Advertisement

ފުރަތަމަ ލެގުގައި މިޑްލްސްބަރާ އިން ޗެލްސީ ބަލިކޮށްފި

10 ޖަނަވަރީ 2024 - 10:14 0

މިޑްލްސްބަރާގެ ހޭޑަން ހެކްނޭ އަތުން ބޯޅަ ހޯދަން ޗެލްސީ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފުރަތަމަ ލެގުގައި މިޑްލްސްބަރާ އިން ޗެލްސީ ބަލިކޮށްފި

10 ޖަނަވަރީ 2024 - 10:14 0

ލަންޑަން (ޖެނުއަރީ 10) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިޑްލްސްބަރާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-0 އިން ޗެލްސީ ބަލިކޮށްފި އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިޑްލްސްބަރާ އަށް ކާމިޔާބުކޮށްދިނީ 37 ވަނަ މިނިޓްގައި ހޭޑަން ހެކްނޭ އެވެ. މިއީ އިސާއިއާ ޖޯންސް ނަގައިދިން ހުރަހަކުން ހެކްނޭ ޖެހި ގޯލެކެވެ.

މި މެޗުގައި ޗެލްސީ އަށް ލަނޑު ޖަހައިދޭން އެންމެ ގިނަ ފުރުސަތު ލިބުނީ ކޯލް ޕާމާ އަށެވެ. އޭނާ އަތުން ގިނަ ފުރުސަތުތަކެއް ގެއްލިގެންދިޔަ އެވެ. ޗެލްސީން ޖުމްލަ އެކު، 18 ޝޮޓް ޖެހި މި މެޗުގައި، ގޯލާ ސީދާކޮށް ފޮނުވާލެވުނީ ފަސް ހަމަލާ އެވެ. މިއީ، މި ސީޒަނުގައި ޗެލްސީން ކުޅުނު މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ހަ ވަނަ ފަހަރެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން، މައިކަލް ކެރިކް ކޯޗުކޮށްދޭ މިޑްލްސްބަރާ އިން ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކެރިކް ބުނީ މުޅި މެޗަށް ބަލާއިރު ވެސް މިޑްލްސްބަރާ ކުޅުންތެރިން ފެނުނީ ފޯކަސް ބަހައްޓައިގެން ވިސްނުންތެރިކަމާ އެކު، ރަނގަޅު ކުޅުމެއް ދެއްކިތަން ކަމަށެެވެ. އަދި އުންމީދަކީ ދެ ވަނަ ލެގުގައި ވެސް އެ ކުޅުން ދެމެހެއްޓުން ކަމަށް ކެރިކް ބުނެފައިވެ އެވެ.

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ނަތީޖާ ނުނެރެވި އަބަދު ކުޅުމުގެ ވާހަކަ ދައްކަން އުނދަގޫ ކަމަށާއި މިހާރު ކޮންމެ ގޮތެއް ވިޔަސް ސީޒަނުގެ މިހާ ހިސާބުން ނަތީޖާ ނެރުން މުހިންމުވާނެ ކަމަށެވެ.

ލީގު ކަޕް ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިޑްލްސްބަރާ އިން ޗެލްސީއާ ބައްދަލުކުރާނީ މި މަހު 23 ވަަނަ ދުވަހު އެވެ. ލީގު ކަޕް ސެމީގައި މިރޭ ލިވަޕޫލުން ފުލަމްއާ ދެކޮޅަށް ފުރަތަމަ ލެގުގެ މެޗު ކުޅޭނެ އެވެ.