16 ޑިސެންބަރު 2023 - 09:58 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : ރައީސްގެ އެންގުމަށްވެސް އިޒްރޭލުގެ ޕާސްޕޯޓު މަނާކުރެވޭނެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
16 ޑިސެންބަރު 2023 - 09:58 0
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އެދި ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ކައިރިއަށް އާންމުން ފުރަތަމަ އެއްވީ މިދިޔަ ނޮވެމްބަރު 15، ގަ އެވެ. އެއީ މީގެ އެއް މަސް ކުރި އެވެ.
ސިލްސިލާ އަޑުއުފުލުންތަކަށްފަހު ޕްރެޝަރު ބޮޑުވެ މަޖިލީހަށް ބިލުތަކާއި ގަރާރުތައް ހުށަހެޅި އެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ނޮވެމްބަރު 16، ގައި ރައީސަށް ސިޓީއެއް ވެސް ވަނީ ފޮނުވާފަ އެވެ.
އެކަމަކު، ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުން ބުނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ މަޖިލީހުން ކުރަންޖެހޭ ގާނޫނީ ކަމެއް ކަމަށް ވެސް ސިފަކުރި އެވެ.
ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ، ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމަށެވެ.
"އެއީ މިވަގުތު އޮތް ގޮތުން ރައީސުލްޖުމްހުރިއްޔާއަށް ނިންމެވޭ ގޮތަށް ގާނޫނުގެ ތެރެއިން އޮތް ކަމެއް ނޫން، ގާނޫނުން ކުރަންޖެހޭ މަސައްކަތްތަކަކަށްވާތީވެ" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މީހުން އެތެރެވުމާ ގުޅޭ މައި ގާނޫނު ކަމުގައިވާ އިމިގްރޭޝަން ގާނޫނުގެ ދަށުން، ރާއްޖެއަށް މީހުން އެތެރެވާއިރު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ މައިގަނޑު ދެ ގަވާއިދެއް އޮވެ އެވެ. އެއީ ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދާއި ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދެވެ.
މި ދެ ގަވާއިދަކީ ވެސް ދިވެހި ރައްޔިތުންނާއި ބިދޭސީން ރާއްޖެ އައުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ދެ ގަވާއިދެވެ. ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް މީހުން ގިންތިކުރާނެ ގޮތް ވެސް މި ދެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު ގެ ފަސް ވަނަ މާއްދާގެ އ. އަދި ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދުގެ ތިންވަނަ މާއްދާގެ އ. ގައި ބަޔާންކޮށްފައިވަނީ އެއް ވާހަކަ އެކެވެ.
އެއީ "ދިވެހި ސަރުކާރުން އެ ގައުމެއްގެ މީހަކު ރާއްޖެ އެތެރެވުން މަނާކުރެވިފައިވާ ގައުމެއްގެ މީހަކު ނުވަތަ ބަޔަކު ކަމުގައިވުން" މިފަދައިންނެވެ.
އެ ގަވާއިދުގައި، ސަރުކާރުން ވަކި ގައުމެއްގެ މީހުން ރާއްޖެ އެތެރެވުން މަނާކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން ސަރުކާރުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން، ސިޓީއަކުން ނުވަތަ އިއުލާނަކުން ވެސް އެކަން ކުރެވިދާނެ ކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެ އެވެ.
އިދިކޮޅު އެމްޑީޕީގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ގަވާއިދުގެ ދަށުން އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގެންވާ ކަމަށެވެ. އެކަމަށް ބޭނުންވާ ގާނޫނީ ބާރު، މަޖިލީހުގެ ލަފައިން ލިބިދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުން ލަފާދީފަތާ އެއޮތީ، އެހެންވީމަ އެއޮތީ ބެކް ކުރެވޭނެ އެއްޗެއްތާ. އެހެންވީ އެއަށް ބޭސްކޮށްފަ ސަރުކާރަށް ނިންމިދާނެ އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭނެ ގޮތަށް،" އަނަސް ވިދާޅުވި އެވެ.
މި މައްސަލަ ދިގުލައިގެންދަނީ އެމެރިކާ އަދި އިނގިރޭސިވިލާތްފަދަ ގައުމުތަކުގެ ނުފޫޒުގެ ސަބަބުންތޯ، ބުރާސްފަތި ދުވަހު ނޫސްވެރިޔަކު އެހުމުން ފިރުޒުލް ސީދާ ޖަވާބެއް ނުދެއްވި އެވެ. ގަރާރެއްގެ ދަށުން ރައީސް އެކަން ނުކުރައްވަނީ ކީއްވެތޯ އެހުމުން ވެސް ފިރުޒުލް ވިދާޅުވީ ކުރިން ވިދާޅުވި ނުކުތާތަކުގެ އިތުރުން ޖަވާބެއް ނެތް ކަމަށެވެ.
ރާއްޖޭގައި މިހާރު އަމަލުކުރާ ގާނޫނޫ އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ހިމެނުނު އިބްރާހިމް އިސްމާއިލް (އިބްރާ) ދެކިލައްވާ ގޮތުގައި ސަރުކާރަށް މި ނިންމުން ނުނިންމިގެން މި އުޅެނީ "ޕޮލިޓިކަލް ވިލް" ނުވަތަ ސިޔާސީ ނިޔަތް ނެތުމުގެ ސަބަބުންނެވެ.
"އެކަން އެގޮތަށް ނުކުރުން، އެ އޮންނަނީ ރާއްޖޭގެ ޕޮލިޓިކަލް ވިލް ނެތީމަ ދެއްތޯ، ވަކި ރައީސުލްޖުމްހުރިއްޔާއެއް ނޫނީ މަޖިލީހެއް ނޫނީ އަނެއް ތަނެއް ކިޔާނެ ކަމެއް ނެތް، ޕޮލިޓިކަލް ވިލް އޮތިއްޔާ ކުރެވޭނެތާ ދެއްތޯ" އިބްރާ ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައިވެސް އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭގޮތް ނިންމުން އެއީ ސިޔާސީ ގޮތުން ރައީސަށް ނިންމެވޭނެ ނިންމެވުމެކެވެ. ހާރިޖީ ސިޔާސަތު އެކުލަވާލުމަކީ ރައީސްގެ ޒިންމާއެއް ކަމުން އެކަން ކުރުމުގެ ފުރިހަމަ ބާރު ރައީސަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައީސަށް އެ ބާރު ލިބިވަޑައިގަންނަވަނީ އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިންނެވެ.
(މ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅާ، ހިންގާ، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުން
"ސަރުކާރުން ބޭނުންވެ އެގޮތަށް ސިޔާސަތު ކަނޑައަޅައިފި ކަމަށް ވަންޏާ އެ ސިޔާސަތެއް ހިންގުމަށް ހުރަހެއް އޮތް ކަމަކަށް ނުފެނޭ" އިބްރާ ވިދާޅުވި އެވެ.
ކުރިން ބުނެވުނު އެއްވުންތަކާއެކު މަޖިލީހަށް ހުށަހެޅި ގަރާރާއި، ކުއްލި މައްސަލާގައި އިތުރުން، އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ވެސް ހުށަހަޅާފައި އެބަ އޮތެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓުވަން ގޮވާލުމާއި އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުމުގެ ސަބަބުން އެ މީހުންނަށް މާލީ އަދި އެހެން ގޮތަކުން ވެސް ވެދާނެ ފައިދާ އެއް ހުއްޓުވުން ކަމަށް އޭނާ އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
ނަމަވެސް، މިދިޔަ ނޮވެމްބަރު 19، ގައި ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން ވެސް އަދި މަޖިލީހަށް އިއްވާފައި ނުވެ އެވެ.
މޮސްޓާ ހުށަހެޅުއްވި ބިލު ފާސްކޮށްފި ނަމަ އެ ބިލު ތަސްދީގުކުރާ ހިސާބުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާވާނެ އެވެ.
14.29%
28.57%
28.57%
28.57%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment