Advertisement

އެޗްޑީސީގެ އާ މެނޭޖުމަންޓުން ސްޓޭންޑު ބަދަލުކޮށް އާރުޓީއައިއަށް މައުލޫމާތު ދެނީ

14 ފެބުރުވަރީ 2024 - 13:29 0

އަމަން ހަލީމް

އަމަން ހަލީމް

އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު: މިހާރުގެ މެނޭޖުމަންޓުން ވިސްނަނީ ހާމަަކަން ބޮޑުކުރަން މައުލޫމާތުތައް ދޭން -- ފޮޓޯ: ރައީސް އޮފީސް


އެޗްޑީސީގެ އާ މެނޭޖުމަންޓުން ސްޓޭންޑު ބަދަލުކޮށް އާރުޓީއައިއަށް މައުލޫމާތު ދެނީ

14 ފެބުރުވަރީ 2024 - 13:29 0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ އާރުޓީއައި ގާނޫނުގެ ދަށުން ޖަވާބުދާރީވާންޖެހޭ ތަނެއް ނޫން ކަމަށް ބުނެ މައުލޫމާތު ހިފަހައްޓަމުން އައި އުސޫލު ދޫކޮށް، އެދިފައިވާ މައުލޫމާތުތައް ފޯރުކޮށްދޭން މިހާރުގެ މެނޭޖުމަންޓުން ނިންމައިފި އެވެ.

އެޗްޑީސީން މިގޮތަށް ނިންމިކަން ހާމަކުރީ އެ ކުންފުނިން މައުލޫމާތު ހޯދަން ހުށަހެޅި ހުށަހެޅުންތަކަށް ޖަވާބުދާރީ ނުވާ މައްސަލަތަކެއްގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) އިން ބޭއްވި އަޑުއެހުންތަކުގެ ތެރެއިންނެވެ.

މީގެ ތެރޭގައި "އަދަދު" އިން ހޯދަން އެދި ހުށަހަޅާފައިވާ މައުލޫމާތު ވެސް ހިމެނެ އެވެ. މި މައުލޫމާތަކީ މިދިޔަ އަހަރުގެ އޮގަސްޓުގައި ހޯދަން އެދުނު މައުލޫމާތެކެވެ. ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް ހަ މަސް ވާން ގާތްވީއިރު އެޗްޑީސީން އެއްވެސް ޖަވާބެއް ދީފައި ނުވާ ތަނުގައި މައުލޫމާތު ހޯދަން ހެދި ހުށަހެޅުން ބަލައިގަތް ކަމުގެ ލިޔުމެއް ވެސް ނުދެ އެވެ.

އެ މައްސަލައިގައި އައިކޮމްއިން މިއަދު ބޭއްވި އަޑުއެހުމުގައި އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މިމްރާހު ވިދާޅުވީ ކުރިން މައުލޫމާތު ނުދީ ހިފަހައްޓާފައި ހުރީ އާރުޓީއައި ގާނޫނުގައި ބަޔާންކުރާ ދައުލަތުގެ އިދާރާތަކުގެ މާނައިގައި އެ ކުންފުނި ނުހިމެނޭ ކަމަށް ކުރީގެ މެނޭޖުމަންޓުން ގަބޫލުކުރާތީ އެވެ.

"...މިކޮޅުގެ ގާނޫނީ ލަފާދޭ ޓީމުގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެން ހިފަހައްޓާފައި ހުރި މައުލޫމާތެއް އެއީކީ. ނަމަވެސް މެނޭޖުމަންޓު ބަދަލުގެ އާ މެނޭޖުމަންޓުގެ ސްޓޭންޑަކީ އެއްވެސް މައުލޫމާތެއް ނުހިފަހައްޓާ، ދޭން ޖެހޭ މައުލޫމާތެއް އެ ހުށަހެޅި ފަރާތަކަށް އެކަށީގެންވާ ގޮތަކަށް ފޯރުކޮށްދިނުން،" ސްޓޭންޑު ބަދަލުކުރިކަން ހާމަކުރަން އޭނާ ވިދާޅުވި އެވެ.

މިހާރު އެޗްޑީސީން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މައުލޫމާތު ހޯދަން އެދި ހުށަހަޅާފައިވާ ހުރިހާ ހުށަހެޅުންތަކަށް ޖަވާބުދާރީ ވާނެ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުން މައުލޫމާތު ނުދިނުމުގެ ސްޓޭންޑެއް ގެންގުޅުނީ، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ހުރިހާ ތަނެއް އާރުޓީއައި ގާނޫނަށް ފެތޭ ކަމަށް ނިންމައި ހައިކޯޓުން ހުކުމެއް އިއްވާފައި އޮއްވަ އެވެ.

ނަމަވެސް އާރުޓީއައި ގާނޫނުގެ ދަށަށް ދައުލަތުގެ ކުންފުނިތައް ވަންނަ ކަމަށް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނެތް ކަމަށް ބުނެ ގިނަ ކުންފުނިތަކުން އަދިވެސް އަންނަނީ މައުލޫމާތު ދޭން ދެކޮޅު ހަދަމުންނެވެ. މައުލޫމާތު ދޭން ދެކޮޅު ހަދާ ކުންފުނިތަކުގެ ތެރޭގައި ޕަބްލިކް ކުންފުނިތަކާއި އާއި ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތައް ވެސް ހިމެނެ އެވެ.