20 ޑިސެންބަރު 2023 - 15:13 0
އަހުމަދު އާއިދު
ކަސްޓަމްސް ކޮމިޝަނަރު ޔޫސުފް މާނިއު މުހައްމަދު: ވިދާޅުވީ ކޮންޓެއިނަރުތައް ފަހުން ކްލިއާ ކުރާ ގޮތަށް ހަމަޖެއްސުމުން ލުއިތަކެއް ލިބިގެންދާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
20 ޑިސެންބަރު 2023 - 15:13 0
'ބޮޑެތި ވިޔަފާރިވެރިން' މާލޭ ވިޔަފާރި ބަންދަރަށް ގެންނަ މުދާ ކޮންޓެއިނަރުތައް ކްލިއާނުކޮށް، ސައިޓުތަކަށް ގެންގޮސް ފަހުން ކަސްޓަމްސް އޮފިސަރުން އެ ކޮންޓެއިނާތައް ފާސްކުރާ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ކަސްޓަމްސް ކޮމިޝަނަރު ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާނިއު މިހެން ވިދާޅުވީ ހޯމްލޭންޑު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި މައުލޫމާތު ދެއްވަމުންނެވެ.
"ހުރިހާ ބޭފުޅުންގެ ހިސްޓްރީ ބަލާފަ މި ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާޒް އާ އެއްޗެހި އެ ތަނުން، އެމްޕީއެލް އިން ކްލިއާ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ސީދާ އޭގަ ތަޅެއް އަޅުވާފަ މި ފޮނުވަނީ އެބޭފުޅުންގެ ސައިޓަށް، ފޮނުވާލާފަ ދެން އެބޭފުޅުންގެ އޯން ޓައިމްގަ އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމްސް އޮފިސަރެއް އޭތި ޗެކް ކުރަން ފަހުން،" މާނިއު ވިދާޅުވި އެވެ.
އެގޮތަށް ނިންމީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ތަކެތި ކްލިއާ ކުރުމުގެ މަރުހަލާގެ ސްޕީޑު އަވަސްކުރުމުގެ ބޭނުމުގައި ކަމަށް ވެސް މާނިއު ވިދާޅުވި އެވެ. އޭގެ ސަބަބުން ކުދި ވިޔަފާރިވެރިންގެ މުދާ ކްލިއާވުން އަވަސްވެ، ޑެމަރޭޖް ޗާޖުތައް މަދުވާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކަސްޓަމްސް ޗީފް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް އިސްމާއީލް ހަމްދޫން ވިދާޅުވީ އެގޮތަށް ދޫކުރާ ކޮންޓެއިނަރުތަކަކީ ފަސް އަހަރުގެ ރެކޯޑުތަކަށް ބަލައި، ރަނގަޅަށް ޑޮކިއުމެންޓު ހުށަހަޅާ ކަމަށް ރިކޯޑުކުރެވިފައިވާ ވިޔަފާރިތަކަށް ކަމަށެވެ.
އޭގެ ސަބަބުން ވިޔަފާރިވެރިންނާއި ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަށް ވެސް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށް މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ ކޮންޓެއިނަރުތައް ޗެކު ނުކުރަނީ ނޫން ކަމަށާއި މުދާ އަންނަ ޕޯޓުން ވެސް ކޮންޓެއިނަރު ސްކޭން ކުރާނެ ކަމަށާއި އެ ސްކޭންތައް ރާއްޖޭގެ ކަސްޓަމްސްއަށް ލިބޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ސްކޭން ކުރެވޭނެ ވަސީލަތް ނެތް ކަމަށާއި އެކަން ވެސް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އަދި ހުޅުމާލެ ވިޔަފާރި ބަނދަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަސައްކަތް ފެށި އެވެ. އެ މަސައްކަތް ނިމުމުން ކޮންޓެއިނާ ޖެހޭނެ އިތުރު ޖާގަތަކެއް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ބަނދަރުގެ މަސައްކަތްތަކަށް އިތުރު ޖާގަ ލިބެނެ ކަމަށް އެމްޕީއެލް އިން އެއިރު ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment