14 ޑިސެންބަރު 2023 - 10:36 0
14 ޑިސެންބަރު 2023 - 10:36 0
އިސްތަންބޫލް (ޑިސެމްބަރު 12) - ތުުރުކީގެ ސުޕަ ލީގުގައި އަންކާރަގުޗޫ އާއި ރިޒެސްޕޯ ބައްދަލުކުރި މެޗަށް އަންކާރަގޫޗޫގެ ރައީސް، ފާރޫކް ކޯޗާ، އެ މެޗުގެ ރެފްރީ، ހަލީލް އުމެޓް އަށް ހަމަލާދިން މައްސަލައިގެ ތަހުގީގަށް ފަހު، މި މަހު 19 ވަނަ ދުވަހު ތުރުކީ ފުޓްބޯޅަ ސީޒަން، ހުއްޓާލި ހިސާބުން އަލުން ފަށަން ނިންމައިފި އެވެ.
ތުރުކީ ލީގުގައި މިދިޔަ ހޯމަ ދުވަހު، އަންކާރަގުޗޫ އާއި ރިޒެސްޕޯ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެ ގެންނެވެ. އަންކާރަގުޗޫ ލަނޑެއް ޖަހައި ލީޑު ހޯދާފައިވަނިކޮށް، ރިޒެސްޕޯ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި މެޗު ނިމުމާ އެކު، އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ ވަނީ ދަނޑަށް އަރައި، މެޗުގެ ރެފްރީ ހަލީލް އުމެޓް މެލާގެ މޫނު މަތީގައި ޖަހައިފަ އެވެ. އަދި އޭނާ ދަނޑަށް ވެއްޓިފައި އޮތް ވަގުތުވެސް، އަންކާރަގުޗޫގެ ބައެއް އޮފިޝަލުން އޭނާ އަށް ހަމަލާ ދިނެވެ.
މި މައްސަލައިގައި ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށެވެ.
ރެފްރީ މެލާ އަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ދޫކޮށްލާފައިވާއިރު، އޭނާގެ ހާލު ބަލަން، ތުރުކީގެ ރައީސް ރަޖިބް ތައްޔިބް އުރުދުގާން ވަނީ ފޯނުން ގުޅުއްވައިފަ އެވެ.
ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، މެހެމެތު ބުޔުކެކްސީ ވިދާޅުވީ ރެފްރީ މެލާ އަށް ހަމަލާދިން މައްސަލައިގައި އަޅާ ފިޔަވަޅުތައް މިިއަދު އިއުލާނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އުންމީދަކީ ރެފްރީ މެލާ، ވަރަށް އަވަހަށް މެޗުތަކުން ފެނުން ކަމަށާއި އަދި އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް އިންސާފުކުރުން ކަމަށެވެ.
"ހަލީލް އުމުޓް މެލާ ޖެހޭނެ އަންނަ އަހަރު ޔޫރޯގައި ފެންނަން. އޭނާ ރެފްރީކަން ކުރުން ހުއްޓާލަން ޖެހޭ ސަބަބެއް ނެތް،" ބުޔުކެކްސީ ވިދާޅުވި އެވެ.
އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ އާއި އޭނާގެ ބައިވެރިިން ދިން ހަމަލާގައި ރެފްރީ މެލާގެ މޫނުގެ ވާތުފަޅި އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
މެލާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާރޫކް ކޯޗާ ވަނީ މެލާ އަށް މަރުގެ އިންޒާރު ވެސް ދީފައި ކަމަށެވެ. ހަމަލާ ދިން މައްސަލައިގައި ފާރޫކް ކޯޗާ ވަނީ ހައްޔަރުކޮށްފަ އެވެ.
Comment