Advertisement

ދަ ޑިމޮކްރެޓްސް އިން ވެސް ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާން ނިންމައިފި

4 ފެބުރުވަރީ 2024 - 22:55 0

އަމަން ހަލީމް

އަމަން ހަލީމް

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި މެމްބަރުންތަކެއް މަޖިލީހުގެ ޖަލްސާއެއްގައި: ރުހުން ނުދޭ ވަޒީރުންނަށް ދައުވަތު ދިނުން އެ ޕާޓީން ސިފަކުރީ މަޖިލީހުގެ ބާރަށް ގޮންޖެހުމުގެ ގޮތުގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ދަ ޑިމޮކްރެޓްސް އިން ވެސް ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާން ނިންމައިފި

4 ފެބުރުވަރީ 2024 - 22:55 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާން ސަރުކާރާ އިދިކޮޅު ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ވެސް ނިންމައިފި އެވެ.

ޑިމޮކްރެޓްސްއިން މިގޮތަށް ނިންމާފައިވަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓު ކުރާނެ ކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅޭގޮތުން އެ ޕާޓީން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ޖަލްސާ ބޮއިކޮޓު ކުރާ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ މަޖިލީހުގެ ރުހުން ނުލިބޭ ތިން ވަޒީރުން ޖަލްސާގައި ބައިވެރިވާ މައްސަލަ އެވެ. ދަ ޑިމޮކްރެޓުން ބުނީ ރުހުން ނުދިން ވަޒީރުންނަށް, ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު މަޖިލީހުގެ ބާރާއި ހުރުމަތަަށް ގޮންޖެހުމުގެ އަމަލެއް ކަމަށް ދެެކޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި އެ 3 (ތިނެއް) ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކެން. އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ވާހަކަވެސް ދަންނަވަން،" ޑިމޮކްރެޓުން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓުންގެ 13 މެމްބަރުން ތިއްބަވަ އެވެ. އަދި އެމްޑީޕީގެ 44 މެމްބަރަކު ތިއްބަވަ އެވެ. މިހެންކަމުން މާދަމާގެ ޖަލްސާ ވެގެންދާނީ މަޖިލީހުގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިނުވެ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާއަށެވެ.