Advertisement

ގައްދޫން ބަޔަކު ބިރުދެއްކުމުން ފުވައްމުލަކަށް ޖަނަރޭޓަރު ނުގެންދެވުނު: ފެނަކަ

27 ޖަނަވަރީ 2024 - 22:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުވައްމުލައް ސިޓީ: 11،000 މީހުން ދިރިއުޅޭ މި ރަށުން ކޮންމެ ދުވަހަކު ކަރަންޓު ކަނޑާތާ 16 ދުވަސް ވެއްޖެ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ގައްދޫން ބަޔަކު ބިރުދެއްކުމުން ފުވައްމުލަކަށް ޖަނަރޭޓަރު ނުގެންދެވުނު: ފެނަކަ

27 ޖަނަވަރީ 2024 - 22:57 0

ފުވައްމުލަކު ސިޓީގައި ޖެނަރޭޓަރެއް ހަލާކުވެ، އެ ރަށުން ކަރަންޓު ކަނޑަން ޖެހޭ މައްސަލަ ހައްލުކުރަން ގދ. ގައްދޫގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރެއް ގެންދަން އުޅުމުން ގައްދޫ ބަޔަކު ނުކުމެ ޖަނަރޭޓަރު ބަލައި ފެނަކައިން މިއަދު ފޮނުވި ދޯނީގެ ފަޅުވެރިންނަށް ބިރު ދައްކައިފި އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް, ފުވައްމުލަކުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައްދޫން މަދު ބަޔަކު ނިކުމެ ފަޅުވެރިންނަށް ބިރުދެއްކުމުގެ ސަބަބުން އަދިވެސް އެ ޖަނަރޭޓަރު ފުވައްމުލަކަށް ނުގެންދެވޭ ކަމަށެވެ.

ފުވައްމުލަކުގައި ބޭނުން ކުރަމުން ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން ސެޓެސް ހަލާކުވީ މިދިޔަ ޑިސެމްބަރު 11 ގަ އެވެ. ރަށުގައި ހުރި ޖަނަރޭޓަރުތަކަށް ކެތް ނުވެގެން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަން ފެށީ މި މަހުގެ 11 އިން ފެށިގެންނެވެ.

ފެނަކައިގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް ގައްދޫގައި ހުރި 800 ކިލޯވޯޓުގެ ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ މަހުގެ 12 ގައި ކަމަށެވެ. އެއީ ފުވައްމުލަކުގައި ހުރި ޖަނަރޭޓަރު ސެޓު ހަލާކުވި ދުވަސް ނޫން އަނެއް ދުވަހެވެ.

އެ ފަހަރު ފެނަކައިން އެ މަސައްކަތް ހުއްޓާލީ އެކަން ކޮށްފިނަމަ ގައްދޫގެ އާއްމު މަސްލަހަތު ގެއްލިދާނެ ކަމުގެ ޝަކުވާތަކެއް ލިބިގެން ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެއަށް ފަހު ފެނަކައިން މަސައްކަތް ކުރީ އިމަޖެންސީ ޕްރޮކިއުމަންޓުގެ ދަށުން ފުވައްމުލަކަށް ޖަނަރޭޓަރެއް ގަންނާށެވެ. ނަމަވެސް އެ ސައިޒުގެ ޖަނަރޭޓަރެއް ލިބެން ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގައްދޫގައި ހުރި ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް އަލުން ފެށީ އެހެންވެގެން ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނާ ގޮތުގައި ގައްދޫގައި މި ވަގުތު އިންސްޓޯލް ކޮށްފައި ހުރި ޖަނަރޭޓަރުތަކުން އެ ރަށަށް ފުރިހަމައަށް ކަރަންޓު ދެވެ އެވެ. އެހެންކަމުން އެމަޖެންސީގައި ހޯދާ ޖަނަރޭޓަރު ގައްދޫއަށް ގެންދާ ގޮތަށް އެ ރަށުގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމަށް ގައްދޫގައި ހުންނަ ކުންފުނީގެ ބްރާންޗަށް އެންގި ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ ކުންފުނިން އަދިވެސް މަސައްކަތް ކުރަމުންދަނީ ގައްދޫގައި ހުރި ޖަނަރޭޓަރު ސުލްހަވެރިކަމާއެކު ފުވައްމުލަކަށް ގެންދިއުމަށް ކަމަށާއި ހިދުމަތައް ބުރޫނާރާނެ ގޮތަށް ކުންފުނީގެ ހަރު މުދާ ބްރާންޗުތަކުގެ މެދުގައި ބަދަލުކުރުމުގެ އިހުތިޔާރު ކުންފުންޏަށް ލިބެން ޖެހޭނެ ކަމަށެވެ.