Advertisement

މޫސުމީ ބަދަލަކީ ހަގީގަތެއް, މުހިންމީ އެކަމަށް ތައްޔާރުވުން: ރައީސް

15 ޖަނަވަރީ 2024 - 11:06 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ. ޗައިނާގައި ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލަށް ތައްޔާރުވުން މުހިންމު ކަމަށް. ފޮޓޯ: ރައީސް އޮފީސް


މޫސުމީ ބަދަލަކީ ހަގީގަތެއް, މުހިންމީ އެކަމަށް ތައްޔާރުވުން: ރައީސް

15 ޖަނަވަރީ 2024 - 11:06 0

މޫސުމަށް އަންނަމުންދާ ބަދަލަކީ ހަގީގަތެއް ކަމަށާއި އެކަމުގައި ރާއްޖެއަށް ކުރެވެން އޮތް ކަމަކީ އެކަމަށް ތައްޔާރުވެ، ގެއްލުން ކުޑަކުރަން މަސައްކަތް ކުރުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ޓީވީ ޗެނަލެއް ކަމަށްވާ ސީޖީއެންޓީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގައި، މޫސުމީ ބަދަލުގެ ގެއްލުން ކުޑަކުރެވޭނެ ފިޔަވަަޅުތައް އަޅަން ޖެހޭ ކަމަށެވެ. ރާއްޖޭން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަގަށެވެ.

" މޫސުމީ ބަދަލަކީ ހަގީގަތެއް. އަޅުގަނޑުމެން ދޮގެއް ނުކުރަން އެކަމާ ބެހޭ އެއްވެސް ވާހަކައެއް. އެކަމަކު އެންމެ މުހިންމު ކަމަކީ އެ ބަދަލަށް ހޭނި، އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިމޭރުމުން ޖަވާބުދެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް 30 އަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ގާތްގަނޑަކަށް 80 ޕަސެންޓް ފެނުގެ އަޑިއަށް ހިނގައިދާނެ ކަމަށް ސީޖީއެންޓީގެ ނޫސްވެރިޔާ ކުރި ސުވާލުގައި ބުނުމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖޭން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވެ އޭގެ އެއް މިސާލަކަށް ރައީސް ދެއްކެވީ މުޅި ރާއްޖޭގައި ފަސް މިލިޔަން ގަސް އިންދަން އެމަނިކުފާނު އިއުލާނުކުރައްވާފައިވާ ޕްރޮގްރާމެވެ. ދެވަނަ މިސާލަކަށް ދެއްކެވީ ފުށި ދިއްގަރު ފަޅުގައި ބިނާކުރައްވަން މަސައްކަތްކުރައްވާ ސަހަރު ކަނޑުގެ ލޮނޑުގަނޑުން ފެށިގެން ތިން މީޓަރުގެ އުސްމިނެއް ހުންނަ ގޮތަށް ހިއްކަން ނިންމަވާފައިވާ ނިންމެވުމެވެ.

އުސްކޮށް ހިއްކުމުގެ އިތުރުން އެ ތަން (ރަސްމާލެ) ވާނީ ވަރަށް ގިނައިން ގަސްހައްދާފައިވާ ފެހިކަން ގަދަ ތަނަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.