Advertisement

ޗެލްސީ ޓީމަށް ގެނައި ބަދަލުތައް މާގިނަ، އޭގެ އަސަރު މި ފެންނަނީ: ޕޮޗެޓީނޯ

4 ނޮވެންބަރު 2023 - 18:09 0


ޗެލްސީ ޓީމަށް ގެނައި ބަދަލުތައް މާގިނަ، އޭގެ އަސަރު މި ފެންނަނީ: ޕޮޗެޓީނޯ

4 ނޮވެންބަރު 2023 - 18:09 0

ލަންޑަން (ނޮވެމްބަރު 4) - ޗެލްސީ އަށް މި ސީޒަނުގައި އެއް ފެންވަރެއްގައި ނުކުޅެވިގެން އުޅޭ ސަބަބަކީ ޓީމަށް މާ ގިނަ ބަދަލުތަކެއް ގެނައުންކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިދިޔަ އަހަރެއްހާ ދުވަހު ޗެލްސީން ވަނީ ވިއްސަށް ވުރެ ގިނަ ކުޅުންތެރިންނަށް ބިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް ހޭދަކޮށްފަ އެވެ. މިއީ ރެކޯޑު އަދަދެކެވެ. އެ ކްލަބަށް ގެނައި ބައެއް ކުޅުންތެރިންނަކީ ޕްރިމިއާ ލީގުގެ ރެކޯޑު އަގުތަކަށް ގެނައި ކުޅުންތެރިންނެވެ.

ބޮޑު ހޭދައެއް ކުރި ނަމަވެސް މިދިޔަ ސީޒަނާއި މި ސީޒަނުގައި ވެސް އެ ކްލަބަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. މިދިޔަ ސީޒަން ޗެލްސީން ނިންމާލީ 12 ވަނައިގަ އެވެ. މިހާތަނަށް މި ސީޒަންގައި 10 މެޗު ކުޅުނުއިރު، ޗެލްސީ އޮތީ 11 ވަނައިގަ އެވެ. ލީގުގައި އެކުލަބު މޮޅުވީ އެންމެ ތިން މެޗުންނެވެ.

އެއް ފެންވަރެއްގައި ނުކުޅެވޭ މައްސަލައިގައި ވާހަކަދައްކަމުން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މިއީ ކްލަބުގެ ވެރިން މިދިޔަ ދެ އަހަރެއްހާ ދުވަހު ގެނައި ބަދަލުތަކުގެ އަސަރުތައް ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުލަބަށް މިހާ ބޮޑު ބަދަލެއް އައުމުގެ ސަބަބުން ޓީމަށް އެކަމުގެ އުނދަގޫ ކުރިމަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޯޗު ބުނީ ސްކޮޑަށް އައި ބަދަލުތަކަށް ބަލާއިރު ގިނައީ ޒުވާން ކުޅުންތެރިންކަމަށާއި، މި ކުޅުންތެރިންނަށް ޓީމެއްގެ ގޮތުގައި ކުޅެން އުނދަގޫވެގެން އުޅެނީ އެހެންވެގެން ކަމަށެވެ.

ޕޮޗެޓީނޯ ބުނީ އެންމެ ބޮޑަށް މިކަން ފާހަގަވަނީ އެކި މެޗުތަކުގައި އެކި ގޮތަށް ކުޅެން ޖެހޭތީ، ޓީމްގެ ގޭމް ޕްލޭން ބަދަލުކުރަން ޖެހޭ ހިސާބުން ކަމަށެވެ. އެކަމަށް ހޭނެން ބައެއް ކުދިންނަށް އުނދަގޫވަނީކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންނަކީ ޒުވާން ޓީމެއް، މިދިޔަ ޓްރާންސްފާގައިވެސް ބޮޑެތި ބަދަލުތަކެއް އެއައީ. އޭގެ ސަބަބުން އުނދަގޫވެގެން އުޅެނީ. އެއް ފެންވަރެއްގައި ނުކުޅެވެނީ އެހެންވެ،" ޕްރިމިއާ ލީގުގެ ޓޮޓެންހަމަށްވެސް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

އޭނާ ބުނީ ބޮޑެތި ބަދަލުތަކެއް ޓީމަށް އައިނަމަވެސް ހިތްވަރު އެލުވާނުލާ މަސައްކަތްކުރުން މުހިންމުކަމަށެވެ. އަދި ސަޕޯޓަރުންވެސް މި ދަނޑިވަޅުގައި ޓީމާ އެކު ތިބުމަށް ޕޮޗެޓީނޯ އެދުނެވެ.

ޗެލްސީ އަށް ކުރިއަށް އޮތީ ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗެވެ.