުފިޔާ ހަމަޖެހިއްޖެ، މަސްވެރިންނަށް ޑިމާންޑަކީ 200 މިލިއަން ރުފިޔާ - ފޮޓޯ: އަދަދު


މަސްވެރިންނަށް ދޭން 119 މިލިއަން ރުފިޔާ ހަމަޖެހިއްޖެ ކަމަށް މިފްކޯއިން ބުނެފި

20 ފެބުރުވަރީ 2024 - 14:33 0

ގއ. ކޫއްޑޫ

މަސް ގަތުމަށްފަހު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 298 މިލިއަން ރުފިޔާގެ ތެރެއިން 119 މިލިއަން ރުފިޔާ ދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމާހު ވެސް މިވަގުތު ހުންނެވީ ކޫއްޑޫގަ އެވެ. އޭނާ ހުންނެވި އިމާރާތް ކައިރީގައި މަސްވެރިން އަޑު އުފުލަމުން ދަނިކޮށް ބޭރަށް ނުކުންނަވާ ވިދާޅުވީ، އިއްޔެ ދެވޭނެ ކަމަށް ބުނި 22 މިލިއަން މިހާރު 119 އަށް މަތިވެފައިވާ ކަމަށާއި އެއީ މިއަދު ހެދުނު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެއީ އޭނާ ރޭ މަސްވެރިންނާ ބައްދަލުކޮށް ދިން ހިޔާލުތަކުގެ މައްޗަށް ކުރެވުނު މަސައްކަތްތަކެއް ކަމަށް ވެސް ޝަމާހު ވިދާޅުވި އެވެ.

"22 މިލިއަންގެ ބަދަލުގަ މިވަގުތު އަޅުގަނޑަށް ލިބިއްޖެ، ފަހުން ދޭން ހުރި ފައިސާ އަނބުރާ ދޭގޮތަށް އެކަހަލަ އެރޭންޖުމަންޓެއް ގެނެސްގެން އަޅުގަނޑުމެނަށް ގާތްގަނޑަކަށް 119 މިލިއަން ރުފިޔާ ހަމަޖެއްސިއްޖެ،" ޝަމާހު ވިދާޅުވި އެވެ.

ޝަމާހު މިހެން ވިދާޅުވެފައި މިވަނީ ކޫއްޑޫ މަސް ފެކްޓްރީއިން ކަރަންޓު ކަނޑާލާނެ ކަމަށް، މުޒާހަރާ ކުރަމުންދިޔަ ބައެއް މަސްވެރިން ބުނެފައި އޮއްވަ އެވެ. އޭނާ ދެއްވި ގެރެންޓީއާއެކު މިހާރު މުޒާހަރާ ކޮންމެވެސް ވަރަކަށް ވަނީ ފިނިވެފަ އެވެ.

"ލިބެން ހުރި ފައިސާތަކާ އަޅުވާފަ ކޭޝް އެޑްވާންސް މި ހޯދަނީ، ހޯދަމުންގޮސް މިއަދާ ހަމައަށް، މިވަގުތާ ހަމައަށް ހޯދުނީ 119 މިލިއަން ރުފިޔާ މިހާރު އަޅުގަނޑު އިންނާނެ އަންގާފަ ބަހަން ފަށަން،" ޝަމާހު އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް "އަދަދު" އާ ވާހަކަ ދައްކަމުން މަސްވެރިން ބުނީ އެމީހުން އާދިއްތަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓާލާނީ މަދުވެގެން 200 މިލިއަން ރުފިޔާ ދިނުމުން ކަމަށެވެ. އަދި އެ އަދަދަށް ފައިސާ ނުދެނީސް ކޫއްޑޫ ދޫކޮށް ނުދާނެ ކަމަށް ވެސް މަސްވެރިން ބުންޏެވެ.

މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެ އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރުގެ ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.