Advertisement

ކަރަންޓު މައްސަލަ ހައްލު ނުވާތީ ފުވައްމުލަކުގައި ސިލްސިލާ މުޒާހަރާތަކެއް ފަށައިފި

30 ޖަނަވަރީ 2024 - 22:23 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުވައްމުލަކު އިންޖީނުގެ ސަރަހައްދުގައި އާންމުން މުޒާހަރާ ކުރަނީ : ކަރަންޓު މައްސަލަ ހައްލުނުވެ ފުވައްމުލަކުގައި ސިލްސިލާ މުޒާހަރާތަކެއް ފަށައިފި -


ކަރަންޓު މައްސަލަ ހައްލު ނުވާތީ ފުވައްމުލަކުގައި ސިލްސިލާ މުޒާހަރާތަކެއް ފަށައިފި

30 ޖަނަވަރީ 2024 - 22:23 1

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށައިފި އެވެ.

ފުވައްމުލަކުގައި ބޭނުން ކުރަމުން ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން ސެޓެއް ހަލާކުވީ މިދިޔަ ޑިސެމްބަރު 11 ގަ އެވެ. ރަށުގައި ހުރި ޖަނަރޭޓަރުތަކަށް ނުތަކައިގެން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަން ފެށީ މި މަހުގެ 11 އިން ފެށިގެންނެވެ.

އެ މައްސަލަތައް ކުރިމަތިވެފައިވަނިކޮށް އެ ރަށު އިންޖީނުގޭގައި ހުރި 800 ކިލޯވޮޓުގެ ޓްރާންސްފޯމަރަކަށް ގެއްލުންވެ އެ ރަށުގެ ދެ އަވަށަކުން ކަރަންޓު ކެނޑުމާ ގުޅިގެން، އެ މައްސަލަ ހައްލުކުރަން އައްޑޫއިން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން މިހާރު ވަނީ ފަށާފަ އެވެ.

އެއާއެކު ފުވައްމުލަކު އާންމުންގެ ބަޔަކު ވަނީ އިންޖީނުގެ ދޮށަށް އެއްވެ މުޒާހަރާކޮށް ނުރުހުން ފާޅުކުރަން ފަށާފަ އެވެ.

"މިރޭ ފުވައްމުލަކު ރައްޔިތުން ކުރި މުޒާހަރާ، ކަރަންޓު މައްސަލަ ހައްލުވަންދެން ކުރިޔަށް ގެންދާނެ ކަމަށް މުޒާހަރާގެ ބައިވެރިން އިއުލާންކޮށް ނިންމާލައިފި. މާދަމާ ހަވީރު 4 ޖަހާ އިރުވެސް މުޒާހަރާ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި" ފުވައްމުލަކުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގދ. ގައްދޫގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރެއް ގެންދަން އުޅުމުން ގައްދޫ ބަޔަކު ނުކުމެ ޖަނަރޭޓަރު ބަލައި ފެނަކައިން ފޮނުވި ދޯނީގެ ފަޅުވެރިންނަށް ބިރުދެއްކުމުން އެކަން މިހާތަނަށް ކުރެވިފައެއް ނުވެ އެވެ.

މި މައްސަލާގައި ފެނަކައިން ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް ގައްދޫގައި ހުރި 800 ކިލޯވޯޓުގެ ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ މަހުގެ 12 ގައި ކަމަށެވެ. އެއީ ފުވައްމުލަކުގައި ހުރި ޖަނަރޭޓަރު ސެޓު ހަލާކުވި ދުވަސް ނޫން އަނެއް ދުވަހެވެ.