Advertisement

މިދިޔަ މަހު އިމްޕޯޓު ފަސް ބިލިއަން ރުފިޔާއަށް އިތުރުވި ނަމަވެސް ޑިއުޓީ އާމްދަނީ ދަށަށް

20 ނޮވެންބަރު 2023 - 18:12 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭ ކޮމާޝަލް ޕޯޓުގައި މަޖޫރީންތަކެއް މުދާ ބޭލުމުގެ މަސައްކަތުގައި: ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުލެމުންދާތީ އިމްޕޯޓަަށް ކުރާ ހޭދަ އަންނަނީ އިތުރުވަމުން -- ފޮޓޯ/މުހައްމަދު ޝާބިން


މިދިޔަ މަހު އިމްޕޯޓު ފަސް ބިލިއަން ރުފިޔާއަށް އިތުރުވި ނަމަވެސް ޑިއުޓީ އާމްދަނީ ދަށަށް

20 ނޮވެންބަރު 2023 - 18:12 0

މިދިޔަ މަހު ފަސް ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި ނަމަވެސް ކުރީ އަހަރުގެ މި މުއްދަތަށް ވުރެ ޑިއުޓީ އާމްދަނީ ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން ނެރޭ އިމްޕޯޓާއި އެކްސްޕޯޓު އަދަދުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޑިއުޓީގެ ގޮތުގައި ލިބުނީ 336 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެތެރެކުރި 4.2 ބިލިއަން ރުފިޔާގެ މުދަލުން ޑިއުޓީގެ ގޮތުގައި ލިބުނު 364 މިލިއަން ރުފިޔާއަށް ވުރެ މަދު އަދަދެކެވެ.

ޑިއުޓީ އާމްދަނީއަކީ އިމްޕޯޓު ކުރާ މުދަލުގެ އަދަދާ ސީދާ ގުޅޭ އަދަދެއް ނޫނެވެ. ސަބަބަކީ އެކި ބާވަތްތަކުގެ މުދަލުން ނަގާ ޑިއުޓީގެ ނިސްބަތް ތަފާތުވާތީ އެވެ. މިހެންކަމުން މި އަދަދު ބޮޑަށް ބިނާވަނީ މުދާ އެތެރެކުރަން ހަރަދުވީ ޖުމްލައަށް ވުރެ ބޮޑަށް އެތެރެކުރޭ ބާވަތްތަކުގެ މުދަލަށެވެ.

މިދިޔަ މަހު އެންމެ ބޮޑު ހަރަދެއް ހިނގީ ތެލާއި މެޝީނަރީ އާއި ކާބޯތަކެތީގެ ބާވަތްތައް އިތުރުކުރާށެވެ. އާންމުކޮށް އިމްޕޯޓުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ބަޔެއް ހަރަދު ވަނީ މި ތިން ބާވަތުގެ ތެރޭގައި ހިމެނޭ މުދާ އެތެރެކުރުމަށެވެ.

އިމްޕޯޓު މައްޗަށް ދިޔަ ނަމަވެސް މިދިޔަ އޮކްޓޫބަރަށް ވުރެ އެކްސްޕޯޓު ކުރި މުދަލުގެ އަގު ދަށެވެ. މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ ޖުމްލަ އަގަކީ 163 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުގައި 187 މިލިއަން ރުފިޔާގެ އަގުހުރި މުދާ އެކްސްޕޯޓު ކުރި އެވެ.

ފާއިތުވި މަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކަކީ ޔޫއޭއީ އާއި އިންޑިއާ އާއި ޗައިނާގެ އިތުރުން އޮމާނާއި މެލޭޝިއާ އެވެ. އެންމެ ގިނައިން މުދާ ބޭރުކުރީ ތައިލެންޑާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ފްރާންސާއި ވިއެޓްނާމަށެވެ.