Advertisement

ބާސެލޯނާ އަށް ދާ ވާހަކަ "ފޭކް" ކަމަށް އާޓެޓާ ބުނެފި

30 ޖަނަވަރީ 2024 - 11:29 0


ބާސެލޯނާ އަށް ދާ ވާހަކަ "ފޭކް" ކަމަށް އާޓެޓާ ބުނެފި

30 ޖަނަވަރީ 2024 - 11:29 0

ލަންޑަން (ޖެނުއަރީ 30) - މި ސީޒަން ނިމުމުން އާސެނަލް ދޫކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން މިކޭލް އާޓެޓާ ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާގައި ދެކެވޭ ވާހަކަ "ފޭކް" ކަމަށް ބުނެފި އެވެ.

މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ޓީމާ ހަވާލުވެހުރި ކުރީގެ ކެޕްޓަން، ޒަވީ ހެނާންޑޭޒް ވަނީ ބުނެފަ އެވެ. ބާސެލޯނާއާ ދެން ހަވާލުވާނެ ކޯޗެއްގެ ވާހަކަ ސްޕެއިނުގެ މީޑިއާގައި ދެކެވެމުން އަންނައިރު، އޭގެ ތެރޭގައި އާޓެޓާ ވެސް ހިމެނެ އެވެ.

އާޓެޓާ، ވަނީ ބާސެލޯނާގެ އޮފާ އަށް ރުހުން ދީފައި ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން އާޓެޓާ ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އަހަރެންތަ؟ ބާސެލޯނާ އަށް؟ ނޫން. ތިއީ ފޭކް ހަބަރެއް،" ބާސެލޯނާ އަށް ދާން ނިންމާފައިވޭތޯ އެހުމުން އާޓެޓާ ބުންޏެވެ.

އާސެނަލާ އެކު، އާޓެޓާ މި ވަގުތު ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. އާޓެޓާ އަންނަނީ އާސެނަލްގެ އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ.

އާޓެޓާ ބުނީ މި ވަގުތު އޭނާ އާސެނަލްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާާއި އެ ކްލަބާ އެކު ފަށާފައިވާ ރަނގަޅު މަސައްކަތެއްގެ މެދުތެރެއިން ޓީމު ދޫކޮށްލާފައި ދާން ނިންމުން އެއީ އެއްވެސް ގޮތަކަށް އޭނާގެ ކޯޗިން ކެރިއަރަށް ވެސް ކަމުދާނެ ނިންމުމެއް ނޫން ކަމަށެވެ.

ބާސެލޯނާ ޓީމުގައި ހިމެނުނު ނަމަވެސް އާޓެޓާ އެ ކްލަބަށް ރަސްމީ މެޗެއްގައި ކުޅެފައިނުވެ އެވެ. ބާސެލޯނާގައި ހުރިއިރު، އާޓެޓާ ލޯނެއްގެ ދަށުން ޕީއެސްޖީ އަށް ކުޅުނެވެ. އަދި ފަހުން، ރެއާލް ސޮސިއެޑާޑް އަދި ރޭންޖާސް އަށް ވެސް ކުޅުނެވެ.

ޕްރިިމިއާ ލީގުގެ އެވަޓަން އަށް ބަދަލުުވުމަށް ފަހު، ދެން ކުޅުނީ އާސެނަލް އަށެވެ. މެންޗެސްޓާ ސިޓީގެ ކުރީގެ އެސިސްޓަންޓް ކޯޗު، އާޓެޓާ، އާސެނަލާ ހަވާލުވީ، 2019 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ.