Advertisement

އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީ އެއް ވަނައަށް

12 ނޮވެންބަރު 2023 - 12:45 0


އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީ އެއް ވަނައަށް

12 ނޮވެންބަރު 2023 - 12:45 0

ރެއިމްސް (ނޮވެމްބަރު 11) - ކީލިއަން އެމްބާޕޭގެ ހެޓްރިކާއެކު ރެއިމްސް 3-0 އިން ބަލިކޮށް ފްރާންސް ލީގުގެ އެއް ވަނައަށް ޕީއެސްޖީ ޖެހިލައިފިއެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި 26 ޕޮއިންޓާއިއެކު ނީސް އޮތްއިރު، ތިން ވަނައިގައި އޮތީ މޮނާކޯ އެވެ. ސީޒަންގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ނެރުނު ރެއިމްސް އޮތީ 20 ޕޮއިންޓާއިއެކު ހަތަރު ވަނައިގަ އެވެ.

މިއީ ސީޒަނުގައި ފްރާންސް ލީގުގެ އެއް ވަނައަށް ޕީއެސްޖީ އެރި ފުރަތަމަ ފަހަރެވެ. އެ ޓީމަށް އެއްވަނަ ލިބުނީ ދެވަނައިގައި އޮތް ނީސް ރޭ ކުޅުނު މެޗުން މޮޅުނުވުމުންނެވެ. މޮނެޓްޕެލިއާ އާއި ނީސް ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ރެއިމްސް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި އެމްބާޕޭ ޖެހި ފުރަތަމަ ގޯލަކީ އޮސްމާނޭ ޑެމްބެލޭ ނަގައިދިން ހުރަހަކުން ޖެހި ގޯލެކެވެ. އޭގެ ފަހުން ދެ ވަނަ ގޯލު ދެވަނަ ހާފުގައި އެމްބާޕޭ ޖެހީ ކާލޯސް ސޮލެއާ ނަގައިދިން ހުރަހަކުންނެވެ. އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށެވެ.

މިއީ މި ސީޒަންގައި އެމްބާޕޭގެ ފުރަތަމަ ހެޓްރިކެވެ. މި ގޯލުތަކާއިއެކު 13 ގޯލު ހަމަކޮށް އޭނާ ވަނީ ލީގުގެ ލަނޑު ލިސްޓުގެ ކުރިއަށް ދެމިލާފަ އެވެ.

ރޭގެ މޮޅަކީ ލީގުގައި އެޓީމުން ޖެހި ޖެހިގެން ހޯދި ފަސް ވަނަ މޮޅެވެ. ލީގުގެ ނަތީޖާތައް ރަނގަޅުވި ނަމަވެސް އެ ޓީމަށް ޗެމްޕިއަންސް ލީގުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވިއިރު، ޕީއެސްޖީ އޮތީ ގްރޫޕްގެ ދެ ވަނައިގަ އެވެ.

ވާދަވެރި ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓް ހޯދައިގެން އޮތީ ޑޯޓްމުންޑެވެ. ޕީއެސްޖީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އޭސީ މިލާނަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ނިއުކާސަލް ޔުނައިޓެޑް ފުލުގައި އޮތީ ހަތަރު ޕޮއިންޓާއިއެކުގަ އެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ހުރިހާ ޓީމަކަށްވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.

ފްރާންސް ލީގުގައ ރޭ މޮނާކޯ ކުޅުނު މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުން މޮނާކޯ މޮޅުވި ނަމަ އެ ޓީމަށް ދެވަނައަށް ޖެހިލެވޭނެ އެވެ.