Advertisement

އެސްއީޒެޑް ގާނޫނުގެ ދަށުން އޯފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދޭ އޮތޯރިޓީ އުފައްދައިފި

21 ޖަނަވަރީ 2024 - 17:40 0

ރައީސް މުއިއްޒު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއެކު: ވިދާޅުވެފައި ވަނީ ފައިނޭންޝަލް ސެންޓަރަކަށް ރާއްޖެ ހައްދަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެސްއީޒެޑް ގާނޫނުގެ ދަށުން އޯފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދޭ އޮތޯރިޓީ އުފައްދައިފި

21 ޖަނަވަރީ 2024 - 17:40 0

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ ދަށުން އޯފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" ގެ ނަމުގައި މިއަދު ކުންފުންޏެއް އުފައްދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ކުންފުނި އުފެއްދެވީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ. އެ ކުންފުނި އުފައްދަވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ ޖެނުއަރީ 4، ގަ އެވެ.

ރައީސް އެއިރު ވިދާޅުވީ އެ އޮތޯރިޓީ ގާއިމް ކުރާނީ މިހާރު ތެޔޮ ރައްކާ ކުރުމަށް ބޭނުން ކުރާ ކ. ފުނަދޫގައި ކަމަށެވެ. ތެޔޮ ރައްކާ ކުރުން އެހެން ތަނަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

"އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ތެޔޮ ރައްކާ ކުރުން ބަދަލު ކުރާނީ ކ. މާގިރިފަޅަށް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ މަރުހަލާ އިފުތިތާހު ކުރުމަށް ޖެނުއަރީ 4، ގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމު ކުރުން ކަމަށެވެ.

"އިރާދަކުރެއްވިޔާ މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓެބްލިޝް ކުރަން. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާސް ރާއްޖޭގައި ގާއިމް ކުރުމުގެ މަގު މިވަގުތަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ތިލަފުއްޓާއި އެ ސަރަހައްދުގައި ހިއްކާ އެހެން ބިންތަކުން ގެދޮރާއި އެހެނިހެން ބޭނުންތަކަށް ދިނުމަށްފަހު މިހާރު ސަރުކާރުން ހެދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީގެ ފަރާތުން އެ ސަރަހައްދުގައި ރީއެކްސްޕޯޓު ކުރާ އެސްއީޒީ ޒޯނެއް ގާއިމް ކުރައްވާނެ ކަމަށް ވެސް ރައީސް އެ ރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީ އެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑްގެ ޒޯނަކަށް އެތަން ހެދިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.