Advertisement

ވިލިނގިލީ ކުއްޖާ މަރުވި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައިފި

21 ޖަނަވަރީ 2024 - 14:03 0

ނިމާ ހަސަން

ނިމާ ހަސަން

ދަ ޑިމޮކްރެޓްސް; އެ ޕާޓީން ވަނީ ވިލިނގިލީ ކުއްޖާ މަރުވި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލާފައި -- ފޮޓޯ: އަދަދު


ވިލިނގިލީ ކުއްޖާ މަރުވި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައިފި

21 ޖަނަވަރީ 2024 - 14:03 0

ސްޓްރޯކެއް ޖެހި ހާލު ބޮޑުވެގެން ގއ. ވިލނގިލިން މާލެ ގެނައި ކުއްޖަކު ނިޔާވި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ, އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ބުރާސްފަތި ދުވަހު ހަވީރު ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ވަނީ ނިޔާވެފަ އެވެ. އޭނާއަކީ ބްރެއިން ޓިއުމާ ޕޭޝަންޓެކެވެ.

އެކަމާ ގުޅިގެން ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނީ, އަވަސް ފަރުވާ ލިބެން ޖެހޭ ހާލަތުގައި ޖާހު މާލެ ގެނައުން ލަސްވުމުގައި އެކަމުގައި އިހުމާލު ހިމެނޭކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްއްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި ލިބެން ނެތުމުން, ބަލިމީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. ނަމަވެސް އެކަން އެހާ އިތުބާރާއެކު ހަމަޖެހިނުވާކަން މި ހާދިސާއިން ވެސް ހާމަވާ ކަމަށް ވެސް ބުންޏެވެ.

އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި، އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވާން އެޕާޓީން ގޮވައިލި އެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވީ އިއްޔެ ހެނދުނު އެވެ. ބުދަ ދުވަހުގެ ރޭ ވިލިނގިލީ ހޮސްޕިޓަލްގައި އެޑްމިޓުކުރި ޖާހު މާލެ ގެނެވުނީ ޗާޓަރު ފްލައިޓެއްގައި ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ބްރެއިން ޓިއުމަރެއް ވެސް ހުންނަ އެ ކުއްޖާ އަށް ސްޓްރޯކެއްގެ ޖެހި ސިއްހީ ހާލަތު ދަށަށް ދިޔައިރު، މާލެ ގެނައުން ލަސްވެގެން އެރަށުގެ ބަޔަކު ހޮސްޕިޓަލް ކައިރީގައި ބުރާސްފަތި ދުވަހު މުޒާހަރާ ވެސް ކުރި އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ދާއިރު، ކަން ހިނގައި ދިޔަ ގޮތް ހާމަކުރަން އާސަންދައިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ބަލި ކުއްޖާ ކުއްލި ހާލަތުގައި މާލެ ގެނައުމަށް އާސަންދައިގައި އެދިފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު (ޖެނުއަރީ 18، 2024) 5:03 ގައި ކަމަށެވެ. އެ ހުށަހެޅުން 12 މިނެޓު ތެރޭގައި އެޕްރޫވްކޮށް، އެންމެ އަވަހަށް އޮތް ފްލައިޓަކުން މާލެ ގެނައުމަށް މަސައްކަތް ފެށި ކަމަށް އާސަންދައިން ބުނެ އެވެ.

ނަމަވެސް، މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓެއް އެންމެ އަވަހަަށް އޮތީ ހުކުރު ދުވަހު (ޖެނުއަރީ 19، 2024) ގެ ފަތިހަށް ކަމަށް ވާތީ، އާސަންދައިން ފްލައިޓެއް ޗާޓަރުކުރި އެވެ.

ޗާޓަރު ފްލައިޓު ހަމަޖައްސައި ބަލި ކުއްޖާ މާލެ ގެނެވޭނެ ވަގުތު މޯލްޑިވިއަންއިން އާސަންދައަށް އެންގީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގަ އެވެ. އެ ފްލައިޓު ބުރާސްފަތި ދުވަހުގެ މެނދުރު ފަހު 2:55 ގައި ކޫއްޑޫގައި ޖެއްސުމަށް ފަހު، ބަލި ކުއްޖާ ގޮވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ތާވަލުކޮށްފައި އޮތީ ހަވީރު 4:20 ގަ އެވެ.

ބަލި ކުއްޖާ ކޫއްޑޫ އެއަޕޯޓަށް ގެންދިއުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައި ވަނިކޮށް، ލ. ކައްދުއަށް ދާ ފްލައިޓް ކޫއްޑޫއަށް މަޑުކޮށް ބަލި ކުއްޖާ ގޮވައިގެން އާދެވިދާނެ ކަމަށް މޯލްޑިވިއަންއިން އެންގި އެވެ. ނަމަވެސް އެ މަތިންދާ ބޯޓުގައި ބަލި ކުއްޖާ ނުގެނެވުނީ އެންމެ ފަހު ވަގުތު ބޯޓުގެ ފުރޮޅު ހަލާކުވުމުގެ ސަބަބުން، ކޫއްޑޫއަށް ނުދެވިގެން ކަމަށް އާސަންދައިން ބުނެ އެވެ.

އެހެންވެ ޗާޓަރު ފްލައިޓެއް އަލުން ހަމަޖައްސައިގެން އެ ކުއްޖާ މާލެ ގެނެވުނީ ހަވީރު 5:15 ގަ އެވެ.

ވިލިނގިލީ ކުއްޖާގެ މަރަށް ފަހު، ކުއްލި ހާލަތުގައި މީހަކު އުފުލަން ޖެހިއްޖެ ނަމަ ޝެޑިއުލް ފްލައިޓުތަކަށް ވުރެ ބަލި މީހާ އުފުލުމަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުމެއް ނުކުރެ އެވެ.