Advertisement

ދަރިވަރުންގެ ކަންބޮޑުވުންތައް އޮއްސާލީ އަދަބީ ފޯވައްސަށް

7 ނޮވެންބަރު 2023 - 06:48 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު

އިޒްރޭލުގެ ނުބައިކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ދައްކުވައިދޭން އިހަވަންދޫ ސްކޫލުގެ ދަރިވަރުން، އެ ސްކޫލުގެ އަދަބީ ފޯވަހީގައި ހުށަހަޅައިދިން ތަމްސީލެއް. -- ފޮޓޯ: ކަލަޑްރޮޕް


ދަރިވަރުންގެ ކަންބޮޑުވުންތައް އޮއްސާލީ އަދަބީ ފޯވައްސަށް

7 ނޮވެންބަރު 2023 - 06:48 1

ޔަހޫދީ އިސްރާއިލުންގެ ލާއިންސާނީ އަމަލުތަކާމެދު މުޅި ދުނިޔެ އޮތީ ކަންބޮޑުވެފަ އެވެ. އެ މައްސަލައިގައި މުސްލިމު އުއްމަތް ދަނީ ކަރުނަ އަޅައި ރޮމުން ގިސްލަމުންނެވެ. ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ. ހުޅަނގުން އެކުގައި ތެދުވެ ތިބީ ޔަހޫދީންގެ ދިފާއުގަ އެވެ. މުސްލިމުންނަށް ކުރެވޭހާ ވެސް ކަމަކީ އެއްވުންތަކާއި ކަންބޮޑުވުންތައް ފާޅުކުރުމެވެ. އިހުސާސްތައް ބޭރުކުރުމެވެ. ފަރުދީ ފެންވަރުން ފެށިގެން ޖަމާއަތުގެ ފެންވަރުގަ އެވެ. މީސްމީޑިއާގެ މަންސަތަކަށެވެ. ނަމަވެސް، ޔަހޫދީންގެ މަކަރުވެރިކަމާއި އެ ވެރިންގެ ދެގޮތެއް ނުވާ ޖާހިލުކަމުގެ ކުރިމަތީގައި މީސްމީޑިއާ ވެސް އޮތީ ކުޑަކަކޫ މައްޗަށް ތިރިކޮށްލައިފަ އެވެ. ފަލަސްތީނުގެ ހާލަތު ދައްކުވައިދޭ ހަބަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްލާއިރަށް ބިރުން ރޫރޫ އަޅައަޅާ ތިބެ އެ ނަގަ އެވެ. ފޮހެލައެވެ. ނުވަތަ ފެނުން ދަށްކުރެ އެވެ. ކަން މިހެން ހުއްޓަސް ދިވެހި އުއްމަތުން ކުރާ ހިތްވަރަށް ބަދަލެއް ނާދެ އެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން އިސްރަށްވެހިންގެ ހިތުގައި ވަނީ އެއް ރޫހެކެވެ.

މިފަހަރުގެ ކަންބޮޑުވުންތައް މުޅީން ތަފާތެވެ. އިހަވަންދޫ ސްކޫލުގެ ކިޔަވާ ކުދީން އެ ކުދީންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ބޭރުކޮށްލީ އަދަބިއްޔާތުގެ އުފެއްދުންތަކުންނެވެ. ޅެމާއި ރައިވަރާއި ބަނދީގެ ގޮތުގަ އެވެ. ލަވަ އާއި ޑުރާމާތަކުގެ ޒަރިއްޔާއިންނެވެ. އެ ސްކޫލުގައި ފާހަގަ ކުރަމުންދާ އެ ސްކޫލުގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގެ ހަރާކާތްތަކުގައި ދަރިވަރުންގެ ހިތުގައި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާ މެދު ކަންބޮޑުވާ ކަންކަން ހިއްސާކޮށްދިން ގޮތް ވަރަށް ތަފާތެވެ. އޭގެތެރެއިން އެއް އައިޓަމު ހާއްސަކޮށްފައި އޮތީ ސީދާ ޔަހޫދީ ދައުލަތް އުފެދިގެން އައި ގޮތުން ފެށިގެން އަދުގެ ހާލަތަށެވެ.


