Advertisement

ކުޑަކުޑަ އެންޑްރިއާގެ ކުރެހުންތަކުން މި ދައްކާލީ ރާއްޖެ އަށް ޖެހުނު ލޯބި

4 ނޮވެންބަރު 2023 - 08:47 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކިން ތަޑަރް ހެޓެޓް (އެންޑްރިއާ)، "އޯޝަން އެޑްވެންޗާސް" ފޮތުގެ ކުރެހުންތައް ފުރިހަމަކުރަނީ --


ކުޑަކުޑަ އެންޑްރިއާގެ ކުރެހުންތަކުން މި ދައްކާލީ ރާއްޖެ އަށް ޖެހުނު ލޯބި

4 ނޮވެންބަރު 2023 - 08:47 0

އުފަން ގައުމު ދޫކޮށް، އެހެން ގައުމަކަށް ބަދަލުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނުދަންނަ ބަޔެއްގެ ތެރެއަށް، އެ މީހުންގެ އާދަކާދަތަކަށް ހޭނުމަކީ ދަތި ކަމެކެވެ. އެއީ އަލުން ދިރިއުޅުން ބިނާކުރުން ފަދަ ކަމެކެވެ. ތައިލެންޑުގެ ބެންކޮކުން ކުޅުދުއްފުށި ސިޓީއަށް ބަދަލުވި މިޔަންމާގެ އެ ދެމަފިރިންގެ ކަންބޮޑުވުމަކަށްވީ، ޅަ ދަރިފުޅު ރާއްޖޭގެ އާ މަހައުލަށް ހޭނުމުގައި އަތުވާނެ ގޮންޖެހުންތަކެވެ.

ޑޮކްޓަރުންގެ ގޮތުގައި ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރައްވާ ޑރ. ޔެ މިން ހެޓެޓް އާއު ޑރ. ޓިން ހިނިން، އެ ދެމަފިރިންގެ ހަމައެކަނި ދަރިފުޅު ކިން ތަޑަރް ހެޓެޓް (އެންޑްރިއާ) އާ އެކު ކުޅުދުއްފުއްޓަށް ބަދަލުވީ މީގެ ދެ އަހަރު ކުރިން ޖެނުއަރީ 2021 ގަ އެވެ.

ހީކުރި ގޮތާ ހިލާފަށް ރާއްޖޭގެ މާހައުލު ވެގެންދިޔައީ އެންޑްރިއާ އަށް އުފާވެރި ތަނަކަށެވެ. ދެމަފިރިންގެ ކަންބޮޑުވުން ބަދަލުވީ ހިތްހަމަޖެހުމަކަށެވެ. ރާއްޖޭ ގުދުރަތީ ރީތިކަމާއި، ހަމަހިމޭން މާހައުލުވީ ތުއްތު އެންޑްރިއާގެ ހިތުގައި ގުދުރަތީ ކަންކަމާއި މެދު އޮތް ޝައުގުވެރިކަން އިތުރުކޮށްދިން ކަމަކަށެވެ. އަބަދުވެސް ހެލިފެލިވެ އުޅޭ އަދި އެންމެނާ ގުޅޭ މިޒާޖެއްގެ އެންޑްރިއާއަށް ރާއްޖޭން އެންމެ ކަމުދިޔައީ މޫދެވެ. މޫދު އަޑީގެ މަންޒަރުތަކާއި ކަނޑު ފަރުތަކުގެ ދިރުންތަކެވެ.

ނަތީޖާއަކަށްވީ އުމުރުން އެންމެ އަށް އަހަރުގައި، އެންޑްރިއާ ފޮތެއްގެ މުސައްނިފަކަށް ވުމެވެ. އެ ފޮތުގައި ހިމެނޭ ޝައުގުވެރި ކުރެހުންތަކުގެ ވެރިޔާ އެއީ އެވެ. "އޯޝަން އެޑްވެންޗާސް" ގެ ނަމުގައި އެންޑްރިއާ ތައްޔާރުކުރި ފޮތުގައި ވަނީ އޭނާގެ ހިތުގެ ޝުއޫރުތަކާއި، ކަނޑުގެ ދިރުންތަކަށް އޮތް ލޯބި ދައްކުުވައިދޭ ރީތި ކުރެހުންތަކެވެ.

