Advertisement

ޕޮޗެޓީނޯ ދެކޭގޮތުގައި ޗެލްސީ އަށް ޔޫރަޕްގެ ބޮޑު ފުރުސަތު އޮތީ ކަޕްތަކުން

6 ޖަނަވަރީ 2024 - 10:11 0


ޕޮޗެޓީނޯ ދެކޭގޮތުގައި ޗެލްސީ އަށް ޔޫރަޕްގެ ބޮޑު ފުރުސަތު އޮތީ ކަޕްތަކުން

6 ޖަނަވަރީ 2024 - 10:11 0

ލަންޑަން (ޖެނުއަރީ 6) - ޗެލްސީ އަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ހޯދަން އެންމެ ފަސޭހަ މަގެއްގެ ގޮތުގައި އޮތީ އިނގިރޭސި ކަޕް މުބާރާތްތަކުން ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ލީގު ނިންމީ 12 ވަނައިގަ އެެވެ. އެ ޓީމަށް އެއްވެސް ކަޕް މުބާރާތެއް ކާމިޔާބު ނުކުރެވޭތީ މި ސީޒަނުގެ އެއްވެސް ޔޫރަޕް މުބާރާތަކުން ފުރުސަތު ނުލިބެ އެވެ. މި ސީޒަނުގައި ވެސް ލީގުގައި ޗެލްސީ އަށް ނަތީޖާ ނެރުމުގައި މައްސަލަ ދިމާވެފައިވާއިރު، އެ ޓީމު އޮތީ ލީގުގެ 10 ވަނައިގަ އެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ޗެލްސީން ޕްރެސްޓަންއާ ދެކޮޅަށް މިރޭ ކުޅޭއިރު، މި މަސް ތެރޭގައި އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ލެގުގެ މެޗުތައް ކުޅޭނެ އެވެ. ލީގު ކަޕް ސެމީގައި ޗެލްސީ ކުޅެނީ މިޑްްލްސްބަރާއާ ދެކޮޅަށެެވެ.

ޕޮޗެޓީނޯ ބުނީ ޗެލްސީން މި ސީޒަނުގައި ކަޕް މުބާރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

"އެފްއޭ ކަޕާއި ކަރަބާއޯ ކަޕް (ލީގު ކަޕް) އިން އަހަރެމެންނަށް އެބައޮތް ޓާގެޓަކަށް (އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތަކަށް) ދެވޭނެ މަގެއް،" ކުރިން ޕްރިމިއާ ލީގުގައި ސައުތެމްޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ޕޮޗެޓީނޯ ބުނީ، "އަހަރެމެންނަށް ޔޫރަޕް މުބާރާތްތައް އަންނަ އަހަރު ވަރަށް މުހިންމު،" ކަމަށެވެ.

ޗެލްސީ މި ވަގުތު ޕްރިމިއާ ލީގުގައި އޮތް މަގާމަކީ، އެ ޓީމަށް ޕްރެޝަރު އޮތް ހިސާބެއް ކަމަށާއި އެކަންކަން ބަދަލުކުރަން ލިބޭނެ ފުރުސަތަކީ ކަޕް މުބާރާތްތައް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ކުރިން ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ލީގުގައި ޗެލްސީ ކުޅުނު 20 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ ބަލިވެފަ އެެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. ފަސް ވަނަ އަށް ދާ ޓީމެއް ޔޫރޮޕާ ލީގަށް ކޮލިފައިވާނެ އެވެ. ލީގު ކަޕާއި އެފްއޭ ކަޕް ޗެމްޕިއަން ކޮލިފައިވާނީ ކޮންފަރެންސް ލީގަށެވެ. ލީގުގެ ފަސް ވަނައިގައި އޮތް ޓޮޓެންހަމާއި ޗެލްސީއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.