Advertisement

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް

30 ޖަނަވަރީ 2024 - 12:11 1

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންގެ މެމްބަރުން ނޫސްވެރިންގެ ބައްދަވުމެއްގައި ބައިވެރިވަނީ. ރާއްޖޭގައި ކޮރަޕްޝަން މަނާކުރުމުގެ ގާނޫނު ރަނގަޅަށް ތަންފީޒެއް ނުވޭ. ފޮޓޯ: އޭސީސީ


ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް

30 ޖަނަވަރީ 2024 - 12:11 1

ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންގަނޑު ވަޒަންކޮށް، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވައިލާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ގައި ރާއްޖެ އެއް ދަރަޖަ ދަށަށް ޖެހިލައިފި އެވެ.

ޓްރާންސްޕޭރެންސީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮޮތުން ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 39 ޕޮއިންޓެވެ. އެއީ އޭގެ ކުރީ ދެ އަހަރަށް ވުރެ އެއް ޕޮއިންޓް ދަށް މިންވަރެކެވެ. ސީޕީއައިގައި ރާއްޖެއަށް އެންމެ މަތިން ޕޮއިންޓް ލިބުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު 43 ޕޮއިންޓް ލިބުނެވެ. އޭގެ ފަހުން 2021 އާއި 2022 ގައި ލިބުނީ 40 ޕޮއިންޓެވެ.

ސީޕީއައިގައި ރާއްޖެއަށް މިދިޔަ އަހަރު ލިބުނު 39 ޕޮއިންޓާ އެކު ރާއްޖެ ހިމެނީ 50 ޕޮއިންޓަށް ވުރެ މަދުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގަ އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު އާއްމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އަކީ ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވިފައިވާ ކަމަށް ގަބޫލުކުރޭ މިންވަރު ދައްކުވައިދޭ އިންޑެކްސް އެކެވެ. ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު އެކަކުން 100 އަށް ގިންތިކުރާ އެ އިންޑެކްސްގައި 100 ލިބޭނީ ހާލަތު އެންމެ ރަނގަޅު ގައުމަށެވެ. އަދި ސުމެއް ލިބޭނީ އެންމެ ހާލަތު ގޯސް ގައުމަށެވެ.

ސީޕީއައި ސްކޯ މިންކުރަނީ ކޮރަޕްޝަން އަށަގެންފައިވާ ކަމަށް އާއްމުންނަށް ގަބޫލުކުރެވޭ މިންވަރު ބަލަން ހަދާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގަ އެވެ. މިދިޔަ އަހަރުގެ ސީޕީއައި އެކުލަވައިލުމުގައި ރިއާޔަތް ކޮށްފައި ވަނީ ބައިނަލް އަގުވާމީ ތިން މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓްޓިއުޝަނަލް އެސެސްމެންޓް އަށެވެ.

ސީޕީއައި ގައި 180 ގައުމެއް ވަޒަންކޮޮށްފައި ވެ އެވެ. ރާއްގޭ ސްކޯ އަކީ 39 ކަމަށް ވާއިރު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 93 ވަނައިގަ އެވެ. އެއިންޑެކްސްގައި 93 ވަނައިގައި ރާއްޖެއާ އެކު ދެން ހިމެނެނީ އަވަށްޓެރި އިންޑިއާއާއި އިރުމަތީ މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ ކަޒަކިސްތާން އަދި ލެސޯތޯ އެވެ.