8 ޖަނަވަރީ 2024 - 06:21 1
8 ޖަނަވަރީ 2024 - 06:21 1
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލާމާތް ކުރި މައްސަލައިގައި ނިއު ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފައި އޮއްވައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން ދިވެހި ސަރުކާރުން އަންގައިފި އެވެ.
ސަފީރު މުނޫ މަހާވަރު މިއަދު 12:00 ޖަހާއިރު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.
އިންޑިއާގެ ސަފީރު ހާޒިރު ކުރުމަށްފަހު އޭނާއާ ބައްދަލު ކުރައްވާނީ ފޮރިން މިނިސްޓްރީގެ އެމްބެސަޑާ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދު ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި ވަގުތު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުގައި އެ ގައުމަށް ވަޑައިގެންނެވެ.
ދިވެހި ގަޑިން 9:00 ޖެހިއިރު ރާއްޖޭގެ ސަފީރު އިންޑިއާގެ އެކްސްޓާނަލް އޮފީހަށް ހާޒިރު ކުރުމަށްފަހު ވެއެތުވީ އެންމެ 10 ވަރަކަށް މިނެޓު ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
މި މައްސަލަ އުފެދި ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4 ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ސަސްޕެންޑުކުރި ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިއާ ގުޅިގެންނެވެ.
"މިސްޓަ ސިންހާ" ގެ ނަމުގައި އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށް ބުނެފައިވެ އެވެ.
އެ ޕޯސްޓަށް ރައްދެއްގެ ގޮތުގައި ޝިއުނާ ކުރެއްވި ޕޯސްޓުގައި މޯދީ އަކީ "ކްލައުނެއް" ކަމާއި އިޒްރޭލުގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން ޝިއުނާ އަށް އޮއްސައިލި ފާޑުކިޔުމާ ގުޅިގެން ޕޯސްޓް ޑިލީޓުކުރެއްވި އެވެ. މަލްޝާ ކުރެއްވި ޕޯސްޓު ވެސް ޑިލީޑް ކުރެއްވި އެވެ.
މި މައްސަލައިގައި އެކްސްގައި އުފެދުނު "ހަނގުރާމަ" ގޯސްވެގެން ދިޔައީ ބޮއިކަޓްމޯލްޑިވްސް ކެމްޕޭނުގައި އިންޑިއާގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން އިއްޔެ ބައިވެރިވާން ފެށި ހިސާބުންނެވެ.
ބޮލީވުޑްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަމަށް ވިޔަސް، މަޝްހޫރު ފިލްމީތަރިންތަކެއް އިއްޔެ ގޮވާލީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ލަކްޝަދީޕް ހިޔާރު ކުރުމަށެވެ. އެ ކެމްޕޭނުގައި އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރަދާ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ބައިވެރިވެފަ އެވެ.
އެ ކެމްޕޭނާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
ލަމްޔާ
about 1 year ago
ދިވެހީންގެ ރިސޯޓުތައްވެސް ވިޔާފާރިތައްވެސް ފޭރިގަނެގެން އުޅޭ ބޯރާ ބޭރިތަކެއް ތީ ! ބަލާލުން ރަގަޅު ދިވެހިރާއްޖޭގެ ރައްޔިތުން ސަރުކާރު ހިއްސާވާ ދަތުރުފަތުރައް ދީފައިވާ ސަބްސިޑީ ރަށްތައް ފޭރިގަނެފައިވާ ގޮތް. އޭސީސީ ވެސް ނިދާފަ. ކުޑަކުރަތު މިހާރު ކޮބާ ؟؟؟؟ ފޮއްތެޔޮ، ވޮއްމުލި، މާދެލި، ކަނިފުށި، ސަބްސިޑީ އަށް ސަރުކާރުހިއްސާ އޮތް އެއްޗެހި ފޭރިގަނެފަ އޮތްގޮތް ބަލަން ސަރުކާރަށް ޕާޓީތަކަށް ގޮވާލަން.
Comment