Advertisement

ރާއްޖޭގައި ޖުމުލަ 475 ފާމަސީއެއް ހިންގާ، މާލޭގައި އެކަނި ވެސް 165 ފާމަސީއެއް

11 ޑިސެންބަރު 2023 - 14:23 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބޭސްފިހާރަ -- ފޮޓޯ: އަދަދު


ރާއްޖޭގައި ޖުމުލަ 475 ފާމަސީއެއް ހިންގާ، މާލޭގައި އެކަނި ވެސް 165 ފާމަސީއެއް

11 ޑިސެންބަރު 2023 - 14:23 0

ރާއްޖޭގައި ޖުމުލަ 475 ފާމަސީ ރަޖިސްޓްރީކޮށްގެން ހިންގާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

ކެމިކަލް މާއްދާތަކެއް އެކުލެވިގެންވާ ބޭސްތަކެއް މަނާކުރުމާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރައްވަމުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ރާއްޖޭގައި ފާމަސީ ގިނަވާތީ ސުވާލު އުފައްދާފަ އެވެ.

އެގޮތުން މާލޭގެ ކޮންމެ ހޮސްޕިޓަލެއް ކައިރީގައި ވެސް އެތައް ފާމަސީތަކެއް ހުންނަކަން ފާހަގަކުރައްވަމުން ވަހީދު ވަނީ، ފާމަސީތަކުގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ ސުވާލު ކުރައްވައިފަ އެވެ.

"މާލޭގަ ހަމަ ކޮންމެ ހޮސްޕިޓަލެއް ވަށައިގެން ހުންނާނެ ފާމަސީތައް ހަދާލާފަ. އައިޖީއެމްއެޗް ކައިރީ ހުރި ދިގަށް ހަދާލާފަ ހުންނާނެ. ކީއްވެގެން ތޯ ރާއްޖޭގަ އެހާ ފާމަސީތައް ގިނައީ؟ އޭގެ ފައިދާ ބޮޑީތޯ؟ ކޮންމެވެސް މިންގަނޑެއްގަ ހިފަހައްޓާކަށް ނުވިސްނަވަންތޯ ތިބޭފުޅުން؟" ކަންބޮޑުވުން ފާޅުކުރަމުން ވަހީދު ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އެމްއެފްޑީއޭގެ ފަރާތުން ވާހަކަދެއްކި ސީނިއާ ފާމަސިސްޓަކު ވިދާޅުވީ، މާލޭގައި އެކަނި ވެސް ރަޖިސްޓްރީކޮށްގެން 165 ފާމަސީއެއް ހިންގާ ކަމަށެވެ. އަދި ރާއްޖެތެރޭގައި 310 ފާމަސީއެއް ހިންގަމުން އަންނަ ކަމަށާއި މިއަހަރު އަލަށް 48 ފާމަސީއެއް ރަޖިސްޓާކޮށް ހުޅުވާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޖުމުލަ 73 ފަރާތަކުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާކަމަށް އެމްއެފްޑީއޭއިން މައުލޫމާތު ދިނެވެ.

އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް ވިދާޅުވީ، ފާމަސީތައް ރެގިއުލޭޓުކުރާ އޮތޯރިޓީގެ ހައިސިއްޔަތުން ފާމަސީ ހުޅުވޭ ވަކި މިންވަރެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި އެ އިދާރާއިން ފާމަސީތައް އޮޕަރޭޓުކުރާ ގޮތާއި ހދުމަތުގެ ފެންވަރު މޮނީޓާކޮށް އިންސްޕެކްޓް ކުރަމުން އަންނަ ކަން ކަށަވަރުކޮށްދިނެވެ.

"އަޅުގަނޑުމެންނެއް ލިމިޓެއް ނުކުރަން އެއްވެސް ވިޔަފާރިއެއް. އަޅުގަނޑުމެން އެންޝުއާ ކުރަނީ އެ ހިދުމަތް ދޭ ހުރިހާ ފަރާތްތަކަކީ އަޅުގަނޑުމެން ކަނޑައަޅާފައިވާ މިންގަޑުގަ ހުރިހާކަމެއް ބަހައްޓާ ތަންތަންތޯ،" އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް ފާހަގަކުރެއްވި އެވެ.