Advertisement

ފައިނަލްގެ ފުރަތަމަ ޖާގަ ޗެލްސީ އަށް

24 ޖަނަވަރީ 2024 - 08:27 0


ފައިނަލްގެ ފުރަތަމަ ޖާގަ ޗެލްސީ އަށް

24 ޖަނަވަރީ 2024 - 08:27 0

ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިޑްލްސްބަރާ އަތުން 6-1 އިން މޮޅުވެ، ޗެލްސީން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި މިޑްލްސްބަރާ އިން ވަނީ އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް 1-0 އިން ކުރިހޯދައިފަ އެވެ. ޗެލްސީން ވަނީ އެ ނަތީޖާ އަނބުރާލުމަށް ރޭ ކުޅުނު ދެ ވަނަ ލެގުގައި ތަފާތު ކުޅުމެއް ދައްކައިފަ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި މިޑްލްސްބަރާގެ ޖޯނީ ހައުސަން އަތުން ބައިކޮޅަށް ވަން ގޯލުން ޗެލްސީން ލީޑުނެގި އެވެ. އޭގެ ފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންޒޯ ފެނާންޑޭޒް އާއި އަލެކްސް ޑިސާސީ އަދި ކޯލް ޕާމާ ވަނީ ގޯލު ޖަހައި ފުރަތަމަ ހާފުގައި ޗެލްސީ އަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފުގައި ކޯލް ޕާމާ އިތުރު ގޯލެއް ޖެހިއިރު، ޗެލްސީގެ އަނެއް ލަނޑު ޖެހީ ނޯނީ މަޑުއޭކޭ އެވެ. މިޑްލްސްބަރާގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި މޯގަން ރޮޖާސް އެވެ.

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މީގެ ކުރިން ވަނީ އިނގިރޭސި ދެ ކްލަބް ކަމަށްވާ ސައުތެމްޓަން އާއި ޓޮޓެންހަމްގައި މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އޭގެއިން އެއްވެސް ޓީމެއްގައި ހުރެ ތަށްޓެއްގައި އަތްލުމުގެ ނަސީބު ނުލިބެ އެވެ. އެހެންވެ، އޭނާ އަށް ޗެލްސީގައި ހުރެ ކާމިޔާބެއް ލިބިއްޖެނަމަ އެކަމެއް ހާއްސަވާނެ އެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހު ވެމްބްލީގައި ކުޅޭ ލީގު ކަޕް ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ މެޗަށް ފަހު އެވެ. ސެމީ ފައިނަލް ދެ ވަނަ މެޗުގައި ލިވަޕޫލުން ކުޅެނީ ފުލަމްއާ އެވެ. ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ލެގުން 2-1 އިން ފުލަމް ބަލިކޮށްފަ އެވެ.