Advertisement

ވީއައިއޭގެ އެއިރޮނޮޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފި

2 ޑިސެންބަރު 2023 - 11:44 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ވީއައިއޭގެ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރު، އެއާޕޯޓަުގެ އެއިރޮނޮޓިކަލް މެސެޖް ހެންޑްލިން ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފަ--- ފޮޓޯ:އެމްއޭސީއެލް


ވީއައިއޭގެ އެއިރޮނޮޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފި

2 ޑިސެންބަރު 2023 - 11:44 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނިންމައި ހިދުމަތް ދޭން ފަށައިފި އެވެ.

މި ސިސްޓަމަކީ ބައިނަލްއަގުވާމީ އެއާ ނެވިގޭޝަން ހިދުމަތްދޭ ފަރާތްތަކާއި، އެއާލައިން އޮޕަރޭޓަރުންނާއި، އަދި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެކެވެ.

މައިގަނޑު ގޮތެއްގައި މިޕްލެޓްފޯމްގައި ރައްކާތެރިކަމާއި އެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި، ނޯޓޭމާއި، މޫސުމާއި ބެހޭ މައުލޫމާތާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ މައުލޫމާތުގެ އިތުރުން ދަތުރުތަކަގައި ޕައިލެޓުންނަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ފޯރުކޮށް ދިނުން ހިމެނެ އެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި ވީއައިއޭގައި މިހާރު ގާއިމުކޮށްފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެކެވެ. މި ސިސްޓަމަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވް އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 500،000 ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ވީއައިއޭ އިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ހިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި މި އާ ސިސްޓަމާއެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަނެޓް މެދުވެރިކޮށް އެއާލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާއި ކަމާއިއެކު ކުރެވޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ސިސްޓަމް އިންސްޓޯލްކުރި ކުންފުނިން އެ ސިސްޓަމުގެ މައުލޫމާތު ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދިނުމުގެ އިތުރުން ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީންވެސް ކަމާއި ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި ހިދުމަތް ފޯރުކޮށްދެމުންދާނީ އެމްއޭސީއެލްގެ ސަބްސިޑަރީއެއްކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އިންނެވެ.