Advertisement

ނުރައްކާތެރި ކެމިކަލް މާއްދާ ހިމެނޭ ބޭހުގެ 3،100 ފުޅި 2021 ގައި ރާއްޖެއަށް އެތެކުރި

11 ޑިސެންބަރު 2023 - 14:17 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ނުރައްކާތެރި ކެމިކަލް މާއްދާ ހިމެނޭ ބޭހުގެ 3،100 ފުޅި 2021 ގައި ރާއްޖެއަށް އެތެކުރި

11 ޑިސެންބަރު 2023 - 14:17 0

ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރިކަން ފާހަގަކުރެވުމުގެ ސަބަބުން މިދިޔަ މަހު ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މަނާކުރި، ސިޓްރިޒެން ދިޔާ ބޭހުގެ 3،100 ފުޅި 2021 ގައި ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ހެލްތް ޕެރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު 12، ގައި ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދާ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން 5mg/5ml ބޭސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރީ އޭގެ ބެޗެއްގައި ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރިކަން ފާހަގަ ކުރެވުމުންނެވެ.

އެމްއެފްޑީއޭއިން ވަނީ ނޮވެމްބަރު 27، ގައި ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދާ އެމިޑޯން ސަސްޕެންޝަން ކިޔާ ހޮޑު ބޭހަކުން ވެސް އެ ކެމިކަލްތައް ފެނުމުގެ ސަބަބުން، މަނާކޮށްފަ އެވެ. އަދި ޕާކިސްތާނުގެ އެ މުޅި ބްރޭންޑު ވެސް ރާއްޖޭގައި ވިއްކުން ވަނީ މަނާކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓަކު ވިދާޅުވީ މި ބޭހުގައި ނުރައްކާތެރި މާއްދާއެއް އެކުލެވޭ ކަމުގެ އެލާޓް ވޯލްޑް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (ޑަބްލިއުއެޗްއޯ) އިން އެންމެ ފުރަތަމަ ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ.

ޑްބްލިއުއެޗްއޯގެ އެލާޓްތަކުގައި ހިމެނޭ އެއްވެސް ބޭހެއް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް މިދިޔަ އަހަރުން ފެށިގެން އެ އޮތޯރިޓީން ދިރާސާތައް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަށް ބޭސް އެތެރެ ކުރާއިރު، ވަކި ޓެސްޓުތަކެއް ކުރުމަށްފަހު އެތެރެ ކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައިފައިވާނެ ކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް، މި ގަވާއިދު ކަނޑައެޅުމުގެ ކުރިން ނުރައްކާތެރި ކެމިކަލް ހިމެނޭ ބޭސް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ސީނިއާ ފާމަސިސްޓް ފާހަގަކުރެއްވި އެވެ.

މަނާކޮށްފައިވާ ބޭސްތަކުން ފެނިފައިވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އަކީ ބޭސް އުފައްދާ އިރު ބޭނުންކުރުން މަނާ ކެމިކަލެއް ކަމުގައި އެމްއެފްޑީއޭއިން ބުންޏެވެ. އަދި މަނާ ކޮށްފައިވާ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ބޭހުން 0.72 ޕަސެންޓަށް މި ދެ ކެމިކަލް ޑިޓެކްޓްވެފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ފާމަސީތަކާއި ގުދަންތަކުން ވެސް އެ ކެމިކަލް ހިމެނޭ ބޭސްތައް ވަކިކޮށް ނަގާފައިވާކަން އެމްއެފްޑީއޭއިން ޔަގީންކޮށްދެއްވި އެވެ. ނަމަވެސް، ބައެއް ރިސޯޓުތަކުން ރަޖިސްޓްރީނުކޮށް ކްލިނިކް ހިންގަމުންދިއުމާއެކު، އެ ތަންތަން ބަލައި، ބޭސް އެކަހެރި ކުރުމުގައި ދަތިތަކެއް ކުރިމަތިވާކަން އެ އޮތޯރިޓީން ފާހަގަކުރި އެވެ.

އެ ބޭސްތަކުގައި އެކުލެވޭ ނުރައްކާތެރި މާއްދާގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނަށެވެ. އެގޮތުން އާސަންދައިގެ ދަށުން އެ ބޭސްތައް ކުޑަކުއްޖަކަށް ދެވިފައިވޭތޯ ބަލަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެއްވި އެވެ.

އެ ބޭހަކީ ބޭސް ސިޓީއާ ނުލައި ވަކިން ގަނެވޭ ބޭހަކަށް ވުމުން އެކަމުގައި ދަތިތަކެއް ކުރިމަތިވީ ނަމަވެސް، މިހާތަނަށް މި ބޭހުގެ ސަބަބުން އެއްވެސް ކުޑަކުއްޖަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައިނުވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކޮމިޓީގައި މައުލޫމާތުދެއްވި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެ ބޭސް ބޭނުންކުރެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ބޭހުގެ ސަބަބުން ކިޑްނީ ހަލާކުވުމުގެ މައްސަލަ ދިމާވާ ކަމަށް ވިދާޅުވި އެވެ.

"ބޭސް ބޭނުންކުރާތާ އަށް ގަޑީރާ 24 ގަޑީރު ތެރޭގަ އެކިއުޓް ކިޑްނީ އިންޖަރީ އެއީ ފާހަގަކޮށްލެވޭ އިފެކްޓްއަކީ،" ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

ޑަބްލިއުއެޗްއޯއިން މީގެ ކުރިން ނެރެފައިވާ އެލާޓުތަކުގައި ވާގޮތުން "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހިމެނޭ ބޭހެއް ބޭނުންކުރެވިއްޖެ ނަމަ ވެދާނެ ގޮތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން އަދި ކުޑަކަމުދާން އުނދަގޫވުން ހިމެނެ އެވެ. ބޮލުގައި ރިއްސުމާއި ހެޔަށް ގޮތްވުމާއި ކިޑްނީ ހަލާކުވުމަކީ ވެސް އެ ބާވަތްތަކުން ލިބިދާނެ ގެއްލުންތަކެވެ.