ކުޅުދުއްފުއްޓަށް ބަދަލުވުމަށްފަހު އެންމެ ގަޔާވެގެން އެންޑްރިއާ ކުރާކަމަކީ އަތިރިމައްޗަށް ދިއުމާއި، މޫދަށް އެރުމެވެ. އޭނާގެ ބައްޕަ ޑރ. ޔެ މިން ހެޓެޓް ބުނި ގޮތުގައި ސްކޫލުގެ އެކުވެރިން އަދި އޭނާއާއެކު ވެސް ވަރަށް ގިނައިން އެންޑްރިއާ މޫދަށް ގޮސް އުޅެ އެވެ. ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާށެވެ.

"އަހަރެންނާ އެންޑްރިއާ ވަރަށް ގިނައިން ސްނޯކަލިން އަށް ދަން. ޗުއްޓީގައި ކައިރީ ރަށްތަކަށް ގޮސް މޫދަށް އެރި ހަދަން. އެންޑްރިއާ ގޮވައިގެން ދެ ފަހަރަކު ސްކޫބާ ޑައިވިންއަށް ވެސް ދިއައިން. އެއީ އެކަމަށް އެންޑްރިއާ ޝައުގުރިވާތީ،" އެންޑްރިއާގެ ބައްޕަ "އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި ކިޔައިދިނެވެ.

އެންޑްރިއާ ސްކޫބާ ޑައިވިން ކުރާ މަންޒަރު --


އޯޝަން އެޑްވެންޗާސް ފޮތުގައި ހިމެނޭ ހުރިހާ ކުރެހުމަކީ އެންޑްރިއާގެ އަމިއްލަ ކުރެހުންތަކެވެ. ލިބިފައިވާ ކުރެހުމުގެ ހުނަރު ބޭނުންކޮށްގެން އޭނާ ސިފަކޮށްދީފައިވަނީ ރާއްޖޭގެ ކަނޑުފަޅުގައި ދިރިއުޅޭ އެކި ބާވަތުގެ ދިރުންތަކެވެ. މަންޓާ ރޭ، އީގަލް ރޭ، ވެލާ، މިޔަރު އަދި ތަފާތު ވައްތަރުގެ މަހެވެ.

މި ތަފާތު ދިރުންތައް ދެނެގަންނަން އެންޑްރިއާއަށް ދަސްވީ އޭނާގެ ޑައިވިން އިންސްޓްރަކްޓަރުންގެ ފަރާތުންނެވެ. ކޮންމެ ކުރެހުމެއް ކައިރީ ލިޔެލާފައި އިންނަ ކުޑަ ލިޔުންކޮޅުން އެންޑްރިއާގެ ހިތުގައި އެ ދިރުންތަކާއި މެދު ވާ ޝައުގުވެރިކަން ހާމަވެ އެވެ.

"ދޭ އާ ލައިކް މެޖިކަލް ޖަޔަންޓްސް! ދޭ ހޭވް ގޮޓް ދިސް ހިއުޖް، ވައިޑް ބޮޑީ ދެޓް ކޭން ބީ އިވެން ބިގާ ދޭން މީ! ކޭން ޔޫ އިމޭޖިން ދެޓް؟ (އެއީ ޖާދުވީ ބޮޑެތި ދިރުންތަކެއް! ލިބިފަވަނީ އަހަރެންނަށް ވުރެ ވެސް ބޮޑު ބިޔަ ހަށިގަނޑެއް! ހިޔާލަށް ގެނެވޭތަ؟)" މަންޓާ ރޭ ކުރެހުމަށްފަހު އެއާ ބެހޭގޮތުން އެންޑްރިއާ ލިޔެފައިވެ އެވެ.

"ދޭ އާ ލައިކް ސުޕާހީރޯސް އޮފް ދަ ސީ، އޯލްވޭސް ލުކިން އައުޓް ފޯ ދެއާ ފްރެންޑްސް އެންޑް ސްވިމިން އަރައުންޑް ވިތް ދެއާ ފްލިޕީ، ފްލަޕީ އާމްސް (އެއީ މޫދުގެ ސުޕާ ހީރޯސް، އަބަދުވެސް އެކުވެރިންނަށް އަޅާލާ ފަތަތާ ތިބޭނެ)" ވެލާ ސިފަކޮށްދެމުން އެންޑްރިޔާ ލިޔުނެވެ.

