Advertisement

އެސްޓީއޯއިން މިދިޔަ އަހަރު ކުޑަ އާމްދަނީއަކުން ބޮޑު ފައިދާއެއް ނަގައިފި

30 ޖަނަވަރީ 2024 - 21:15 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ހެޑްއޮފީސް: އެސްޓީއޯއަށް މިދިޔަ އަހަރު 819 މިލިއަން ރުފިޔާގެ ސާފު ފައިދާވި --- އަދަދު ފައިލް ފޮޓޯ


އެސްޓީއޯއިން މިދިޔަ އަހަރު ކުޑަ އާމްދަނީއަކުން ބޮޑު ފައިދާއެއް ނަގައިފި

30 ޖަނަވަރީ 2024 - 21:15 0

މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު އެސްޓީއޯގެ އާމްދަނީއަށް ހީނަރުކަމެއް އައި ނަމަވެސް އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ރަނގަޅުވެ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރުގައި ލިބުނު 18.2 ބިލިއަން ރުފިޔާއަށް ވުރެ 1.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން އެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. އެހެން ނަމަވެސް ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަ ފައިދާ 2.7 ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކުންފުނީގެ ބެލެންސްޝީޓް ރީސްޓްރަކްޗ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގުކުރުމަށް ފަހު އެސެޓްތަކުގެ އަގު ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯއިން ކުރި އަނެއް ކަމަކީ އަދި ތެލުގެ ބާޒާރުގައި އަންނަ ބަދަލުތަކާއި އެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ވިކުނު ތެލުގެ އަދަދަށް ރިބޭޓްތައް ފޯރުކޮށްދިނުމެވެ.

ފިއުލް ރިބޭޓް އަދި އެސެޓް އިމްޕެއާމަންޓް ހަރަދުތައް އޭގެ އެންމެ އެކަށޭނެ މުއްދަތުގައި އެޖަސްޓް ކުރުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ތިން ކުއާޓާރުގެ ހިސާބުތައް ރީސްޓޭޓް ކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. މިއާ ގުޅިގެން ކުންފުނީގެ އިމްޕެއާމަންޓް ކޮސްޓާއި ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވި އެވެ.

ނަމަވެސް އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މި އަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ސާފު ފައިދާއަކީ 995 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 819 މިލިއަން ރުފިޔާ ލިބިފައެވެ.

މިއީ އޭގެ ކުރީ އަހަރަށް ވުރެ މަތީ އަދަދުތަކެވެ. އެގޮތުން އެ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާއަށް ބިލިއަން ރުފިޔާ ލިބުނު އިރު، ސާފު ފައިދާވީ 728 މިލިއަން ރުފިޔާ އެވެ. މިހެންކަމުން ހިންގުމުގެ ފައިދާ 241 މިލިއަން ރުފިޔާ މައްޗަށް ޖެހިފައިވާއިރު، ސާފު ފައިދާ 91 މިލިއަން ރުފިޔާ އިތުރެވެ.