1 ނޮވެންބަރު 2023 - 15:41 0
1 ނޮވެންބަރު 2023 - 15:41 0
ޓިއުރިން، އިޓަލީ (ނޮވެމްބަރު 1) - ޔުވެންޓަސްގެ މިޑްފިލްޑަރު ޕައުލް ޕޮގްބާ ނެތްތަން ފޫބައްދަން އާސެނަލަށް ކުޅެމުން އަންނަ ތޯމަސް ޕާޓޭ ގެންދަން ޔުވެންޓަސް އިން މަސައްކަތް ފަށައިފި އެވެ.
އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޮގްބާ ޓީމާ ދުރަށް ދާން ޖެހުނީ މަނާ ބޭހަށް ޕޮޒިޓިވް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހޭތީ އެވެ. ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވްވެ ކުޅުމާ ދުރުގައި ހުންނަތާ މަހެއް ވެއްޖެ އެވެ. މި މައްސަލައިގައި ނެގި ދެވަނަ ސާމްޕަލްވެސް ޕޮޒިޓިވްވެފައިވާއިރު، އޭނާ އަށް ބޮޑު ސަސްޕެންޝަނެއް އައުން ގާތެވެ.
ޕޮގްބާގެ މައްސަލައިގައި އޭނާ އަށް އަންނާނެ ސަސްޕެންޝަނާ ގުޅޭގޮތުން ގޮތެއް ނިންމުން އޮންނާނީ މިމަހުގަ އެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ޕޮގްބާގެ ރިޕޯޓްތައް ދިރާސާ ކުރަމުންނެވެ.
ޕޮގްބާ މިވަގުތު ހުރީ މުއްދަތެއް ނެތް ގޮތަށް ޓީމާ ދުރުގަ އެވެ. އޭނާއަށް ބޮޑު ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ، ޔުވެންޓަސް އިން އޭނާގެ މުސާރަ ކުޑަކުރާނެ އެވެ.
ޕޮގްބާއަށް ސަސްޕެންޝަނެއް އަންނާނެކަން ޔަގީންވާތީ ޔުވެންޓަސް އިން އަންނަނީ މިޑްފިލްޑަރެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަންނަ ޖެނުއަރީ ޓްރާންސްފާގައި އެކުލަބުން ގެންދަން މަސައްކަތްކުރާނެ ކުޅުންތެރިއަކީ އާސެނަލްގެ ޕާޓޭކަމަށް ބެލެވެ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާސެނަލްގައި ޑެކްލަން ރައިސް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ޕާޓޭއަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ވަނީ ހަނިވެފަ އެވެ. އަނެއްކޮޅުން އަނިޔާގެ މައްސަލަތައް ގިނަވާތީ އާސެނަލުންވެސް ބޭނުންވަނީ ޕާޓޭ ވިއްކާލާށެވެ.
ޔުވެންޓަސް އިން ބޭނުންވަނީ ލޯން އުސޫލުގެ ދަށުން ޕާޓޭ ގެންދާށެވެ. އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ހުށަހަޅާނީ އޭގެ ފަހުން ކަމަށް ބެލެވެ އެވެ.
Comment