Advertisement

ޕީޕީއެމް މެމްބަރުގެ ފުރުސަތު އަވަސްކޮށްދިނުމުން އެމްޑީޕީ މެމްބަރުންގެ ނުރުހުން!

5 ޑިސެންބަރު 2023 - 10:40 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ، އޭނާގެ ފުރުސަތު އަވަސްކޮށްދިމުން އެމްޑީޕީ މެމްބަރުން ނުރުހުން ފާޅުކުރި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ޕީޕީއެމް މެމްބަރުގެ ފުރުސަތު އަވަސްކޮށްދިނުމުން އެމްޑީޕީ މެމްބަރުންގެ ނުރުހުން!

5 ޑިސެންބަރު 2023 - 10:40 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އެދިވަޑަައިގެންނެވި ތަރުތީބުގެ ބޭރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް ރިޔާސަތުން ފުރުސަތު ދިނުމުން އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކޮށްފި އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އެގޮތަށް އަމަލުކުރެއްވި އިރު މަޖިލީހުގައި މިހާރު ތިއްބެވީ ޕީޕީއެމްގެ އެންމެ ދެ މެމްބަރުންނެވެ. އެއީ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. އެ ޕާޓީގެ ޕީޖީ ލީޑަރަކީ ސަލީމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަަލައަކަށް ވާހަކަ ދައްކަވަން މެމްބަރުން އެދިވަޑައިގެންނެވި ތަރުތީބުގެ ބޭރުން ތޯރިގަށް ފުރުސަތު ދެއްވުމާ އެކު ނުރުހުންފާޅުކުރައްވައި ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުުރުސަތު ހޯއްދެވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ. އޭނާ ވިދާޅުވީ ގިނަ އަދެއްގެ މެމްބަރުން އެދިފައި ވަނިކޮށް، ވަކި މެމްބަރެއްގެ ފުރުސަތު އަވަސްކޮށްދޭން (ޕާޓީއެއްގެ) ޕީޖީ ލީޑަރަކަށް ނޭދެވޭނެ ކަމަށެވެ.

"އެހެންވީމާ ތިއީ ބަލައިގަނެވޭ ކަމެއް ނޫން، ރިޔާސަތުން ތިގޮތަށް ކަންތައްކޮށްގެން ނުވާނެ. ލިސްޓުގައި އޮތް ގޮތަށް ކުރިއަށް ގެންދިއުން ވަރަށް ބޮޑަށް އެދެން،" ސަނީފު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ނިޒާމީ ނުކުތާއެއްގެ ތެރެއިން ލަފަޔާ އިރުޝާދު ދެވެން ނޯންނަ ކަމަށެވެ. ސަނީފު ނެންގެވީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ބަލައިގަނެވެން ނެތް ކަމަށް ވެސް އޭނާ ނިންމެވި އެވެ.

ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން ދާންދޫ ދާއިރާގެ އެެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ އަސްލަމް އަމަލުކުރެއްވީ ގަވައިދާ ހިލާފަށް ކަމަށެވެ.

"މިތަނަށް ޕީޕީއެމް/ޕީއެންސީގެ ޕީޖީ ލީޑަރެއް ވެސް ވަޑައެއް ނުގަންނަވާ. އެއްވެސް މީހަކު މިތާ ނެތި، ޕީޖީ ލީޑަރުގެ އެދިވަޑައިގަތުމުގެ މަތިންނޭ ކިޔާފައި، މިތާނގައި ބައިވަރު މެމްބަރުން އެދިފައި އޮއްވާ މާ ފަހަތުގައި އޮތް ބޭފުޅަކަށް ފުރުސަތު ދެއްވީ ތިޔަ. އެދިފައި އޮތް ތަރުތީބުން ފުރުސަތު ދޭން ޖެހޭނީ،" ޔައުގޫބު ވިދާޅުވި އެވެ.

ތޯރިގުގެ ފުރުސަތު އަވަސްކޮށްދިނުމަކީ ރިޔާސަަތުން ގަވައިދާ ހިލާފަށް ކުރި ކަމެއް ކަމަށް ވެސް އޭނާ ވެސް ތުހުމަތުކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ވަކިގޮތެއް ކަނޑައަޅާފައި ނުވާ ކަންތައްތައް ނިންމަވަނީ މަޖިލީހުގައި ކުރިއްސުރެ އަމަލުކުރަމުން އަންނަ އުސޫލަށް ބައްލަވައިގެން ކަމަށެވެ.

"އަދި އެ އުސޫލަކީ އެއީ މަޖިލީހުގެ ގަވައިދުގެ ބައެއް ކަމުގައި ބަލަނީ. މިވީ ހިސާބަށް މަޖިލީހުގައި އަމަލުކުރާ ގޮތަކީ މަޖިލިސް ތަމްސީލުކުރައްވާ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން އެދިވަޑައިގަތީމާ އެ ލީޑަރުން އެދިވަޑައިގަތީމާ އެޕާޓީތަކުގެ މެމްބަރުންނަށް އިސްކަމެއް ދެއްވާ،" އަސްލަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން ވާހަކަދައްކަވަން ތޯރިގަށް ފުރުސަތު ދެއްވީ އަސްލަމް ވިދާޅުވި ގޮތުގައި އެ އުސޫލުންނެވެ.

އެހެން ވިދާޅުވެ، ތޯރިގުގެ ވާހަކަ ކުރިއަށް ގެންދަން ފުރުސަތު ދެއްވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އަޑުގަދަކުރައްވައި އޭނާގެ ވާހަކައަށް ހުރަސް އަޅަން މަސައްކަތް ކުރި އެވެ.