Advertisement

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްކޮށްފި؛ ޓްރޭޑް ޔޫނިއަންތަކަށް ގާނޫނީ ބާރުވެރިކަން ލިބުމާ ފިޔަވަޅެއް ގާތަށް

18 ޑިސެންބަރު 2023 - 13:59 0

އަމަން ހަލީމް

އަމަން ހަލީމް

ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާ "ޓީމް"އިން ކުރިން ބޭއްވި އިހުތިޖާޖެއް: މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފައްދަން ހުއްދަ ލިބުނަސް ގާނޫނީ ބާރުވެރިކަމެއް ނުލިބޭ -- ފޮޓޯ/ޓީމް


އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްކޮށްފި؛ ޓްރޭޑް ޔޫނިއަންތަކަށް ގާނޫނީ ބާރުވެރިކަން ލިބުމާ ފިޔަވަޅެއް ގާތަށް

18 ޑިސެންބަރު 2023 - 13:59 0

މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި ބައިވެރިވުމާއި ހިންގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ. އެހެން ނަމަވެސް މިވީހާ ދުވަހު މިކަމަށް ހާއްސަ ގާނޫނެއް ނެތުމާ ގުޅިގެން، މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުނު ނަމަވެސް އެއިން ޖަމިއްޔާ ޖަމާއަތަކަށް ގާނޫނީ ބާރުވެރިކަމެއް ނުލިބެ އެވެ.

މަޖިލީހުން ފާސްކުރި 11 ބާބުގެ މައްޗަށް އެކުލެވޭ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގައި:

  • މަސައްކަތްތެރިންގެ ޖަމިއްޔާތަކުގެ ހައްގު ލިބިދެވޭނެ ދާއިރާތައް އެކަށައަޅާފައިވޭ
  • މަސައްކަތްތެރިންގެ ޔޫނިއަންތަކާއީ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވޭ
  • މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރަން ކަލެކްޓިވް ބާގެއިނިން އުސޫލުތައް ބަޔާންކޮށްފައިވޭ
  • ޓްރޭޑް ޔޫނިއަންތަކާ ގުޅޭ ކަންކަން ތަންފީޒުކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވޭ

މި ބިލުގެ ކޮމިޓީ މަރުހަލާގައި، މި މައްސަލަ ދިރާސާ ކުރި އިޖުތިމާއި ކޮމިޓީން 24 އިސްލާހެއް ގެނަ އެވެ. އޭގެ ތެރެއިން މުހިންމު ބައެއް އިސްލާހުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ޔޫނިއަނެއް ރަޖިސްޓްރީ ވާން ހުށަހެޅޭނެ އެންމެ މަދު އަދަދު ކަނޑައެޅުމާއި ނުހިންގާ ޔޫނިއަންތައް އެކުލަވާލާނެ ގޮތާއި ޖޫރިމަނާ އަދަބުތައް ކަނޑައެޅުން ހިމެނެ އެވެ.

އެގޮތުން, މަސައްކަތްތެރިންގެ ޔޫނިއަންއެއް ރަޖިސްޓްރީ ކުރަން މަދުވެގެން ހަތް މީހެއްގެ ސޮއި ބޭނުންވާ އިރު، ވަޒީފާދޭ ފަރާތްތަކުގެ ޖަމިއްޔާއެއް އުފައްދަން މަދުވެގެން ބޭނުންވަނީ ތިން ފަރާތެއްގެ ސޮޔެވެ. އަދި ކުރިން އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 50،000ރ. ކަމަށް ކޮމިޓީން އިސްލާހުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ކަލެކްޓިވް ބާގެއިނިން އާއި ގުޅޭ އުސޫލުތަކަށް ބައެއް ކަހަލަ ބަދަލުތައް ގެންނާށާއި ޓްރައިޕާޓައިޓް ލޭބާ އެޑްވައިޒަރީ ބޯޑާއި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ އެންގުންތަކަށް އަމަލުނުކުރާ ޔޫނިއަންތަށް ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ދިނުމުގެ އިތުރުން ޑިރެކްޓާ ޖެނެރަލް އައްޔަނުކުރުމުގެ ބާރު މިނިސްޓަަރަށް ދިނުމަށާއި ބިލުގައި ކަނޑައެޅިފައިވާ މުއްދަތުތައް އިތުރުކުރުމަށް ކޮމިޓީން ނިންމާފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ތިބި 68 މެމްބަރުންގެ އިއްތިފާގުންނެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްވެ، ތަސްދީގުވެ، ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސް ފަހުންނެވެ.

މަސައްކަތްތެރިންގެ ޖަމިއްޔާތަކުން އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނެއް ވުޖޫދުކުރަން ގޮވާލާތާ އަހަރުތަކެއް ވެއްޖެ އެވެ. މިފަދަ ގާނޫނަކަށް އަމަލުކުރަން ފެށުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މި ބިލު މަޖިލީހަށް ފޮނުވީ އެ ސަރުކާރުންނެވެ.

ނަމަވެސް އެމްޑީޕީ ދެބައިވެ، މަޖިލީހުގައި ކުރިއަށް ދިޔަ ހަށަވާދައިގެ ތެރެއިން މި ބިލުގެ މަސައްކަތް އޮތީ މާޗުގައި ފުރަތަމަ ކިޔުން އިއްވައި، އޭޕްރިލްގައި އިބްތިދާއި ބަހުސް ފެއްޓުމަށް ފަހު ތަޅުމުގައި ތާށިވެފަ އެވެ. ބިލުގެ ބަހުސް މަރުހަލާ ނިމުމަށް ފަހު ބިލު ދިރާސާކުރަން ފޮނުވީ އޮކްޓޫބަރުގަ އެވެ. ކޮމިޓީން ބިލުގެ މަސައްކަތް ނިންމާލީ މިދިޔަ ހަފުތާގަ އެވެ.