Advertisement

ޕީއެސްޖީ އަށް ނުވަ ޕޮއިންޓުގެ ލީޑެއް

3 ފެބުރުވަރީ 2024 - 10:48 0


ޕީއެސްޖީ އަށް ނުވަ ޕޮއިންޓުގެ ލީޑެއް

3 ފެބުރުވަރީ 2024 - 10:48 0

ޕެރިސް (ފެބްރުއަރީ 3) - ސްޓްރާސްބޯ އަތުން 2-1 އިން މޮޅުވެ، ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޕީއެސްޖީ އެއް ވަނައިގައި އޮތީ 20 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނީސް އަށް 19 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ނީސް ދެން ކުޅޭ މެޗުގައި ބައްދަލުކުރަނީ ތިން ވަނައިގައި އޮތް ބްރެސްޓާ އެވެ.

ސްޓްރާސްބޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީ އަށް ލީޑުނަގަން ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އެއީ މެޗުގެ ހަ ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ސްޓްރާސްބޯގެ ކީޕަރު، އަލާ ބެލަރޫޝް ވަނީ މަތަކޮށްފަ އެވެ.

އެކަމަކު، މެޗުގެ 31 ވަނަ މިނިޓްގައި ޕީއެސްޖީން ވަނީ އެމްބާޕޭގެ ލަނޑުން ލީޑުނަގައިފަ އެވެ. މިއީ މާކޯ އަސެންސިއޯ ކުރި އެޓޭކެއްގައި ލިބުނު ފުރުސަތަކުން އެމްބާޕޭ ޖެހި ގޯލެކެވެ. ދެ ވަަނަ ހާފް ފެށިގެން ހަތަރު ވަނަ މިނިޓްގައި، ޕީއެސްޖީން ލީޑުފުޅާކުރިއިރު ވެސް ފެނުނީ ފުރަތަމަ ގޯލުގެ ކޮމްބިނޭޝަން އެވެ. އެ ގޮތުން، މެޗުގެ 49 ވަނަ މިނިޓްގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަސެންސިއޯ ވަނީ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ސްޓްރާސްބޯ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ޑިލާނޭ ބަކްވާ އެވެ. އިތުރު ލަނޑެއް ޖަހައި، އެއްވަރުކުރަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ ރޭގެ މެޗުގައި ސްޓްރާސްބޯ އިން ދެެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ. އަދި ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ކުޅޭ ސްޓްރާސްބޯގެ ފަރާތުން ޕީއެސްޖީ އަށް ލިބުނީ ރަނގަޅު ޗެލެންޖެއް ކަަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.