Advertisement

ހައިދަރާއި މާރިޔާ ބޭރު ގައުމުތަކުގެ ޕާސްޕޯޓު ދޫކޮށްލި ކަމުގެ ލިޔުން މަޖިލީހަށް ލިބިއްޖެ

7 ޑިސެންބަރު 2023 - 11:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު : ހައިދަރާއި މާރިޔާ ބޭރު ގައުމު ތަކުގެ ޕާސްޕޯޓު ދޫކޮށްލި ކަމުގެ ލިޔުން މަޖިލީހަށް ލިބިއްޖެ - ފޮޓޯ: އަދަދު


ހައިދަރާއި މާރިޔާ ބޭރު ގައުމުތަކުގެ ޕާސްޕޯޓު ދޫކޮށްލި ކަމުގެ ލިޔުން މަޖިލީހަށް ލިބިއްޖެ

7 ޑިސެންބަރު 2023 - 11:28 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި އާ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންގެ ތެރެއިން މީގެ ކުރިން ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެ ޕާސްޕޯޓު ދޫކޮށްލި ކަމުގެ ލިޔުން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ދެ ވަޒީރުންގެ ލިޔުން ލިބިފައިވާކަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އެ ލިޔުންތައް ކޮމިޓީއަށް ލިބުނު ތާރީހެއް ފަލާހު ހިއްސާނުކުރައްވަ އެވެ.

މާރިޔާ އަދި ހައިދަރުގެ އަތުގައި ބޭރުގެ ޕާސްޕޯޓު އޮތްތޯ ބަލަން ރައީސް އޮފީހުގައި އެދެން އެ ކޮމިޓީން ނިންމީ މިދިޔަ މަހުގެ 27 ގަ އެވެ. އެގޮތަށް ކޮމިޓީން ނިންމީ އެހެން އިދާރާތަކުން އެއްކުރި މައުލޫމާތުތަކުން އެކަން ސާފުނުވާތީ އެވެ.

މަޖިލީހަށް ނަން ހުށަހެޅި ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ރަށްވެހިކަން މީގެ ކުރިން އޮތް ބޭފުޅުންނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރެވެ.

ނަމަވެސް, ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށް ނިއުޒީލެންޑުގެ ރަށްވެހިކަން ދޫކޮށްލިކަން "އަދަދު" އަށް މާރިޔާ ވަނީ ކަށަވަރުކޮށްދީފަ އެވެ. ބޭރު ގައުމުގެ ރަށްވެހިކަން ދޫކޮށްލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ހައިދަރު ވެސް ވިދާޅުވި އެވެ.

އެހެން ގައުމެއްގެ ރައްޔިތުކަން އޮންނަ ފަރާތަކަށް ވަޒީރުކަން ނުކުރެވޭނެކަން ގާނޫނުގައި ބުނާއިރު އެ ބޭފުޅުންނަށް ރުހުން ދިނުމުގެ ކުރިން އެކަން މަޖިލީހުން ސާފުކުރަން ޖެހެ އެވެ. އެހެން ގައުމެއްގެ ޕާސްޕޯޓު އޮވެގެން އަދާ ނުކުރެވޭ މަގާމުތަކުގެ ތެރޭގައި ދެން ހިމެނެނީ ރައީސް ކަމާއި ނައިބު ރައީސްކަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމެވެ.