Advertisement

ވެސްޓް ހޭމް ބަލިކޮށް ވިލާ ކުރިއަށް

23 އޮކްޓޯބަރު 2023 - 08:36 0

ވިލާ އަށް ކުޅޭ އިނގިރޭސ ފޯވާޑް، ވަޓްކިންސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ވެސްޓް ހޭމް ބަލިކޮށް ވިލާ ކުރިއަށް

23 އޮކްޓޯބަރު 2023 - 08:36 0

ބާމިންހަމް (އޮކްޓޫބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް 4-1 އިން ބަލިކޮށް، އެސްޓަން ވިލާ އިން ލީގުގެ ގަދަ ހަަތަރަކާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު، ވިލާ އަށް ނުވަ މެޗުން ލިބުނު 19 ޕޮއިންޓާ އެކު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ލީގުގެ ހަތަރެއްގައި އަށް މެޗުން 20 ޕޮއިންޓާ އެކު، ޓޮޓެންހަމް ހޮޓްސްޕާސް އޮތްއިރު، ތިން ވަަނައިގައި އޮތް ލިވަޕޫލަށް ނުވަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.

ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގައި އޮލީ ވަޓްކިންސް ދިން ބޯޅައަކުން މެޗުގެ 30 ވަނަ މިނިޓްގައި ޑަގްލަސް ލުއީޒް ވަނީ ވިލާ އަށް ލީޑުނަގައިދީފަ އެެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ، 52 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލުއީޒް ވަނީ ވިލާގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ ވިލާގެ ޑިފެންޑަރު، އެޒްރީ ކޮންސާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ވިލާ އިން ލީޑުފުޅާކުރިތާ ހަތަރު މިނިޓް ފަހުން، ވެސްޓް ހޭމް އިން ގޯލެއް ޖަހައި އުންމީދެއް ހޯދި އެވެ. ވެސްޓް ހޭމްގެ މި ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ޖެރޮޑް ބޮވެން އެވެ. ނަތީޖާ ހަމަހަމަކުރަން ވެސްޓް ހޭމް އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެކަމަކު، ދެން ވެސް މެޗުގައި ތަފާތު ދެއްކީ ވިލާ އިންނެވެ. އެ ޓީމުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ.

މެޗުގައި ވިލާގެ ތިން ވަނަ ގޯލު ޖަހާފައިވަނީ 74 ވަަަނަ މިނިޓްގައި ވަޓްކިންސް އެވެ. މިއީ، ވިލާގެ މިޑްފީލްޑަރު، ޖޯން މެކްގިން ދިން ބޯޅައަކުން ޖެހި ގޯލެކެވެ. މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ވިލާ އަށް ޖަހައިދިނީ 89 ވަނަ މިނިޓްގައި ލެއޯން ބެއިލީ އެވެ. މި ގޯލުގައި ވިލާގެ މިޑްފީލްޑަރު، ޔޫރީ ޓީލަމަންސް އިސް ރޯލެއް ކުޅެފައިވެ އެވެ.

މިިދިޔަ ސީޒަނުގައި ވިލާގެ ކޯޗުކަމާ ހަވާލުވި، އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެެމެރީގެ އިރުޝާދުގެ ދަށުން ވިލާ އިން އަންނަނީ ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ.