Advertisement

ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް

13 ފެބުރުވަރީ 2024 - 23:10 0

ގަލޮޅު ދަނޑަށް އަރައި ބަޔަކު ހިނގި މާރާމާރީ: މި މައްސަލާގައި މިހާތަނަށް ފަސް މީހަކު ބަންދުކޮށްފި - ފޮޓޯ: ވީޑިއޯ ކެޕްޗާ


ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް

13 ފެބުރުވަރީ 2024 - 23:10 0

މިދިޔަ ބުދަ ދުވަހު، ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި މިހައިތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލާގައި މިހައިތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަަމަވެސް އެންމެ ފަހުން ހައްޔަރުކުރި މީހުނާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުދެ އެވެ.

އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދު މުއްދަތެއް ޖެހި އިރު، މިދިޔަ އާދީއްތަ ދުވަހު ދެ މީހެއްގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވެ އެވެ. އަދި އިއްޔެ އެކަކު އެ މައްސަލާގައި ކޯޓަށް ހާޒިރުކޮށް، ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ބަންދަށް ޖެހި އެވެ.

އެ މެޗު ހުއްޓާލި އިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީ އެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އަދި ކުޑަހެންވޭރު ޔުނައިޓެޑުން ބުނީ މެޗުގެ ބާކީ ބައި ކުޅެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ހުއްޓާލިއިރު އޮތް ނަތީޖާއާއެކު ވިކްޓްރީ ސެމީ ފައިނަލަށް ގޮސްފައިވާ ކަމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ވިކްޓަރީ މިހާރު އޮތީ މުބާރާތުގެ ފައިނަލުގަ އެވެ.