Advertisement

ޔުނައިޓެޑްގެ ފެންވަރު އަހަންނަށް އެނގޭ: ކްލޮޕް

17 ޑިސެންބަރު 2023 - 10:17 0


ޔުނައިޓެޑްގެ ފެންވަރު އަހަންނަށް އެނގޭ: ކްލޮޕް

17 ޑިސެންބަރު 2023 - 10:17 0

ލިވަޕޫލް (ޑިސެމްބަރު 17) - މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތަށް ކޮންމެ ގޮތަކަށް ހުރި ކަމުގައި ވިޔަސް، އެއީ ކޮން ފެންވަރެއްގެ ޓީމެއްކަން އޭނާ އަށް އެނގޭ ކަމަށް މިރޭ އިނގިރޭސި ޕްރިިމިއާ ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލީގުގައި މިހާތަނަށް 16 މެޗު ކުޅެފައިވާއިރު، ލިވަޕޫލް އެއް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް ޔުނައިޓެޑަށް ވުރެ 10 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލް ދަނޑުގައި އެ ޓީމުން ވަނީ ޔުނައިޓެޑް 7-0 އިން ބަލިކޮށްފަ އެވެ. މިއީ މި ދެ ޓީމުގެ ކުރިމަތިލުމެއްގެ އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.މި ސީޒަނުގައި ޔުނައިޓެޑުން ހުރިހާ މުބާރާތެއްގައި ކުޅުނު 24 މެޗުގެ ތެރެއިން 12 މެޗުން ވަނީ ބަލިވެފަ އެވެ. މި ހަފްތާގައި ޔުނައިޓެޑް ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވެސް ކަޓައިފަ އެވެ.

ކްލޮޕް ބުނީ މިދިޔަ ސީޒަނުގެ ނަތީޖާ އާއި މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު މެޗުތަކުގައި ނުކުމެފައި ހުރި ނަތީޖާތަކަށް ބަލައި، ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ތަފާތު ހިތްވަރެއްގައި ކަމަށެވެ.

"އަހަންނަށް ކަމަކު ނުދޭ މި ފެންނަ ބައެއް ހެޑްލައިންތައް. ޔުނައިޓެޑަކީ ކުރިން އޮތްހާ ވަރުގަދަ ކްލަބެއް ނޫނޭ ބުނެ އެ ދެކެވޭ ވާހަކަތައް، އަހަންނަށް އެނގޭ އެ މީހުންގެ ފެންވަރު. އަހަންނަށް އެނގޭ މި ކަހަލަ މެޗުތަކުގައި އެ މީހުން ހުރިހާ ކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރާނެ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލުން 7-0 އިން ޔުނައިޓެޑް ބަލިކުރި މެޗުގައި އެ ނުކުތް ނަތީޖާ އަކީ ހަޔާތެއްގައި އެއް ފަހަރު ދިމާވެދާނެ ފަދަ ކަމެއް ކަމަށެވެ. އަދި އެ ފަދަ ނަތީޖާ އަކަށް ފަހު އާންމުކޮށް، ކަންކަން ހިނގާފައި ހުންނަނީ ހިތްވަރު ނެރެ ބަލިވާ ޓީމެއް އެނބުރި ވަރުގަދަކޮށް އަންނަ ގޮތަށް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

ލީގުގައި އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ލިވަޕޫލް ވަނީ މަދުވެގެން ހަތަރު ގޯލުން މޮޅުވެފަ އެވެ. އެންމެ ފަހުން ލިވަޕޫލް ދަނޑުގައި ކުޅުނު އަށް މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބެ އެވެ. ލިވަޕޫލުން ވަނީ މި ސީޒަނުގައި އެ ޓީމުގެ ދަނޑުގައި ކުޅުނު 11 މެޗުން ވެސް މޮޅުވެފަ އެވެ.

ލިވަޕޫލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ 21:30 ގަ އެވެ.