Advertisement

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކުރުން، ގަރާރެއްގެ މަސައްކަތް ނިމެންދެން ފަސްކޮށްފި

13 ފެބުރުވަރީ 2024 - 09:49 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އޭނާ ވަނީ މަޖިލީހުގައި ގާތްގަނޑަކަށް 20 އަހަރު ހޭދަކުރައްވާފައި. ފޮޓޯ: މަޖިލީހުގެ އިދާރާ


ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކުރުން، ގަރާރެއްގެ މަސައްކަތް ނިމެންދެން ފަސްކޮށްފި

13 ފެބުރުވަރީ 2024 - 09:49 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންގެ ތެރެއިން ތިން ބޭފުޅަކަށް ރުހުން ނުދިނުމުން، ދެވަނަ ފަހަރަށް ހަމަ އެ ބޭފުޅުން އައްުޔަން ކުރައްވައި ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ފޮނުވުމުން، އެކަން އެޖެންޑާކުރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ފަސްކުރައްވައިފި އެވެ.

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ ރުހުން ނުދިނުމުން ދެވަނަ ފަހަރަށް އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ހުށަހަޅާފައިވާ ގަރާރެއް އެބަ އޮތް ކަމަށާއި ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ އެ ގަރާރުގެ މަސައްކަތް ނިމެންދެން ކަމަށެެވެ. މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެގަރާރުގެ ބަހުސް މިއަދުގެ ޖަލްސާގައި ފެށި އެވެ.

"އަޅުގަނޑު ގަސްދުކުރަނީ މި މައްސަލައާ މެދު [ދެވަނަ ފަހަރަށް އައްޔަންކުރެއްވި ތިން ވަޒީޒުންނަށް ރުހުން ދިނުމުގެ މައްސަލަ އާ މެދު ] ފެންނަ ގޮތެއް އެ ގަރާރު ފާސްވުމުން އެނގިގެންދާނެ ކަމަށް އުއްމީދުކުރަން، އެެހެންކަމުން އަަޅުގަނޑު ގަސްދުކުރަނީ މިދެންނެވި ގަރާރުގެ މަސައްކަތް ނިމި، މަޖިލީހުން ވަކިގޮތެއް ކަނޑައަޅަންދެން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ނުވާ ތިން ވަޒީރުން، ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވައި ރުހުން ހޯއްދަވަން ފޮނުއްވާފައިވާ މައްސަލަ ތާވަލުކުރުން ފަސްކުރުމަށް ކަމުގައި ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކޮށްފައި ވާތީ ކަންބޮޑުވުން ފާޅުކޮށް އީވާ މިއަދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން ކެބިނެޓަށް އައްޔަންކޮށްފައިވާތީ އެ ނިންމުމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވައިލާ ކަމަށެވެ.

ރުހުން ނުލިބުނު ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން ކެބިނެޓަށް އައްޔަން ކުރުމަކީ، މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލުން ކަމަށް އެ ގަރާރުގައި އީވާ ތުހުމަތުކުރެއްވި އެވެ.

އެހެންކަމުން، އެ ނިންމުމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއާ އެއްގޮތަށް ރައީސް އަމަލުކޮށްދެއްވުމަށް ގޮވާލުމަށް އީވާގެ ގަރާރުގައި އެދިފައިވެ އެވެ.

"މިއީ ދިވެހިރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރުނެތިގެންދާނެ ފަދަ، އުނދަގޫ ހާލަތަކަށް ހިނގައިގެންދާނެ ފަދަކަމެއް ކަމުގައިވާތީ، ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނުއަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" ގަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމަކީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ލިބިދީފައިވާ ބާރު ނިގުޅައިގަތުން ކަމަށެވެ.