Advertisement

ގޯއްޗާއި ފުލެޓުތައް އަތުލަން އުޅޭކަމަށް ތުހުމަތުކޮށް ހައުސިން މިނިސްޓަރަށް ރުހުން ނުދޭން ގޮވާލައިފި

21 ނޮވެންބަރު 2023 - 10:41 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލު ނަސީމް : އޭނާ ގޮވައިލެއްވީ ހައުސިން މިނިސްޓަރަށް ރުހުން ނުދޭން - ފޮޓޯ: މަޖިލިސް އިދާރާ


ގޯއްޗާއި ފުލެޓުތައް އަތުލަން އުޅޭކަމަށް ތުހުމަތުކޮށް ހައުސިން މިނިސްޓަރަށް ރުހުން ނުދޭން ގޮވާލައިފި

21 ނޮވެންބަރު 2023 - 10:41 2

ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފުލެޓުތައް މި ސަރުކާރުން އަތުލަން އުޅޭ ކަމަށް ތުހުމަތުކުރައްވައި، ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލު ނަސީމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ކުރި ބަހުސްގައި މީކާއީލް ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރުހުންދޭން އެމްޑީޕީން ތުރީލައިން ވިޕެއް ނުނެރެން އެދިވަޑައިގަންނަވާ ކަަމަށެވެ. އެކަމަށް ވިޕެއް ނެރުނު ނަމަވެސް ހައިދަރަށް ރުހުންދޭން ވޯޓު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން، އެ ނިޔަތް ކަނޑައަޅައިގެން އެ ނިޔަތާއެކު ވަޑައިގެން ހުންނެވި މި ހައުސިން މިނިސްޓަރަށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓެއް ނުލިބޭނެ އިއްޒަތްތެރި ރައީސް، އެމްޑީޕީގެ ތުރީ ލައިން ވިޕް އެހެން އަޅުއްވަން ނަހައްދަވާތި" މީކާއީލް ވިދާޅުވި އެވެ.

އާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ބޭފުޅުންނަށް ރުހުން ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.

"އެ ފުރުސަތެއް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މި މަޖިލީހުން ދީގެނެއް ނުވާނެ، އިއްޒަތްތެރި ރައީސް ހައުސިން މިނިސްޓަރަށް މިހާރު މި އައްޔަންކުރައްވާފައިވާ ބޭފުޅާއަށް އަޅުގަނޑުގެ ރުހުމެއް ނެތް، ގަލޮޅު ދެކުނު ދާއިރާގެ ރުހުމެއް ނެތް، މި މާލޭގެ ރުހުމެއް އަދި މާ ސާފުކޮށް ނެތް" މީކާއީލް ވިދާޅުވި އެވެ.

ބަހުސްކުރައްވަމުން މީކާއިލު ވިދާޅުވީ، މިއީ ރައީސް މުއިއްޒުއަށް ބާރެއް ލިބޭ ކޮންމެ ފަހަރަކުވެސް ކަންކުރައްވާ ގޮތް ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އެޅި ގާކޮށި ފުލެޓުތައް ކޮމާޝަލް ރޭޓުގައި ވިއްކާލުމާއި ގުޅީފަޅަކީ މީހުންނަށް ދިރިނޫޅެވޭ ތަނެއް ކަމަށް ކަނޑައަޅާ އެ ތަނުން ދިން ގޯއްޗާއި ފުލެޓުތައް ބާތިކުކުރި ވާހަކަ އެވެ.

"މުއިއްޒަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު، ޕީޕީއެމަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު އެބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތަކީ ހައްގުވެރިން އަތުން ލިބޭ އެއްޗެއް ފޭރިގަނެ، އެބޭފުޅުންގެ ކެމްޕޭނުގައި އުޅުއްވާ އެކްޓިވިސްޓުންނަށް ބައްސަވާލައްވާ، އެބޭފުޅުންނަށް މަސައްކަތް ކޮށްދޭ ބޭފުޅުންނަށް ބައްސަވާލެއްވުން" މީކާއިލު ވިދާޅުވި އެވެ.

އިއްޔެ ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ހައިދަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާކަމަށް ވިދާޅުވެ، "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ދޫކޮށްފައިވާ ރެޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފަ އެވެ.

އެއާއެކު، އިދިކޮޅު އެމްޑީޕީގެ އަދި އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ، ހުކުރު ދުވަހު އެކުލަވާލި އާ ސަރުކާރަށް އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ސަރުކާރުން ގޯއްޗާއި ފުލެޓު އަތުލަން އުޅޭ ކަމަށާއި، ކެމްޕޭނުގައި ރައީސް މުއިއްޒު އެ ތަކެތި އަތުނުލާނެ ކަމަށް ވިދާޅުވިކަން ފާހަގަކޮށްފަ އެވެ.