Advertisement

ވިލާ ދެ ވަނަ އަށް، ސިޓީ ތިން ވަނަ އަށް

31 ޑިސެންބަރު 2023 - 00:03 0

ސިޓީގެ އަލްވަރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ


ވިލާ ދެ ވަނަ އަށް، ސިޓީ ތިން ވަނަ އަށް

31 ޑިސެންބަރު 2023 - 00:03 0

މެންޗެސްޓާ (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަތުން 3-2 އިން މޮޅުވެ، އެސްޓަން ވިލާ އިން ލީގުގެ ދެ ވަނަ އަށް އެރިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ އެއްވަރަށް ދެ ވަނަ މަގާމަށް އެރި ވިލާ އަށް ވަނީ ޕޮއިންޓް ހޯދައިފަ އެވެ. ލިވަޕޫލަށް 19 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ވިލާ އަށް 42 ޕޮއިންޓް ލިބުނީ 20 މެޗުންނެވެ. ސިޓީ ތިން ވަނަ އަށް އެރީ، ހަތަރެއްގައި އޮތް އާސެނަލާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް 19 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ފައިދާ ގޯލަށް ބަލާއިރު އާސެނަލަށް ވުރެ ހަ ގޯލު ގިނަ އެވެ.

ދާދި ފަހުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ސިޓީ އަށް މިރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ ރޮޑްރީ އާއި ހޫލިއަން އަލްވަރޭޒް އެވެ. މި ދެ ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު، ފިލް ފޯޑެން އެވެ.

މި މެޗު ފެށުމުގެ ކުރިން ސިޓީން ވަނީ 2023 ވަނަ އަހަރު އެ ޓީމަށް ލިބުނު ފަސް ޓްރޮފީ އެ ޓީމުގެ ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ.

ވިލާ ޕާކުގައި ކުޅުނު މެޗުން އެ ޓީމުން ވަނީ، 28 ވަނަ މިނިޓްގައި ލެއޯން ބެއިލީ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން، ބާންލީގެ ޒެކީ އަމްދޫނީ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލާގެ މޫސާ ޑިއާބީ ވަނީ އެ ޓީމަށް އަލުން ލީޑުނަަގައިދީފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ބާންލީގެ ސެންޑާ ބާޖް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ވެސް ބާންލީން ވަނީ އެޓޭކަށް ނުކުމެ، ލިބުނު ފުރުސަތެއްގައި އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ލައިލް ފޮސްޓާ އެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ވިލާ މޮޅުކޮށްދިނީ 89 ވަނަ މިނިޓްގައި، ޑަގްލަސް ލުއީޒް ޖެހި ގޯލުންނެވެ. މިއީ ޕެނަލްޓީ އަކުން ލުއީޒް ޖެހި ގޯލެކެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ލޫޓަން ޓައުން ދަނޑުގައި ޗެލްސީ ވަނީ 3-2 އިން މޮޅުވެފަ އެވެ.

ޗެލްސީން މި މެޗުގައި ކޯލް ޕާމާގެ ދެ ގޯލާއި ނޯނީ މަޑުއޭކޭ ޖެހި ގޯލުތަކުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ލޫޓަން އިން ވަނީ ފަހު ވިއްސަކަށް މިނިޓް ތެރޭ ޗެލްސީ ހާސްކޮށްލައިފަ އެވެ. އެ ގޮތުން، ލޫޓަން އިން ފުރަތަމަ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެވެ. އެކަމަކު، އެ ޓީމުން ވަނީ ފަހުން ވެސް ހިތްވަރުކޮށް ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ރޮސް ބާކްލީ އާއި އެލައިޖާ އަޑެބަޔޯ އެވެ.

މި ނަތީޖާއާ އެކު، ޗެލްސީ ލީގުގެ 10 ވަނައިގައި އޮތީ 20 މެޗުން 28 ޕޮއިންޓާ އެކު އެވެ. ލީގުގެ 11 ވަނައިގައި އޮތް ވުލްވްސް އަށް ވެސް 20 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ވަނީ މިރޭ 3-0 އިން އެވަޓަން ބަލިކޮށްފަ އެވެ.