Advertisement

އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާކަން ޝާހިދު އިއުލާނުކުރައްވައިފި

18 ފެބުރުވަރީ 2024 - 13:30 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަބްދުﷲ ޝާހިދު : އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާކަން ޝާހިދު އިއުލާނުކުރައްވައިފި - ފޮޓޯ: އަދަދު


އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާކަން ޝާހިދު އިއުލާނުކުރައްވައިފި

18 ފެބުރުވަރީ 2024 - 13:30 0

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފި އެވެ.

އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާ އެވެ.

"އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭމިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނަން" މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ލިޔުއްވާފައިވެ އެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެން، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީ ގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސައިފަ އެވެ. މިހާރުވެސް އެ މަގާމުގައި ހުންނެވީ އެމަނިކުފާނެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރުގެ ގޮތުން ޝާހިދު ވަނީ އެމްޑީޕީގެ އިސް ސަފުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ. އޭގެ އިތުރުން، އެ ސަރުކާރުގެ އެންމެ ބޮޑު ހާރިޖީ ކާމިޔާބީގެ ގޮތުގައި ސިފަކުރާ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުވެސް ޝާހިދު ވަނީ ބަލަހައްޓަވައިފަ އެވެ.

ޕާޓީގެ ރައީސްގެ މަގާމަށް ހުޅުވާލަމުން އެމްޑީޕީއިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުސަތު ފެބްރުއަރީ 20، 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.