އެންޑްރިއާގެ ފޮތުގެ ކުރެހުމެއް --


އޯޝަން އެޑްވެންޗާސްގައިވާ ފުރިހަމަ ކުރެހުންތަކަކީ ފޮތެއް ތައްޔާރު ކުރުމުގެ މަގުސަދުގައި ވެސް ކުރި ކަމެއް ނޫނެވެ. އޭނާގެ ބައްޕަ ބުނީ، އެއީ އެންޑްރިއާ އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށް ކުރާ ކަމެކެވެ. އަދި ދަރިފުޅުގެ ހުނަރު ފެނި އެކަމަށް އެއްބާރުލުން ދީ، އެ ހުނަރު ކުރިއަރުވަން މަންމައާއި ބައްޕަ ބޭނުންވީ އެވެ.

"އެންޑްރިއާ ކުރެހީ ފޮތެއް ހެދުމުގެ މަގުސަދަކު ނޫން. އެއްވެސް އެކަހަލަ ޕްރެޝާއެއް ނޯންނާނެ. އޭނަ ކުރަހާ ހިތްވީމަ ކުރަހާލަނީ. ދެން އަހަރެން ބުނަން އެ ދިރުމެއް ސިފަކޮށްދީ ލިޔުންކޮޅެއް ވެސް ލިޔެލާށޭ،" ޑރ. ޔެ މިން ކިޔައިދިނެވެ.

"އޯޝަން އެޑްވެންޗާސް" ފޮތުގެ އެންމެ ފަހު ސޮފްހާ --


ރައީސުލްޖުމުހޫރިއްޔާގެ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަބަލުން ފަޒްނާ އަހުމަދާއި، ޔޫއެންގެ ރާއްޖޭގެ މަންދޫބަށް ވެސް ހަދިޔާކޮށްފައިވާ އެ ފޮތަކީ ގާތްގަނޑަކަށް 14 މަސް ދުވަހުގެ މަސައްކަތެވެ.

އެންޑްރިއާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ ކުރެހުންތައް ފޮތެއްގެ ގޮތުގައި ޝާއިއުކުރަން ނިންމީ އެހެން ކުދިންގެ ހިތުގައި ވެސް ކަނޑުގެ ދިރުންތަކާ މެދު އެ ޝައުގާ ލޯބި އާލާކުރުމަށް ކަމަށެވެ. އޯޝަން އެޑްވެންޗާސް ފޮތް ނިންމާލަމުން ވެސް އެންޑްރިއާ އޭނާގެ ކިޔުންތެރިންނަށް ދީފައިވަނީ އެފަދަ މެސެޖެކެވެ. ކަނޑުގެ ދިރުންތަކަށް ލޯބިކޮށް އެ އެއްޗިސް ރައްކާތެރި ކުރުމަށް އެންޑްރިއާ ވަނީ ހަނދާންކޮށްދީފަ އެވެ.

"ލެޓްސް ރިމެމްބާ ޓު ބީ ކައިންޑް އެންޑް ޝޯ ރެސްޕެކްޓް ޓު ދީސް އޯސަމް ކްރިއޭޗާސް. ޕްރޮމިސް މީ ދެޓް ވީ ވިލް ކީޕް ދަ އޯޝަން ކްލީން އެންޑް ޕްރޮޓެކްޓް އޯލް ދަ އެނިމަލްސް. ރެޑީ ޓު ޑައިވް އިން އެންޑް އެކްސްޕްލޯ ދަ އޯޝަން ވިތް މީ؟ (މި ދިރުންތަކަށް އޯގާތެރިވެ އިހުތިރާމުކުރަން ހަނދާންކުރަމާ. މޫދު ރީތިކޮށް ސާފުކޮށް ބާއްވައި ދިރުންތައް ރައްކާތެރިކުރާނެކަމަށް ޕްރޮމިސްކުރޭ. އަހަރެންނާއެކު މޫދު ދިރާސާކޮށްލަން ދާން ތައްޔާރުތަ؟)" ފޮތުގެ އެންމެ ފަހު ސަފުހާގައި އޭންޑްރިއާ ބުނެފައިވެ އެވެ.