Advertisement

ސޯލާ-ޑީސަލް ހައިބްރިޑު ނިޒާމު 30 ރަށެއްގައި ގާއިމުކުރަނީ؛ 33 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ

22 ޖަނަވަރީ 2024 - 23:34 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، މަޝްރޫއުގެ ދަށުން ކ، އއ، އދ އަދި ވ އަތޮޅުގެ މީހުން ދިރިއުޅޭ 30 ރަށުގައި މި މަޝްރޫއު ހިންގާނެ


ސޯލާ-ޑީސަލް ހައިބްރިޑު ނިޒާމު 30 ރަށެއްގައި ގާއިމުކުރަނީ؛ 33 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ

22 ޖަނަވަރީ 2024 - 23:34 1

ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން މެދުރާއްޖެތެރޭގެ ހަތަރު އަތޮޅެއްގެ މީހުން އުޅޭ 30 ރަށެއްގައި ސޯލާ-ޑީސަލް ހައިބްރިޑް ކަރަންޓު ނިޒާމު ގާއިމުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ޗައިނާ ކުންފުންޏަކާ އެކީ ސޮއިކުރި އެއްބަސްވުމުގެ ދަށުން ސޯލާ ހައިބްރިޑު ނިޒާމުތައް ގާއިމުކުރާނީ ކ، އއ، އދ، ވ އަތޮޅުގެ ރަށްތަކުގެ ތެރެއިން ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޯށްދޭ ރަށްތަކަށެވެ. ނަމަވެސް, ޗައިނާ ކުންފުނީގެ ނަމެއް އަދި މި ޕްރޮޖެކްޓުގެ އަގެއް އެންވަޔަރަމަންޓް މިނިސްޓްރީން ނުބުނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން މި ރަށްރަށުގެ ކަރަންޓު އުފައްދާ ވަސީލަތްތައް ތަރައްގީ ކުރެވިގެންދާއިރު، އެ ތަންތަނަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ނިޒާމުތައް ގާއިމުކޮށް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ބެލެހެއްޓޭނޭ ގޮތަށް އެ ނިޒާމުތައް ފުރިހަމަ ކުރެވިގެން ދާނެ ކަމަށެވެ. އަދި މި މަޝްރޫއާއެކު އަހަރަކު 33 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފައިސާގެ ހިސާބުންނަމަ އަހަރަކު ތެލަށް ހޭދަކުރާ 33 މިލިއަން ރުފިޔާ ސަލާމަތްކުރެވޭއިރު ތެޔޮ އެންދުމުން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން 6500 ޓަނުގެ ކާރބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ ދޮޅު އަހަރެއްގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތްތައް ނިންމައި، އެ ރަށްރަށުގައި ތަރައްގީ ކުރާ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. މި ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ބޭނުންކުރަން ފެށުމުން އަހަރަކު 2.4 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ އެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި މި މަޝްރޫއާ އެކު ތެލަށް ބަރޯސާ ވާ މިންވަރު ކުޑަކޮށް، އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރު ވެގެންދާނެ އެވެ. މި ޕްރޮގްރާމްގެ ދަށުން 5.88 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފެއްދޭނެ ގޮތް ގާއިމު ވެގެން ދާނެ ކަމަށާއި މިއާ އެކު 4.45 މެގަވޮޓު އަވާ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖު ގާއިމް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން


ސަރުކާރުގެ އަމާޒަކީ 2028 ގެ ނިޔަލަށް ދިވެހިރާއްޖޭ ގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިގޮތުން ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ގިނަ މަޝްރޫއުތަކެއް ރާވާ ހިންގުމުގެ ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓްރީ އިން މައުލޫމާތު ދޭ ގޮތުގައި ހަމައެކަނި ޑީސަލުން ކަރަންޓު އުފައްދާގޮތަށް ރަށްރަށުގައި ގާއިމުކޮށްފައިވާ ދުވަސްވީ ވަސީލަތްތަކުގެ ބަދަލުގައި ސޯލާ - ޑީސަލް - ބެޓެރީ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމަކީ ސަރުކާރުގެ އެއް އަމާޒެވެ.

މީގެ އިތުރުން، ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ އިތުރު ވަސީލަތްތައް ދެނެގަނެ އޭގެ އަޖުމަ ބަލައި އެފަދަ ވަސީލަތްތައް މި ނިޒާމުތަކުގެ ތެރެއަށް އިތުރުކުރުމަކީ ވެސް ސަރުކާރުން އިސްކަންދީގެން މަސައްކަތް ފަށާފައިވާ ދާއިރާއެއް ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މި ނިޒާމުތައް ތަރައްގީ ކުރެވިގެން ދާއިރު އެތަންތަނުގެ މުވައްޒަފުންވެސް އެ ނިޒާމުތަކަށް އަހުލުވެރި ކުރުވުމަށްޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތަމްރީނު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.