Advertisement

ކޮރަޕްޝަން ނައްތާލުމަށް ރެޑްވޭވް ސަލީމް ދިން ނަސޭހަތް އަސްލަމް ގަބޫލުކުރައްވައިފި

22 ނޮވެންބަރު 2023 - 14:02 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމަށް ނަސޭހަތްތެރި ވެލެއްވި - ފޮޓޯ: މަޖިލިސް


ކޮރަޕްޝަން ނައްތާލުމަށް ރެޑްވޭވް ސަލީމް ދިން ނަސޭހަތް އަސްލަމް ގަބޫލުކުރައްވައިފި

22 ނޮވެންބަރު 2023 - 14:02 1

ސަރުކާރުން ހިންގާ ކޮރަޕްޝަން ނައްތާލައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ރައީސް ޒިންމާ އަދާކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމްގެ ނަސޭހަތް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ތެރޭ ލިބެން ހުރި ހުރިހާ އެއްޗެއް އަތުލުމުގެ ވިސްނުން ވަރަށް ގިނަ ބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް, ކޮންމެވެސް ހިސާބަކުން މިކަން ހުއްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އަސްލަމް އަދި ފަސް މަސް ހޭދަ ކުރައްވާނެކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން މަޖިލިސް ތެރެއިން މަސައްކަތް ކުރާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށެވެ.

އެ މަސައްކަތް ނުކޮށްފި ނަމަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ގައުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެގެން ދާނެކަން ސަލީމް ފާހަގަކުރެއްވި އެވެ.

"ގައުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ މަޖިލީހުގައި ތިބި 87 މެމްބަރުންގެ މައްޗަށް ވާޖިބު ކަމެއް. ހުރިހާ ރައްޔިތުންގެ ބަދަލުގައި ކޮންމެ ދާއިރާއަކުން އެކަކު މި މަޖިލީހަށް ފޮނުވާފަ މިތިބީ ހަމައެކަނި އަޅުގަނޑުމެންގެ ކަންކަން ކޮށް އަޅުގަނޑުމެންނަށް ޕްރޮޖެކްޓްތައް ހޯދާކަށް ނޫން، މިކަންކަން ހުއްޓާލައި މުޅި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ތިބެން ވާނެ، އެހެންނޫނީ މި ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބަވަނީ ހަމައެކަނި މެމްބަރުންގެ އަމިއްލަ ކަންކަން ކުރުމަށް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތްކޮށް، ގައުމުގެ ކަންކަން އިސްލާހުކުރުމަށް މެމްބަރުން މަސައްކަތް ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި, މަޖިލީހުގެ ތެރެއިން މުއްސަނދިންނަށް ވުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށް ސަލީމް ވެސް ވިދާޅުވި އެވެ.

މިކަންކަން އިސްލާހުކުރުމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ކުރަން ސަލީމް، އަސްލަމަށް ނަސޭހަތްތެރިވެލެއްވި އެވެ. ދައުލަތުގެ އެއް ބާރުގެ ވެރިޔާގެ ހައިސިއްޔަތުން އަސްލަމްގެ މަގްސަދަކަށް ވާންޖެހޭނީ ގައުމު އިސްލާހުކުރުމުގެ މަސައްކަތްކުރުން ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ ވާހަކަފުޅު ނިންމަވާލެއްވުމުން ސަލީމް ދެއްވި އިރުޝާދުތަކަށް ވިސްނަމުންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރުމުގައި ދެމި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.