Advertisement

ރީޕްލޭ މެޗުގައި ވިލާ ބަލިކޮށް ޗެލްސީ ފަސް ވަނަ ބުރަށް

8 ފެބުރުވަރީ 2024 - 09:53 0


ރީޕްލޭ މެޗުގައި ވިލާ ބަލިކޮށް ޗެލްސީ ފަސް ވަނަ ބުރަށް

8 ފެބުރުވަރީ 2024 - 09:53 0

ބާމިންހަމް (ފެބްރުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ ރީޕްލޭ މެޗުގައި އެސްޓަން ވިލާ ދަނޑުގައި 3-1 އިން އެ ޓީމު ބަލިކޮށް، ޗެލްސީން މުބާރާތުގެ ފަސް ވަނަ ބުރުން (ގަދަ 16 އިން) ފުރުސަތު ހޯދައިފި އެވެ.

ޗެލްސީ އާއި ވިލާ އިން ރީޕްލޭ މެޗަކަށް ދާން ޖެހުނީ، ޗެލްސީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވުމުންނެވެ.

ވިލާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނިޓްގައި ޗެލްސީން ލީޑުނެގީ ނޯނީ މަޑުއޭކޭ ދިން ބޯޅައަކުން، ކޮނާ ގެލަގާ ޖެހި ގޯލުންނެެވެ. އޭގެ 10 މިނިޓް ފަހުން، ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. މިއީ މަލޯ ގުސްޓޯ ނަގައިދިން ހުރަހަކުން، ޖެކްސަން ބޮލުން ޖެހި ގޯލެކެވެ.

ދެ ވަނަ ހާފު ފެށިގެން 10 މިނިޓް ތެރޭ ޗެލްސީން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ހިލޭ ޖެހުމަކުން އެންޒޯ ފެނާންޑޭޒް ޖެހި ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ބަދަލަކަށް ކުޅެން އެރި މޫސާ ޑިއާބީ އެވެ.

މި ފަހަރުގެ ސީޒަނުގައި ޗެލްސީން ލީގުގައި ދަށް ކުޅުމެއް ދައްކަމުން އައި ނަމަވެސް ކަޕް މުބާރާތްތަކުގައި އެ ޓީމުގެ ހާލަތު ރަނގަޅެވެ. އެ ގޮތުން، ޗެލްސީން ވަނީ ލީގު ކަޕް ފައިނަލަށް ދަތުރުކޮށްފަ އެވެ. ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

ރޭގެ މޮޅާ އެކު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް އޮތް ޕްރެޝަރަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. އޭނާ ބުނީ، މިއީ މި ދަނޑިވަޅަށް ބަލާއިރު މުޅި ޗެލްސީ އަށް ވެސް ލިބޭނެ ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ކަމަށެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ޗެލްސީން ބައްދަލުުކުރަން ޖެހެނީ، އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ އެވެ. އެ މެޗު އޮތީ މި މަހު 27 ގަ އެވެ.