12 ޑިސެންބަރު 2023 - 15:56 0
12 ޑިސެންބަރު 2023 - 15:56 0
އިސްތަންބޫލް (ޑިސެމްބަރު 12) - ތުުރުކީގެ ސުޕަ ލީގުގައި އަންކާރަގުޗޫ އާއި ރިޒެސްޕޯ ބައްދަލުކުރި މެޗަށް އަންކާރަގޫޗޫގެ ރައީސް މެޗުގެ ރެފްރީ އަށް ދިން ހަމަލާއަކާ ގުޅިގެން، ތުރުކީގެ ސުޕަ ލީގުގެ މެޗުތައް މެދުކަނޑާލުމަށް ތުރުކީގެ ފުޓްބޯލް ފެޑަރޭޝަން އިން އިއްޔެ ނިންމައިފި އެވެ.
އަންކާރަގުޗޫ އާއި ރިޒެސްޕޯ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެ ގެންނެވެ. އަންކާރަގުޗޫ ލަނޑެއް ޖަހައި ލީޑު ހޯދާފައިވަނިކޮށް، ރިޒެސްޕޯ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ.
މި މެޗު ނިމުމާ އެކު، އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ ވަނީ ދަނޑަށް އަރައި، މެޗުގެ ރެފްރީ ހަލީލް އުމެޓް މެލާގެ މޫނު މަތީގައި ޖަހައިފަ އެވެ. އަދި އޭނާ ދަނޑަށް ވެއްޓިފައި އޮތް ވަގުތުވެސް، އަންކާރަގުޗޫގެ ބައެއް އޮފިޝަލުން އޭނާ އަށް ހަމަލާ ދިނެވެ.
ރެފްރީ ހަލީލަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ އަށް ހޮސްޕިޓަލުން ފަރުވާ ދިން ކަމަށް ތުރުކީގެ މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
"މިއީ ހަމައެކަނި ރެފްރީ ހަލީލް އުމެޓަށް ދިން ހަމަލާއެއް ނޫން. މިއަދު މި ފެނުނު ލާއިންސާނީ އަދި ދަށު ދަރަޖައިގެ ހަމަލާ އަކީ ތުރުކީގެ ފުޓްބޯޅައިގެ ހުރިހާ ސްޓޭކް ހޯލްޑަރުންނަށް ދިން ހަމަލާއެއް،" ތުރުކީގެ ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"ތުރުކީގެ ފެޑަރޭޝަންގެ ބޯޑުން ވަނީ ލީގުގެ ހުރިހާ މެޗެއް ވަކި މުއްދަތެއް ނެތި މެޑުކަނޑާލަން ނިންމައިފައި."
ތުރުކީގެ ފެޑަރޭޝަނުން ބުނީ ރެފްރީ އަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ޖިނާއީ ތަހުޤީގެއް ހިންގާނެ ކަމަށެވެ. އަދި މި ހަމަލާގައި ބައިވެރިވ ހުރިހާ ފަރާތްތަކަށްވެސް އެންމެ ހަރުކަށި އަދަބު ލިބޭނެ ކަމަށެވެ.
ތުރުކީގެ ރައީސް ރަޖިބް ތައްޔިބް އުރުދުގާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުރުކީގެ ކުޅިވަރުގައި ހަމަނުޖެހުން ހިންގުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
Comment