ފަލަސްތީނުގެ އަންހެނުންނާއި އަންހެން ދަރީންނަށް ކެނޑިނޭޅި ޔަހޫދީން ދެމުން ގެންދާ އަނިޔާތައް އެ ކުދިން ހުށަހަޅައި ދިނީ ޅެން ތަމުސީލެއްގެ ސިފައިގަ އެވެ. މައިންނާއި ދަރީން ވަކިކޮށްލާ އަސަރުގަދަ މަންޒަރު ބަލަންތިބި މީހުން ފެންކަޅިކޮށްލި އެވެ. ޔަތީމުވެ ނިކަމެ ބިކަވެގެންދާ ދަރިންގެ ހާލަތު ކިޔައިދިނެވެ. މައިން އެކަނިވެ ފިރިންނާ ދުރުކޮށްލާ ގޮތް ދައްކުވައިދިނެވެ.


އަޤްސާ މިސްކިތުގެ ދިފާއުގައި މުސްލިމު އުއްމަތް ކުރަމުންދާ ޖިހާދުގައި އަންހެނެއް ފިރިހެން ކުޑަ ކުއްޖެއް ނެތި ދައްކަމުންދާ ހިތްވަރަށް އެ ކުދިން ޑުރާމާގައި ވަނީ އަލިއަޅުވާލާފައެ ވެ. ލަޓިބުރިތަކާއި ގަލުން، އަމިއްލަ ދިފާއުގައި ތެދުވެ ކުރި ޖިހާދުގެ ހުޅުގަނޑު ފަޅައިގެން ގޮސް ފަލަސްތީނުގެ ރައްޔިތުންނަށް ހަތިޔާރު ލިބި އިޒްރޭލަށް ދިން ކުއްލި ހަމަލާ އުފެދެން މެދުވެރިވި ގޮތްވަނީ ސާފުކޮށް ދައްކުވައިދީފަ އެވެ.


މި ދަރިވަރުން ހުށަހަޅައިދިން ޅެން އުފައްދާފައި ވަނީ ވެސް ހަމަ ސީދާ ދަރިވަރުންނެވެ. އައިޓަމް ފެށުމުގެ ކުރިން އެކަން ދަރިވަރުންވަނީ ހިއްސާކޮށްފައެވެ. މުޅި އައިޓަމްގެ ސްކްރިޕްޓު އޮތީ ޅެމުންނެވެ. ހިޔާލުތައްވަނީ ޅެންބަހުރުވައަށް ފައްތައިފަ އެވެ.

ދެން މިއޮތީ ލަވައެއްގެ ޒަރިއްޔާއިން ހުށަހަޅައިދީފައިވާ އިހުސާސްތަކެވެ. އަސާރާއި ވޭނުން ފުރިފައިވާ ޝިކާޔަތެކެވެ. މިހާރުގެ ހާލަތު ކިޔައިދިނީ އެ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރު މިޝްކާ ބިންތު މުހައްމަދު ރަޝީދެވެ. މި ލަވައިގެ ޅެން ތައްޔާރުކޮށްދީފައިވަނީ އެ ސްކޫލުގެ ބެލެނިވެރިޔާ، އެ ދަރިވަރުގެ ބައްޕަ މުޙައްމަދު ރަޝީދެވެ.

"އަބަދުވެސް އޭރެއްގެ އިހުސާސްތައް ހުށަހަޅައިދިނުމަށް އިސްކަންދެވޭ. އަދަބީ ފޯވަހި އިންތިޒާމުކޮށްފައި އޮތް ގޮތުން މުޅީން އާ އުފެއްދުންތަކަށް މާކުސް އެބަ އިތުރުވޭ. އެހެންވެ ހިތަށް އެރީ ދަރިފުޅަށް މި ދުވަސްކޮޅުގެ ހާލަތު އަންގައިދޭނީ ލަވައެއްގެ ސިފައިގައޭ. ދެން ހައުސް މުދައްރިސުން ވެސް އެގޮތަށް ހިޔާލުދެއްވީ." މުޙައްމަދު ރަޝީދު ހިއްސާކުރިއެވެ.

