Advertisement

އޮޑިޓް އޮފީހަށް 112 މިލިއަންގެ ބަޖެޓެއް ފާސްކޮށްފި

23 އޮކްޓޯބަރު 2023 - 15:41 2

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ނިޔާޒީ އާއި އެ އޮފީހުގެ އިސް ވެރިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އޮޑިޓް އޮފީހަށް 112 މިލިއަންގެ ބަޖެޓެއް ފާސްކޮށްފި

23 އޮކްޓޯބަރު 2023 - 15:41 2

އޮޑިޓަ ޖެނެރަލް އޮފީހަށް އަންނަ އަހަރު 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށެވެ.

ގަފޫރު ހުށަހެޅުއްވީ މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުކުރި 10.4 މިލިއަން ރުފިޔާ އުނިކޮށް، އާ އޮފީސް އިމާރާތުގެ ބަޖެޓަށް 38.1 ކަނޑައެޅުމަށެވެ. އަދި ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމުލަ 74.14 މިލިއަން ރުފިޔާ އަށް ވަނީ ކޮމިޓީން ކުޑަކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރެންޓު ހަރަދާއި ކެޕިޓަލް ހަރަދަށް 85 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި ހަދާ އާ އިމާރާތަށް 32 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮމިޓީން ފާސްކުރީ ޖުމުލަ 112.27 މިލިއަން ރުފިޔާ ދޭށެވެ.

މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރަން 10.4 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަން ހުށަހެޅީ ތަޖުރިބާކާރު މުވައްޒަފުންނާއި ފަންނީ މުވައްޒަފުން ވަކިވުން އިތުރުވަމުންދާތީ، އެފަދަ މުވައްޒަފުން ހިފެހެއްޓުމަށް ކަމަށް އޮޑިޓު އޮފީހުން ކޮމިޓީގައި ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެ އަލަވަންސް ބޮޑުކުރަން ކޮމިޓީން ފާހެއް ނުކުރި އެވެ.

ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވަނީ ހުޅުމާލޭގައި ހަދަމުންދާ އޮޑިޓް އޮފީހުގެ އާ އޮފީސް އިމާރާތް ނިންމުމަށާއި، އެ އޮފީސް ހިންގުމަށް މިހާރު ކުއްޔަށް ނަގައިގެން ހިންގާ ތަނުގެ ކުއްޔަށެވެ. އެ އޮފީހުގެ އާ އޮފީސް އިމާރާތް، 138 މިލިއަން ރުފިޔާއަށް ހަވާލުކުރީ، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި އަހަރަށް އެ އޮފީހަށް ކަނޑައެޅީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 100 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވެގެން ދިޔައީ، ގާޒީ ބިލްޑިން ތަޅާލުމާ ގުޅިގެން އޮޑިޓު އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރުމުންނެވެ.