Advertisement

ބާޒާރުގައި ފިޔާގެ އަގު ދެގުނަ ބޮޑުވެއްޖެ

10 ޑިސެންބަރު 2023 - 14:57 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ބާޒާރުގައި މިއަދު ވިއްކަން ހުރި ޕާކިސްތާނު ފިޔާ ތަކެއް، ފިޔާ ކިލޯއެއް ލިބެނި 30-40ރ އަށް ---- ފޮޓޯ: މިރާން ނާޝިމް/އަދަދު


ބާޒާރުގައި ފިޔާގެ އަގު ދެގުނަ ބޮޑުވެއްޖެ

10 ޑިސެންބަރު 2023 - 14:57 0

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މެދުކަނޑާލުމާ އެކު މާލޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުތަނުން އުފުލިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ އަހަރު އޮންނަ އިންޑިއާގެ ލޮކް ސަބާ އިންތިހާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން, އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގެ ބާޒާރުގައި އާއްމުކޮށް ވިއްކަން ހުންނަނީ ޗައިނާ، ޕާކިސްތާނު އަދި އިންޑިއާ އިން އެތެރެކުރާ ފިޔަ އެވެ. އޭގެތެރެއިން އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އިމްޕޯޓްކުރާ ގައުމެވެ.

އިންޑިއާގެ މި ނިންމުމާއެކު މާލޭގެ ބާޒާރުގައި ފިޔާގެ އަގު މިހާރު ހުރީ އުފިލިފައެވެ. އަހަރުގެ މެދުތެރޭ ހިސާބުގައި ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 200ރ. އާ 400ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއަދު ބާޒާރުގައި ފިޔާ ބަސްތާއެއް ލިބެން ހުރީ 550ރ. އާއި 800ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 40ރ. އާ ދެމެދު އެވެ.

ރާއްޖޭގެ ވިޔަފާރިވެރިޔަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި ބާޒާރުގައި އެންމެ ޑިމާންޑު ބޮޑީ އިންޑިއާއިން އެތެރެކުރާ ފިޔާ އަށެވެ. ނަމަވެސް, އިންޑިއާގެ ފިޔާ އަގު ބޮޑުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

އެހެން ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި މިއަށްވުރެ ވެސް ބޮޑުވާނެ އެވެ.

އިންޑިއާއިން ބުނެފައިވާ ގޮތުން އެގައުމުން ފިޔާ ބޭރު ކުރެވޭނީ ތިން ހާލަތެއްގަ އެވެ. އެގޮތުން އެކްސްޕޯޓުކުރުން މަނާ ކުރުމުގެ އިއުލާނު ނެރުމުގެ ކުރިން ލޯޑު ކޮށްފައިވާ ފިޔާ ކޮންސައިންމަންޓްތައް އެކްސްޕޯޓު ކުރެވޭނެ އެވެ.

އަދި ޝިޕިން ބިލް ހުށަހަޅައި، ފިޔާ ލޯޑްކުރުމަށް އިންޑިއާގެ ބަނދަރުތަކަށް ކުރިން ބަނދަރުކޮށްފައި އުޅަނދުތަކުގެ ރޮޓޭޝަން ނަންބަރު, އިއުލާން ނެރުމުގެ ކުރިން ކަނޑަ އަޅާފައިވާ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކުން ކަށަވަރު ކުރުމަށްފަހު ފިޔާ އެކްސްޕޯޓު ކުރެވޭނެ އެވެ.

އޭގެ އިތުރުން އެހެން ގައުމުތަކުގެ ސަރުކާރުން, އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެނަމަ އެކަން ކޮށްދޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.