"ވަރަށް ތަފާތު އައު ހިޔާލުތައް މިފަހަރު ފެނިގެން އެބަދޭ. ހައްސަކޮށް ދަރިވަރުންގެ ކަންބޮޑުވުންތައް ހުރި ދާއިރާތައް މި އަދަބީ ފޯވަހީގެ ޒަރިއްޔާއިން ހިއްސާކުރަމުން ގެންދޭ. އަދަބީ އެކި އުފެއްދުންތަކުގެ ގޮތުގައި. މިއަދު މުޅި އިސްލާމީ އުއްމަތް އެންމެ ކަންބޮޑުވާ އެއް މައްސަލައެއީ ފަލަސްތީނު މައްސަލަ، އެހެންވެ ދަރިވަރުންގެ ހުށަހެޅުންތަކުގައި ވެސް އެކަން ވަރަށް ފާޅުކޮށް ދައްކުވައިދެމުން އެބަދޭ." އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ޕްރިންސިޕަލްގެ ވާހަކައިން ހާމަވީ މި ކަންބޮޑުވުންތައް އުފެދިފައިވަނީ އެކުދިންގެ ސީދާ ހިތުންކަމެވެ.

"އެހެންވީމަތާ ދަރިވަރުން އަމިއްލައަށް ޅެމާއި ބަނދިތައް ސީދާ އެ މައުލޫއަށް އެ ހިއްސާކުރަނީ."


ގުރޫޕު ހުށަހެޅުންތަކުގެ އިތުރުން ވަކިވަކި ދަރިވަރުންގެ އައިޓަމްތަކާއި ހުށަހެޅުންތަކުގައި ވެސް އެއް މައުލޫއަކަށް އެންމެ ގިނައިން ވާހަކަ ދައްކާފައިވަނީ ސީދާ ފަލަސްތީނުގެ މައްސަލައަށް ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ.

މިއަހަރު އިހަވަންދޫ ސްކޫލުން ފާހަގަކުރަމުންދަނީ އެ ސްކޫލުގައި ހުއްޓުމެއް ނެތި އަދަބީ ހަރަކާތްތަކާއި މުބާރާތްތައް ބާއްވަމުންދާތާ 25 އަހަރު ފުރޭ، ރިހި ހިދުމަތުގެ ރިހިފަންސަވީ ހެވެ. ރިހިފަންސަވީހުގެ މި ހަރަކާތްތައް ނޮވެމްބަރު 2 އިން 8ގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށްވަނީ ތާވަލުކޮށްފަ އެވެ. ދަރިވަރުންގެ ހުށަހެޅުންތައް އަދިވެސް ކުރިއަށް އެބަހުއްޓެވެ. އެ ހުށަހެޅުންތަކުގައި ވެސް ފަލަސްތީނުގެ ހާލަތާ މެދު ހިޔާލުފާޅުކުރުމަށް އައިޓަމްތައް ތައްޔާރުކޮށްފައިވާކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވަ އެވެ.

ފަލަސްތީނުގެ ދިފާއުގައި ފޭސްބުކާއި އެނޫން މަންސަތަކަށް އަދާހަމަކުރެވެމުންދާ ޕޯސްޓުތަކާއި ފޮޓޯތައް ހަޖަމު ނުވާ ޔަހޫދީންނަށް މި ފޮޓޯތައް ފެނިފައި ވާނެ ގޮތެއް ނުވިސްނެ އެވެ. ނަމަވެސް، ފޮޓޯތަކާއި ޕޯސްޓުތައް ނެގިޔަސް، ނައްތައިލިޔަސް މި ދަރިވަރުންގެ ހިތުގައި ކުރެހިފައިވާ، އަދަބީ އުފެއްދުންތަކުގެ ޒަރިއްޔާއިން ފެވިގެން ދިޔަ މަންޒަރުތަކަށް ޔަހޫދީންނަށް ފަސޭހައިން ނައްތައިލެވިދާނެ ހެއްޔެވެ؟

އަދަބީ ފޯވަހީގެ އިތުރު ފޮޓޯތައް